ޚަބަރު

ގަވަރުނަރުކަމުގެ މަޤާމުން ޢަލީ ހާޝިމް ވަކިކުރައްވައި، މުނައްވަރުގެ ނަން މަޖިލީހަށް


  • ޢަލީ ޙާޝިމް ވަކިކުރެއްވީ މަޖިލީހުން އެގޮތަށްލަފާދެއްވުމުން

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމުން އަލީ ހާޝިމް ވަކިކުރައްވައިފިއެވެ.

އޭނާ އެ މަޤާމުން ވަކިކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގަވަރުނަރުކަމުގެ މަޤާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

އަޙްމަދު މުނައްވަރު މިހާރު ހުންނެވީ، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައެވެ.

ގަވަރުނަރުކަމުން ޢަލީ ޙާޝިމް މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ.

ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ފާސްކޮށްފައިވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. މާލިއްޔަތު ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް މީގެ ކުރިންވެސް ނިންމިއެވެ. އެގޮތުން ގަވަރުނަރު ވަކިކުރުމަށް ލަފާއެރުވުމަށް މަޖިލީހުގެ ރައީސަށް ސިޓީ ފޮނުވުމުން، ރިޔާސަތުން ވަނީ އެމައްސަލާގައި ގަވަރުނަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް އަލުން ފޮނުވުއްވާފައެވެ.

މިއާއެކު މަޖިލީހަށް ޖަވާބުދާރީވުމަށް ގަވަރުނަރަށް މާލިއްޔަތު ކޮމިޓީން ތިން ފުރުސަތު ދެއްވިއެވެ. ނަމަވެސް ކޮމިޓީއަށް ގަވަރުނަރު ހާޒިރުވެވަޑައިނުގަންނަވައެވެ. ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުނީ ސިއްހީ ހާލަތު ތަންނުދޭތީ ކަމަށް ގަވަރުނަރުވަނީ ލިޔުމުން ވިދާޅުވެފައެވެ. އިތުރު ކަމެއް މެންބަރުން ސާފު ކުރަން ބޭނުންވާނަމަ ލިއުމުން އެކަމަކަށް ޖަވާބުދާރީވާނެކަން ގަވަރުނަރު ވަނީ ކޮމިޓީއަށް އަންގަވާފައެވެ.

މިކަމުގައި ލިޔުމުން ޖަވާބުދާރީވުމަށް ގަވަރަުނަރަށް އިތުރު ފުރުޞަތެއް ދިނުމާއި ގުޅޭގޮތުން ކޮމެޓީގެ މެންބަރުންގެ މެދުގައި ވަނީ ވޯޓެއް ނަގާފައެވެ. އެވޯޓުގައި މެންބަރުންގެ އަޣްލަބިއްޔަތުން ނިންމީ އިތުރަށް ފުރުޞަތެއް ދޭން ނުފެންނަކަމަށެވެ.

ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މެންބަރުން ވަނީ ބަހުސްކުރައްވާފައެވެ. ބަހުސްގައި މެންބަރުން ވަނީ ގަވަރުނަރަށް ޒިންމާ އަދާނުކުރެއްވޭކަން ފާހަގަކުރައްވާފައެވެ.

ކޮމިޓީ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވީ ޤާނޫނީގޮތުން މަތިކޮށްފައިވާ ޒިންމާ ގަވަރުނަރު ޢަލީ ހާޝިމް އަދާނުކުރައްވާކަމަށެވެ. ދައުލަތުގެ މާލީ އަދި އިގްތިސާދީ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން މި ސަރުކާރަށް ގަވަރުނަރުގެ އެއްވެސް ލަފައެއް ދީފައިނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ދެ ބިތުގައި ހަނގުރާމަ ކުރަމުންދާއިރު، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ޤައުމު އޮތީ އިންތިހާއަށް ދަރާ ވިކިފައި. 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް ބޮލުގައި އެޅިފައި. އޮތް ހިނދު މާލީ ނިޒާމް ހަރުދަނާކުރުމަށްޓަކައި އެ މަސައްކަތްތައްކުރަމުންދާއިރު އެއްވެސް އެއްބާރުލުމެއް ނުދީ ގޮނޑިކޮޅުގައި އިނދެގެން މުސާރަނައިގެން އެ ވިސްނުމުގައި ޤައުމެއް ނުހިންގޭނެ،" މެންބަރު ހަސަން ޒަރީރު ވިދާޅުވިއެވެ.


މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިގު ވިދާޅުވީ ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށް ދަރަނި އިތުރުކޮށްފައިވަނީ ގަވަރުނަރުވެސް ހުންނަވައިގެން ކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ލިބިފައިވާ ގެއްލުމުގެ ޒިންމާ ގަވަރުނަރުވެސް ނަންގަވަންޖެހޭނެކަމަށެވެ. އެ މަގާމުން ޢަލީ ހާޝިމް ވަކިކުރަން މަޖިލީހުން ރައީސަށް ލަފާ ދިން ނަމަވެސް އެންމެ ރަނގަޅުގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަމަށްވެސް ޠާރިގު ވިދާޅުވިއެވެ.

"ޤާނޫނުގައި 60 ޕަސެންޓް ޖީޑީޕީ ޑެޓް ރޭޝިއޯ ހިފަހައްޓަން އޮތީ. އެ އަދަދު 120 ޕަސެންޓަށް އަރައިގެން ދިޔައިރުވެސް އެމްއެމްއޭގެ ގަވަރުނަރު މަޑުމަޑުން ހުންނަވަނީ. ސަރުކާރުން މިއަދު އެ ބޭފުޅާ އެންގެވިގޮތަށް އަމަލުނުކުރައްވާ ވާހަކަދައްކާއިރު ދުރަށްޖެހިވަޑައިގަންނަވަންވީ ނޫންތޯ" ޠާރިގު ވިދާޅުވިއެވެ.

މިއީ ސަރުކާރުން ޒާތީވެގެން ނިންމާ ނިންމުމެއްކަމަށް އިދިކޮޅުގެ މެންބަރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން އެފަދަ އެއްވެސް އިރުޝާދެއް ދީފައި ނުވާކަމަށާއި އެއީ މާލިއްޔަތު ކޮމިޓީން އެ ކޮމިޓީއާ މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ކުރަން ނިންމި މަސައްކަތެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ހަމަގައިމުވެސް އަޅުގަނޑަކަށް އެއްޗެއް އަންގަވާފައި ނެތް. އަދި އަޅުގަނޑަށް އެނގިފައިވާގޮތުގައި ކޮމިޓީގެ އެއްވެސް މެންބަރަކަށްވެސް އެއްޗެއް އަންގަވާފައި ނެތް'" މެންބަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގަވަރުނަރު މަޤާމުން އަލީ ޙާޝިމް ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލަފާއެރުވުމަށް ފާސްކުރުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދައިރާގެ މެންބަރު އަހުމަދު ނާޒިމެވެ.