ޚަބަރު

ޗައިިނާއިން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނާރީއާއި ޓެސްޓު ކިޓް ހަދިޔާކޮށްފި


  • 2 ލައްކަ ރުފިޔާގެ ތަކެތި ވަނީ ހަދިޔާކޮށްފައި

  • ފަތްޕިލާވެއްޔާއި ތަރުކާރީ އަދި މޭވާގެ އައު ބާވަތްތައް ރާއްޖެއަށް ތަޢާރަފްކުރުން ހިމެނޭ

ޗައިިނާއިން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނާރީއާއި ޓެސްޓު ކިޓް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ ޗައިނާގެ ސިޗުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުންނެވެ.

މިއަދު ބޭއްވި "މޯލްޑިވްސް - ސިޗުއާން ޓްރޭޑު އެންޑު އިންވެސްޓުމަންޓު ކޮންފަރެންސް"ގެ ތެރެއިން މި ތަކެއްޗާއި ރަމްޒީގޮތުން ހަވާލުވެވަޑައިގަތީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާއެވެ. މިއީ 100,000 ޗައިނީސް ޔުއާން ނުވަތަ 224،754 ރުފިޔާގެ އަގު ހުރި ތަކެތި ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން، ދިވެހި ސަރުކާރާއި ޗައިނާގެ "ސިޗުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް" އާއި "ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް" އާ ދެމެދު އެއްބަސްވުމެއްގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޢަލީ އާމިރެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ "ސިޗުއަން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް" ގެ ފަރާތުން ޗީފް އެގްރޮނޮމިސްޓް ޝޫ ބިން އަދި "ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް" ގެ ފަރާތުން ޕްރެޒިޑެންޓް މޫ ޖިންގއީއެވެ.

މި އެއްބަސްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ވެށީގައި ފަސޭހަކަމާއެކު ހެއްދޭ ތަފާތު ބާވަތްތަކުގެ ފަތްޕިލާވެއްޔާއި ތަރުކާރީ އަދި މޭވާގެ އައު ބާވަތްތައް ރާއްޖެއަށް ތަޢާރަފްކޮށްދިނުމާއި، އެބާވަތްތައް ގޮވާންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންދީ ނަމޫނާ ދައްކައިދިނުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކުރުމާއި ގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީތަކާއި ގުޅޭގޮތުން ލަފަޔާއި އިރުޝާދުދިނުން ހިމެނެއެވެ.

ޕްރޮޓެކްޓެޑް އެގްރިކަލްޗަރގެ ސްޕެޝަލިސްޓުންނާއި ސައިންޓިސްޓުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ކުރިއަށް ގެންދާ، ތަމްރީނު ޕްރޮގްރާމްތަކާއި، ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ފަހިކޮށްދިނުންވެސް މި އެއްބަސްވުމުގެ ދަށުން ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ކަމާގުޅުންހުރި އެކި ދާއިރާތަކުން ސަރަޙައްދީ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ދިނުން މި އެއްބަސްވުމުގައި ހިމެނޭކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.