ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
މިޖަލްސާގައި ސީއެޗްއެސްސީން ޝަރަފްވެރި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވީ މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ސާނަވީ އިމްތިހާނުތަކުން ގިނަ ދަރިވަރުން ފާސްނުވުމުގެ މައްސަލަކަމަށެވެ. އެހެންކަމުން ރާއްޖޭގެ 23 ސްކޫލެއްގައި ސާނަވީ އިމްތިހާނު ނިންމާ ހުރިހާ ކުދިންނަށް ސްކޫލްގެ ޖާގަ އޮތް މިންވަރަކުން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވާ މައްސަލައަކީ ޔުނިވަރސިޓީ ތަޢުލީމަށް ވަދެވޭ ފެންވަރަށް 2000 އެއްހާ ދަރިވަރުން އަދިވެސް ފާސްނުކުރެވިގެން މިއުޅެނީ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަން ބަދަލުކޮށް ފާސްވާ ނިސްބަތް މަތިކުރުން. އެހެންކަމުން އަޅުގަނޑުމެން މިއަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްހެން އޭލެވެލްއަށް ވަދެވޭނެ ގޮތް ހަދައިދޭނަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު އޮތް ގޮތުން 2 މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އެއް މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް އެފުރުސަތު އޮންނާނެކަމަށް ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ވިދާޅުވީ ބައެއް ފަރާތްތަކުން މިއީ ބޭކާރު ޚަރަދެއްކަމަށް ޤަބޫލުކުރި ނަމަވެސް މިއީ ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް ކުދިންގެ ކިބައިގައި ހުރި ހުނަރު ކުރިއެރުވުމަށް ފުރުސަތު ދިނުންކަމަށް ސަރުކާރުން ދެކޭކަމަށެވެ. އެގޮތުން އިސްލާމް މާއްދާއިން އެކަނި ފާސްވާ ކުއްޖާއަކީ އިތުރު ތަމްރީނާއެކު މުސްތަޤުބަލުގައި މޮޅު އިސްލާމް ޓީޗަރަކަށް ވެދާނެކަމަށް ވިދާޅުވެ ވަޒީރުވަނީ މިސާލުދައްކަވާފައެވެ.
މިޖަލްސާގައި މިދިޔަ 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން ފާހަގަކޮށްލެވޭ ނަތީޖާ ހޯދާފައިވާ 167 ދަރިވަރުންނަށްވަނީ އިނާމު ދީފައެވެ.