ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމަށްވާ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއަރބަސްގެ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެެޑާއި ޓްރޫނޯޑްއާ ދެމެދުގައެވެ. ޓްރޫނޯޑްއަކީ އެއަރލައިންތަކަށް މަތިންދާބޯޓު ފޯރުކޮށްދޭ ކުންފުންޏެކެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާޒެވެ. ޓްރޫނޯޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރ ކާސްޓް ލިންޑްބޫމްއެވެ.
މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މީގެކުރިންވެސް ރާއްޖޭގައި ވައިޑް-ބޮޑީ އެއަރކްރާފްޓުގެ ދަތުރުތައް ފެށުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ނަމަވެސް އެ މަސައްކަތް ޙަޤީޤަތަކަށްވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ކަމަށާއި، މިކަން ޙަޤީޤަތަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން މީހުން އުފުލޭ މިންވަރު އިތުރުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި އެއިން ލިބޭ މާލީ މަންފާ އިތުރުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޓުކުރުމުގެ ޤާބިލުކަން އައިލެންޑް އޭވިއޭޝަނުގައި އެބަހުރި. މިއީ ފެށުމެއް. އަދި އައު ވައިޑް-ބޮޑީ މަތިންދާބޯޓުތައް ޤައުމީ އެއަރލައިންނަށް އިތުރުކުރެވޭނެ." ވަޒިރު ވިދާޅުވިއެވެ.
We are on the right track to establish wide-body (Airbus-330) operations in the Maldives. President @MMuizzu u's vision for transforming the aviation sector will significantly enhance tourism development and the economy in Maldives. pic.twitter.com/h3bNtwqCln
— Mohamed Ameen (@ameen3d) July 26, 2024
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާޒް ވިދާޅުވީ ވައިޑް-ބޮޑީ މަތިންދާބޯޓު ޤައުމީ އެއަރލައިންނަށް ގެނައުމަށް ވަޒީރުގެ މަޖިލީހުން ނިންމެވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކަމަށެވެ.
މި ނިންމެވުމާއެކު މިފަދަ މަތިންދާބޯޓުގެ ދަތުރުތައް ފެށުމުގެ މަސައްކަތްތައް ފެށިކަމަށާއި، މަތިންދާބޯޓު ގެނެސްދޭނެ ކުންފުންޏެއް ހޯދުމަށް ބީލަމަށް ހުޅުވާލި ކަމަށެވެ. އިޔާޒް ވިދާޅުވީ، މަތިންދާބޯޓު ގެނައުމަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ކުންފުންޏަށް ދެއްވާފައިވާ ކަމަށެވެ.
"ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެވުމަކީ ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖޭގެ ޤައުމީ އެއަރަލއިންނަށް ވާދަކުރަން ހުޅުވޭ ދޮރެއް." އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ވިދާޅުވީ، ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އެއަރބަސް އޭ 330-200 ބްރޭންޑުގެ މަތިންދާބޯޓުތަކެކެވެ. މި ބޯޓު 13000 ކިލޯ މީޓަރު ދުރަށް އެއްވެސް އެއަރޕޯޓެއްގައި ނުޖައްސާ ޑައިރެކްޓުކޮށް ދަތުރުކުރާނެކަމަށް އިޔާޒް ވިދާޅުވިއެވެ. އަދި މިއީ ނެރޯ-ބޮޑީ މަތިންދާބޯޓެއް ދަތުރުކުރާ ރާސްތާއާ އަޅާބަލާއިރު 3 ގުނަ އިތުރު ދުރުމިނެއްކަން އިޔާޒް ފާހަގަކުރެއްވިއެވެ.
އިޔާޒް ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު ގެނެވޭ އެއަރބަސް މަތިންދާބޯޓުގެ ދަތުރުތައް ފެށޭނެކަމަށާއި، އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށް ކަމަށެވެ. އަދި މުސްތަޤުބަލުގައި ޔޫރަޕާއި ސައުތު އެފްރިކާގެ ޤައުމުތަކަށްވެސް ދަތުރުކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައިވެސް ވައިޑް-ބޮޑީ މަތިންދާބޯޓެއް ޤައުމީ އެއަރލައިންނަށް އިތުރުކުރެވޭނެކަމަށް އިޔާޒް ވިދާޅުވިއެވެ.
މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެންނަ އެއަރބަސްގައި 3 ކުލާސް ހިމެނެއެވެ. އެއީ ބިޒްނަސް ކުލާހާއި ޕްރިމިއަމް އިކޮނޮމިކް ކުލާހާއި އިކޮނޮމިކް ކުލާހެވެ. މަތިންދާބޯޓުގައި ޖުމްލަ 264 ގޮނޑި ހިމެނެއެވެ.