ޚަބަރު

އައު ރިސޯޓްތަކުން 4.9 ބިލިއަން ޑޮލަރު ލިބޭނެ- ސަޢީދު


ފަސްއަހަރު ދުވަހުގެ ތެރޭގައި ތަރައްޤީކުރާ ފަންސާސް ރިސޯޓާއެކު ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 4.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް އެޅުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ނުހެދި ހުރި ރިސޯޓްތަކަށް ސަރުކާރުން ދޭ ސޮވަރިން ގެރެންޓީއާ އެކު އެ ރިސޯޓްތައް ހުޅުވުމާއި އަދި މުޅިން އަލަށް ހުޅުވާ ރިސޯޓްތަކާ އެކު އިތުރު 50 ރިސޯޓް ފަސްއަހަރު ތެރޭގައި މާކެޓަށް އަންނާނެކަމަށެވެ. އެރިސޯޓްތަކުން ބާރަ ހާސް ފަސްސަތޭކަ އެނދު އިތުރުވާނެކަމަށާއި، އޮކިއުޕަންސީ ރޭޓުން ބަލާނަމަ ފަތުރުވެރިކަމުން އިތުރު 1.7 ބިލިއަން ޑޮލަރު އިތުރުވެ ފަތުރުވެރިކަމުގެ އާމްދަނީ 4.9 ބިލިއަން ޑޮލަރު ނުވަތަ 75.6 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ސައީދު ވިދާޅުވިއެވެ. 

ރާއްޖޭގައި މިހާރު ސައްބީސްހާސް ފަސްސަތޭކަ ޓޫރިސްޓް އެނދު ހުރި އިރު، 65 އިންސައްތަ އޮކިއުޕަންސީ ރޭޓާ އެކު އަހަރަކު 3.2 ބިލިއަން ޑޮލަރު ރާއްޖެއަށް ފަތުރުވެރިކަމުން އާމްދަނީގެ ގޮތުގައި ލިބެއެވެ. މިކަމުގެ ސަބަބުން ބޮޑެތި މަޝްރޫޢުތައް ހިންގުމަސް ނަގާލޯނުތައް ދެއްކުމަށް  ލުއިފަސޭހަ ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވި. ރާއްޖޭގެ ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގުމަށް ނަގާލޯނުތައް އަދާކުރާނީ މިގޮތަށް އިޤްތިޞާދު ފުޅާކޮށްގެން ލިބޭ އާމްދަނީގެ ތެރެއިން ކަމަށް މުޙައްމަދު ސައީދު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14638972711532.jpg|އެއަރޕޯޓްް އާ ޕެސެންޖަރ ޓަރމިނަލް އިމާރާތްކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ ބޮޑެތި ބިޔަ މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. ސައީދު ވިދާލުވީ، އެއަރޕޯޓް ތަރައްޤީވެގެން ދިއުމާއި، މާލެ ހުޅުލެ ގުޅާލާ ބްރިޖްގެ މަޝްރޫޢާއި، ޔޫތު ސިޓީގެ އިތުރުން މިނިވަން ކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބިނާކުރާ މިސްކިތްފަދަ މަޝްރޫޢުތަކުން ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިޤްތިޞާދީ މިނިވަންކަމާއެކު އިސްލާމީ ހެޔޮ ނަސީބާއެކު ތަރައްޤީ ހާޞިލްކުރާ ޤައުމެއްކަން ދުނިޔެއަށް މިސާލު ދައްކާކަމަށެވެ. ރައީސް ޔާމީން ނޫން ބޭފުޅަކު ހުންނެވި ނަމަ މި މަޝްރޫއުތައް ނުފެށުނީސް ކަމަށާއި، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީވެސް ރައީސް ނިންމެވި ހިތްވަރު ގަދަ ނިންމެވުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މި ހުރިހާ މަޝްރޫޢުތަކުން އެތައް ހާސް އަހަރުތަކެއް ކުރިން ދިވެހިން ކުރި އުއްމީދުގައި ކުލަ ޖެހި، އުއްމީދީ އައު ދިވެހިރާއްޖެއެއް މި ފަސްއަހަރުގެ ތެރޭގައި ރައްޔިތުންނަށް ފެންނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.