ޚަބަރު

އެޗްއާރުސީއެމަށް ޙަބީބް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި


  • ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ކޮމިޓީ މެންބަރުންގެ އިއްތިފާގުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފިއެވެ.

ހަބީބަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޓީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ތަރުތީބުން ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ ލިސްޓުގައި ރައީސް އިސްކަންދެއްވާފައިވަނީ އެޗްއާރުސީއެމަށް އިސްމާޢީލް ޙަބީބު ޢައްޔަންކުރެއްވުމަށެވެ.

އެޗްއާރުސީއެމްގެ މެންބަރަކު އައްޔަން ކުރެއްވުމަށް ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރު ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވެވި އިސްމާޢީލް ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އެގޮތުން، ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްގެ މަގާމު ޙަބީބު ވަނީ ފުރުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޙަބީބު ވަކިވެވަޑައިގެންނެވީ މެންބަރުކަމުގެ ދެ ދައުރު ހަމަވުމާ ގުޅިގެން މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި ޖުމްލަ 5 މެންބަރުން ތިއްބަވައެވެ. މިހާރު އެކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މަރްޔަމް މުނާއާއި، މެންބަރުންގެ ގޮތުގައި ތިއްބެވި މުއުމިނާ ވަޙީދާއި، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާގުގެ އިތުރުން ސަމާޢު އަޙްމަދު ނަޖީބެވެ.