ޚަބަރު

ދާޚިލީ ދެކޮޅުވެރިކަމަކަށް ފަސްދީ މިނިވަންކަމަށް ދިވެހިންކުރި ދަތުރު


  • އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރު

  • މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރީ 26 ޖުލައި 1965 ގައި

ބައެއްގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކީ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޣައްދާރުވުމުގެ ސަބަބުން އަޅުވެތިކަމަށްދިޔަ ފަހަރެކެވެ. 1887 ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާންޖެހުނީވެސް އެފަދަ ގޮތަކަށެވެ. ނަމަވެސް އެފަހަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައީ ޣައްދާރެއްގެ ސަބަބަކުންނޫނެވެ. ދިވެހިންގެ މެދުގައިއޮތް ދެކޮޅުވެރިކަމެއްގެ ސަބަބުންނެވެ. ދާޚިލީ ހަމަނުޖެހުމެއްގެ ސަބަބުން ދިވެހިންގެ އަމިއްލަ ކަންކަން ދިވެހިންނަށް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިއުމުންނެވެ.

ތާރީޚީ ޢިލްމުވެރިޔާ އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) ވިދާޅުވާ ގޮތުގައި 1800ގެ ފަހުކޮޅު ރާއްޖެގައި އޮތް އެންމެ ނުފޫޒުގަދަ ދެ ޢާއިލާކަމަށްވާ ކަކާގޭ ޢާއިލާއާއި އަތިރީގޭ ޢާއިލާގެ ކޯޅުމަކީ މިނިވަންކަން ގެއްލޭން މެދުވެރިވި ސަބަބެކެވެ. މި ދެ ޢާއިލާގެ ދެމެދުގައި ކޯޅުންތަކެއް ހިނގަން މެދުވެރިވި ސަބަބަކީ ވެރިކަން ކުރަމުންދިޔަ ރަސްކަލުންނާ ގާތްގުޅުމެއް ބާއްވާ، ރާއްޖޭގެ ބޮޑުވަޒީރުކަން ހޯދަން އޮތް ވާދަވެރިކަމުގެ ސަބަބުންނެވެ. އެދުވަސްވަރު ރާއްޖޭގެ ބޮޑުވަޒީރުކަން ދެއްވަނީ ރަސްގެފާނާ އެންމެ ގާތް އަދި ރަސްގެފާނު އެންމެ އިތުބާރުކުރައްވާ ބޭފުޅަކަށެވެ. މި ވާދަވެރިކަމުގެ ތެރެއިން ދެ ޢާއިލާގެ ދެމެދުގައި އޮތް ކޯޅުންތައް ބޮޑުވެ، އޭރު މާލޭގައިހުރި ގެތަކާއި ވިޔަފާރިވެރިންގެ ފިހާރަތަކުގައި އަލިފާން ރޯވި ހާދިސާއެއް ހިނގިކަމަށް ޝާކިރު ވިދާޅުވިއެވެ.

މި ހާދިސާގައި ވާނުވާނޭނގި ކުއްލިއަކަށް ކޮންމެވެސް ތަނެއްގައި ރޯވެއެވެ. އެއްވެސް މީހަކަށް ރޯކޮށްލީ ކޮންބައެއްކަމެއް ނުވަތަ ކާކު ކަމެއް ނޭނގެއެވެ. މި ބިރުވެރި ހާދިސާއަށް އެ ދުވަސްވަރު ދިވެހިން ދިން ނަމަކީ ބޮޑުހުޅުގެ ހާދިސާއެވެ.

ކޮންމެއަކަސް ރޯކޮށްލި މީހުން ހޯދުމަށް އޭރުގެ ރަދުން ތަޙުޤީޤެއް ފެށްޓެވިއެވެ. ހިންގުނު ތަޙުޤީޤަށްފަހު ރޯކޮށްލިކަމަށް ސާބިތުވަނީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އިސްކޮށް ހުންނަވައިގެން އޭނާއަށް ތާޢީދުކުރައްވާ ގުރޫޕުންނެވެ. ޝާކިރު ވިދާޅުވީ ބޮޑުހުޅުގެ ހާދިސާއަކީވެސް ދެ ޢާއިލާގެ ދެމެދުގައި އޮތް ކޯޅުމުގެ ތެރެއިން ހިނގާދިޔަ ހާދިސާއެއް ކަމަށެވެ.

"ތުންތުން މަތިން އިވޭ ހުޅު ރޯކޮށްލާ ބަޔަކު އެކަން ކުރަނީ މިހާ ނުފެންނަ ސިހުރެއް ހަދައިގެންކަމަށް. ކޮންމެއަކަސް އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ މައްޗަށް ކުށް ސާބިތުވެ ރަށަކަށް އަރުވާލެވެނީ." ޝާކިރު ވިދާޅުވިއެވެ.

ބޮޑުހުޅުގެ ހާދިސާ ހިނގާދިޔަ ދުވަސްވަރު، އިންޑިޔާއަށް ނިސްބަތްވާ ބަޔަކު ރާއްޖޭގައި ތިބެ ވިޔަފާރިކުރަމުން ދިޔައެވެ. ވޯރާ ވިޔަފާރިވެރިންގެ ނަމުން ނަންދެވިފައިވާ މި މީހުންނަކީ މާލޭގައި ވިޔާފާރިގެ ހަދައިގެން ދާއިމީ ގޮތެއްގައި ވިޔަފާރި ކުރަމުންދިޔަ ބައެކެވެ. ބޮޑުހުޅުގެ ހާދިސާގައި މި މީހުންގެ ވިޔަފާރިކުރާ ތަންތަނުގައިވެސް ރޯވިއެވެ.

އެ ދުވަސްވަރަކީ އިނގިރޭސީން ދުނިޔެ އަތްގަދަކޮށްފައިވާ ދުވަސްވަރެއްކަމުން އިންޑިޔާ އޮތީ އެމީހުން ހިމާޔަތުގެ ދަށުގައެވެ. ވީމާ ވޯރާ ވިޔަފާރިވެރިންނަށްވެސް ހިމާޔަތް ދެމުންގެންދިޔައީ އިނގިރޭސީންނެވެ.

ބޮޑުހުޅުގެ ހާދިސާއާ ގުޅިގެން އަތިރީގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަރުވާލެވުމާއެކު، އޭނާގެ ދަރިކަލުން އަޙްމަދު ދޮށިމޭނާ ކިލެގެފާނު، ސްރީ ލަންކާގައި އޭރު ތިބި އިނގިރޭސީންގެ ގާތުގައި ރާއްޖޭގެ ދާޚިލީ ކަންކަން ރަނގަޅުނޫންކަމުގެ ވާހަކަތަކެއް ދެއްކިއެވެ. މި ވާހަކަތަކުގެ ސަބަބުން އިނގިރޭސީން، އެމީހުންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ގެންނަން ބޭނުންވިއެވެ. ސަބަބެއްކަމަށް ތާރީޚު ޢިލްމުވެރިން ވިދާޅުވަނީ ރާއްޖޭގެ ދާޚިލީ ކަންކަން މިފަދައިން ބޮއްސުންލައިގެންދާނަމަ އިނގިރޭސީންނޫން އެހެން އިސްތިޢުމާރީ ބާރެއްގެ ހިމާޔަތް ރާއްޖެއިން ހޯދަފާނެކަމަށް އިނގިރޭސީންނަށް ޤަބޫލުކުރެވުމެވެ. އޭރު އިންޑިޔާވެސް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމުން ރާއްޖެވެސް އެމީހުންގެ ހިމާޔަތުގެ ދަށަށް ގެންދަން ބޭނުންވިއެވެ. މިހެންވެ 1887 ވަނަ އަހަރު ދިވެހިރާއްޖެ، އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމާއެކު އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ރާއްޖެ ދިޔައެވެ.

އިނގިރޭސީންގެ ޙިމާޔަތް ރާއްޖެއިން ހޯދި ނަމަވެސް، ދާޚިލީ ކަންކަމާ އިނގިރޭސީން ނުބެހޭވެނެކަމަށް ޙިމާޔަތުގެ އެއްބަސްވުމުގައި ބުނެފައިވެއެވެ. ނަމަވެސް ފަހުން ކަންކަން ހިނގާދިޔައީ އެހެނަކުން ނޫނެވެ. މިނިވަންކަމުގެ އެއްބަސްވުމަށް ދާން ވާހަކަތައް ފެށުނީވެސް އިނގިރޭސީން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހެން ފެށުމުންނެވެ.

1939 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމައަށް ދެމިގެންދިޔަ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އައްޑޫ އަތޮޅުގައި އިނގިރޭސީން ތިއްބެވެ. އައްޑޫ އަތޮޅުގައި އޭރު އިނގިރޭސިން ތިބީ ރާއްޖެ ހިމާޔަތްކުރަންކަމަށް ބުނެއެވެ. މައްސަލަ ގޯސްވި ހިސާބަކީ ބޮޑުހަނގުރާމަ ނިމި ދެވަނަ ފަހަރަށް އިނގިރޭސީން އައްޑޫ އަތޮޅަށް އައި ހިސާބުންނެވެ. މިފަހަރު އިނގިރޭސީން އައްޑޫ އަތޮޅަށް އަންނަން ޖެހުނީ އޭރު ރާއްޖޭގެ ބޮޑުވަޒީރުކަމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، އައްޑޫ އަތޮޅުގެ ބިމެއް 100 އަހަރަށް އިނގިރޭސީންނަށް ކުއްޔަށް ދޭން ނިންމުމުންނެވެ.

ސްރީ ލަންކާގައި ހުންނަވައިގެން ނުރަސްމީ އެއްބަސްވުމެއް އެކުލަވާލާ ފާމުލަދޭރި ކިލެގެފާނު ބިމެއް ކުއްޔަށް ދޭން ނިންމެވީ، ތަޚުތުގައި އިންނެވި އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއަށާއި ދިވެހި ސަރުކާރަށް ނޭނގިއެވެ. މި މައްސަލައާ ގުޅިގެން ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވިއެވެ. ދެން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ ސުމުއްވުލްޢަމީރު، ފަހުން ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރު ރަންނަބަޑޭރިކިލެގެފާނެވެ.

ނާޞިރުގެ ބޮޑުވަޒީރުކަމުގައި ފުވައްމުލައް އަތޮޅާއި ހުވަދު އަތޮޅާއި އައްޑު އަތޮޅު ގުޅިގެން ދިވެހި ސަރުކާރާ ވަކިން ދައުލަތެއް އުފެއްދިއެވެ. މި ދައުލަތަށް ދިން ނަމަކީ އެކުވެރި ސުވާދީބު ޖުމްހޫރިއްޔާއެވެ. މި ދައުލަތުގެ ވެރިއަކަށް ނުވަތަ ރައީސްކަމަށް އިސްކުރެވުނީ އައްޑޫ އަތޮޅު ހިތަދުއަށް އުފަން ޢަބްދުﷲ ޢަފީފެވެ. މި ދައުލަތް އުފެއްދުމުގެ އަޑީގައި އޭރު ދެކުނަށް ފައިބައިގެން ތިބި އިނގިރޭސީންގެ ދައުރެއް އޮތްކަމަށް ދިވެހި ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ.

ކޮންމެއަކަސް ނާޞިރު އިސްވެހުރެ ކުރެއްވި މަސައްކަތްޕުޅުން ސުވާދީބު ދައުލަތުގެ ބާރު ކަނޑުވާލާ އެ ތިން އަތޮޅު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް 1963 ވަނަ އަހަރު ގެނައެވެ. މިކަމާ ގުޅިގެން އިނގިރޭސީން ޢަބްދުﷲ ޢަފީފު ހިމާޔަތްކުރުމަށްކަމަށްބުނެ ސީޝެލްސްއަށް ގެންދިޔައެވެ. ޢަފީފް ސީޝެލްސްއަށް ގެންދިޔައީ ދިވެހި ސަރުކާރަށް އެނގުމެއް ނެތިއެވެ.

ސުވާދީބަކީ ދައުލަތެއްކަމަކަށް ދިވެހި ސަރުކާރަކުން ޤަބޫލެއް ނުކުރެއެވެ. ޢަފީފް ސީޝެލްސްއަށް ގެންދިޔަކަން ބޮޑުވަޒީރު ނާޞިރަށް އެނގުނީ ބޭރުގެ ރޭޑިއޯތަކުންކަމަށް ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރު ނާޞިރު ވަރަށް ބޮޑަށް ކޯފާވިއެވެ. މިނިވަންކަމުގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް ރަސްމީގޮތުން ވާހަކަތައް ދެކެވެން ފެށީ މިހާހިސާބުންނެވެ.

ކޮންމެއަކަސް މި ވާހަކަތަކުގެ ތެރެއިން ރާއްޖެއަށް މިނިވަންކަން ދިނުމަށް އިނގިރޭސި ސަރުކާރުން އެއްބަސްވިއެވެ. މިއާއެކު މިނިވަންކަމުގެ އެއްބަސްވުމެއްގައި 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސޮއި ކުރެވުނެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސި ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މައިކަލް ވޯކަރއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި، ރަސްމީ ގޮތުން ރާއްޖެ މިނިވަންވިއެވެ.

މިނިވަން ދުވަސް ކޮންމެއަހަރަކުވެސް ދިވެހިން ފާހަގަކުރަނީ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހާ ގުޅުވައިގެންނެވެ. ވީމާ މިއަދު އަޅުގަނޑުމެން ލިބިގަންނަންވި ފިލާވަޅަކީ ދެކޮޅުވެރިކަމަކުން ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމެވެ. ބޭރުގެ ބަޔަކު ދިވެހިންނަށް ހެވެއް ނޭނދޭނެކަމެވެ. ދިވެހީންނަށް ހެޔޮއެދޭނީ ދިވެހީންކަމެވެ. މީގެ އިތުރުން ޤައުމުދެކެ ލޯބިވާ ބަޔަކު ދިވެހި ތާރިޚު ދުށްކަން އެއީ މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.