ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ.
މިކަން ފެށުމުގެ ގޮތުން މިއަދު ބޭއްވި 20 ވަނަ މަޖިލީހުގެ 17ވަނަ ޖަލްސާގެ ތެރެއިން ވަނީ މެންދުރު ނަމާދު ވަގުތުގެ ބަންގި އިއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިންވެސް ހެނދުނު 10:30ން 11:00އަށް ބައިގަޑިއިރުގެ ހުސްވަގުތެއް ނަގައެވެ. އަދި އެއަށްފަހު ސެޝަން ފެށުމަށްފަހު ބަހުސް އަދި މަޖިލީހުގެ ނުނިމިހުރި މަސައްކަތްތައް ކުރިއަށްގެންދެއެވެ. ނަމަވެސް މިއަދާ ހަމައަށް މެންދުރު ނަމާދު ވަގުތު ކައިރިވިނަމަވެސް މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވާފައި ނުވެއެވެ.
މަޖިލީހުގައި މީގެ ކުރިން ޖަލްސާތައް ކުރިއަށްދާއިރު ނަމާދު ވަގުތާ ދިމާވާނަމަ ޓީވީތަކުން ލައިވްކުރާއިރު ބަންގިއަށް މެދުކަނޑާލައެވެ. ނަމަވެސް ޖަލްސާ ކުރިއަށްދެއެވެ. ރިޔާސަތުން ބައެއްފަހަރު ބަންގި ވަގުތު ކަމަށް އަންގައި ބަހުސް މެދުކަނޑާލިނަމަވެސް މިއީ ތަޅުމުގައި ބަންގި އަޑުއިއްވާލި ފުރަތަމަ ފަހަރެވެ.
މެންދުރު ނަމާދު ބަންގީގެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވާލުމުން ސޯޝަލް މީޑިއާގައި ޚިޔާލުފާޅު ކުރި ފަރާތްތަކުން ވަނީ އެއީ އުފާވެރި މަންޒަރެއްކަން ފާހަގަކޮށް މަޖިލީހުގެ ނިންމުމަށް މަރުޙަބާ ކިޔައިފައެވެ.
Thaareekhee dhuvaheh;
— Ali Rameez (@aliramyz) July 22, 2024
Rayyithunge majileehuge thaareekhugai, namaadhu vaguthu jehumun furathama faharah majileehugai bangi ge adu ivvaifi, Allah heyo jazaa dhevvaashi. Beyfulhunney, Nama nama namaadheh miss nukuravvaathi. pic.twitter.com/ON4JjPMV4x
ވިހި ވަނަ މަޖިލީހުގެ ޤަވާއިދު އެކުލަވައިލުމުގެ މަސައްކަތް މަޖިލީހުގެ އާންމު ކޮމިޓީން ކުރިއަށްގެންދާއިރު މެންދުރު 12:00ން 1:00 އަށް ޖަލްސާ މެދުކެނޑުމަށް ވަނީ ނިންމާފައެވެ. މި ނިންމުމަށް އަމަލުކުރަން ފަށާނީ ޤަވާއިދު ތަޅުމަށް ހުށަހަޅައި ފާސްކުރުމުންނެވެ.
މަޖިލީހުގެ ގަވާއިދު އެކުލަވާލައި ތަޅުމަށް ހުށަހެޅުމަށް އާންމު ކޮމިޓީއަށް މި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފައެވެ.