ލޯކަލް ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިކާބުކުރުމަށް ބޭއްވި 6 ބައި އިލެކްޝަންގެ ތެރެއިން 5 ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ބައި އިލެކްޝަން ބޭއްވީ ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޮޅި މެދު ދާއިރާއާއި، ހުޅުމާލެ ދާއިރާއަށް ކައުންސިލް މެންބަރަކު އިންތިޚާބުކުރުމާއި، ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލް މެންބަރަކު އިންތިޚާބުކުރުމަށެވެ. އަދި ފ.ބިލެތްދޫ ކައުންސިލް ރައީސް އިންތިޚާބުކުރުމާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބުކުރުންވެސް ކުރިއަށްދިޔައެވެ.
މި 6 ބައި-އިލެކްޝަންގެ ތެރެއިން 5 ބައި-އިލެކްޝަން ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުން އިންތިޚާބުގައި ކުރި ހޯއްދެވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނާއި ވާދަކުރައްވައެވެ.
ޕީއެންސީގެ ފަސް ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބުކުރުމާއި ގުޅިގެން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރާއި މަރުޙަބާ ވިދާޅުވެފައެވެ.
— Dr Mohamed Muizzu (@MMuizzu) July 20, 2024
* ފާޠިމަތު ޝައުފާ ސަލީމް - ހެންވޭރު ހުޅަނގު ދާއިރާ
* ފާޠިމަތު އިޝާން ޢަލީ - މައްޗަންގޮޅި މެދު ދާއިރާ
* ޢަލީ އައިމަން - ހުޅުމާލެ ދާއިރާ
* އިބްރާހީމް އަޙްމަދު - ކުޅުދުއްފުށި އުތުރު ދާއިރާ
* އަރީޙް އިސްމާޢީލް - ބިލެތްދޫ ކައުންސިލްގެ ރައީސް
ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރުގ އިންތިޚާބުކުރުމަށް ކުރިއަށްގެންދިޔަ ބައި އިލެކްޝަންގައި، އެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.
މި 6 ދާއިރާގެ އިތުރުން އިތުރު 3 ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރިއެވެ. ނަމަވެސް އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލެއްވުމުން އެ ތިން ދާއިރާގައި އިންތިޚާބު ނުބާއްވައެވެ. އެ ތިން ދާއިރާވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.
* ޅ އަތޮޅު ކައުންސިލްގެ ރައީސް - މުޙައްމަދު ސަނީ
* ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު - ޢަބްދުﷲ ސާމިހު
* ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު - ފާޠިމަތު މޫސާ
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ބާއްވާ އިންތިޚާބުތަކުން ޕީއެންސީން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްފަހު ޖެހިގެން އައި މަޖިލިސް އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ސުޕަ މެޖޯރިޓީއާއެކުއެވެ.
މީގެ އިތުރުން ގިނަ ބައި އިލެކްޝަންތަކެއްވެސް ޕީއެންސީން އަންނަނީ ކާމިޔާބުކުރަމުންނެވެ.