ސިއްހަތު

ރީނދޫ ހުން ފެތުރިދާނެކަމުގެ އިންޒާރު ޑަބްލިއު.އެޗް.އޯއިން ދީފި


ދުނިޔޭގެ އެކި ޤައުމުތަކުގައި ރީނދޫ ހުން ވަރަށް ބާރަށް ފެތުރެމުންދާކަމަށާއި މި ހުމުގެ ސަބަބުން ކުޑަކުދިންނާއި ބޮޑެތި މީހުންވެސް މަރުވަމުންދާ ކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔޫ އެޗް އޯއިން ދީފިއެވެ.

އެޖަމްޢިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރ ޑރ. ބްރުސް އައިލްވާޑް ވިދާޅުވީ އެފްރިކާގެ އެތައް ޤައުމެއްގައި ވަރަށް ބާރަށް ރީނދޫ ހުން ފެތުރެމުންދާކަމަށާއި މީގެތެރޭގައި އެންގޯލާއާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި ކެންޔާ ހިމެނޭކަމަށެވެ.

ރީނދޫ ހުމަކީ މަދިރީގެ ޒަރީއާއިން ފެތުރެމުންދާ ބައްޔަކަށްވާތީ އެހުން ކޮންޓްރޯލްކުރުން ވަރަށް ދަތިކަމަށް ޑރ. އައިލްވާޑް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރީނދޫ ހުން އޭޝިޔާގެ ބައެއް ސަރަޙައްދުތަކުގައިވެސް ފެތުރެމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށާއި ޗައިނާގެ ބައެއް ހިސާބުތަކުގައި މި ހުން ފެތުރޭކަން ޗައިނާގެ ޞިއްޙަތާބެހޭ ދާއިރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ސިއްހަތާބެހޭ މުސްތަޤިއްލު ރީސާޗަރުންގެ ޓީމަކުންވެސް ވަނީ އެފްރިކާގެ އިތުރުން ލެޓިން އެމެރިކާއާއި އޭޝިޔާގެ ބައެއް ޤައުމުތަކުގައި ރީނދޫހުން ފެތުރިދާނެކަމުގެ ބިރު ބޮޑުކަން ބަޔާންކޮށް އެކަމުގެ އިންޒާރު ދޭ ރިޕޯޓެއް ނެރެފައެވެ.