ޚަބަރު

މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހުނު މީހުން މަދު، ގިނަވީ ޑެންގީ ހުން


  • މިިދިޔަ މަހު 535 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކުރި

  • މިދިޔަ މަހު އަރިދަފުސް ރޯގާގެ 20761 ކޭސް ރިޕޯޓް ކުރި

ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ޢަދަދު ފެބުރުވަރީ މަހާ އަޅާ ބަލާއިރު މިދިޔަ މަހު ދަށްވިނަމަވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި ކޭސްތައް އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ވަނީ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބުރުވަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރީ 25010 ކޭސްއެވެ. ނަމަވެސް މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން 20761 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް ދަށް އަދަދެކެވެ.

ނަމަވެސް މިއަހަރުގެ މި މުއްދަތުގައި ޑެންގީ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިިދިޔަ މަހު 535 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރިއިރު ފެބުރުވަރީ މަހު އެ އަދަދު ހުރީ 428ގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓު ކުރި ކޭސްތަކުގެ ޢަދަދު އުޅެނީ 60 އާއި 77 ދެމެދުގައެވެ.

ޑެންގީ ހުންޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ ޑެންގީހުން ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ވިދާޅުވީ މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އަދަދު މަދުވެފައިވާކަމަށެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރި 1030 ސާމްޕަލްގެ ތެރެއިން އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ 112 ސާމްޕަލްކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ފެބުރުވަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދަުވެސް ވަނީ މަދުވެފައެވެ. އެގޮތުން ފެބުރުވަރީ މަހު ރިޕޯޓުކުރީ 8629 ކޭސްއެވެ. ނަމަވެސް މާރިޗު މަހު ރިޕޯޓްކޮށްފައިވަނީ 4441 ކޭސްއެވެ. މިފަދަ ޢާންމު ބަލިތައް ޖެހިގެން މިދިޔަ މަހު ރިޕޯޓުކުރި ޢަދަދު މަދުވިނަމަވެސް އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.