ސޮނެވާ ޖާނީ ރިސޯޓުގައި ރޯވި އަލިފާން ރޯވި އިމާރާތް އެއްކޮށް އަނދާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް އިއްޔެ 14:10 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 21:00 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ "ގެދަރިން" އިމާރާތުގައެވެ. މި ހާދިސާގައި އަލިފާން ރޯވި "ގެދަރިން" އިމާރާތަކީ 3 ފަންގިފިލާއަށް ހަދާފައިވާ ތަނެކެވެ. މި އިމާރާތުގައި ރިސޯޓުގެ މުހިންމު ތަންތަން ހިމެނޭއިރު އެ ތަންތަން ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
އަލިފާން ނިއްވުމުގައި ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.