ދުނިޔޭގެ އެކި ކަންކޮޅުތަކުން މީޑިއާގެ އިސްފަރާތްތަކުން އެއްތަނަކަށް އެއްވެ މީޑިއާގެ ދައުރު ފުޅާ ކުރުމަށް ބާއްވާ އެންމެ ބޮޑު އެއް މަޝްވަރާ ބައްދަލުވުން، ގްލޯބަލް ނިއުސް ފޯރަމުގައި ޕީއެސްއެމްއިން ބައިވެރިވެއްޖެއެވެ.
މިއަހަރުގެ ފޯރަމުގައި ޕީއެސްއެމްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމިން ވަނީ ބައިވެރިވެފައެވެ. ގްލޯބަލް ނިއުސް ފޯރަމް ބާއްވާފައިވަނީ ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި މި މަހުގެ 17 އިން 19 އަށެވެ.
މިއަހަރުގެ ފޯރަމު ޚާއްސަކޮށްފައިވަނީ "ދަ ފިއުޗާ އޮފް ނިއުސް" ނުވަތަ ޚަބަރު ލިޔުމާއި ފެތުރުމުގެ ދާއިރާގެ ކުރިމަގަށެވެ. އެގޮތުން މި ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް، އޭ.އައި ބޭނުންކުރާ މިންވަރު އިތުރުވަމުން ދިޔުމާއި، އޭ.އައި ބޭނުންކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މިއަހަރުގެ ގްލޯބަލް ނިއުސް ފޯރަމު ބާއްވާފައިވަނީ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގް ޔޫނިއަން (އޭބީޔޫ) އާއި ތައިލޭންޑުގެ ޤައުމީ ޓީވީ ތައި ޕީބީއެސްއާއި ގުޅިގެންނެވެ. މި ފޯރަމުގައި ވަނީ ޖުމުލަ ހަތް ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ޚަބަރު ފެތުރުމުގެ ދާއިރާގެ ކުރިމަގާ ކުރޭ ސެޝަންތަކާއި، ސޯޝަލް މީޑިއާއާއި ޚަބަރު ފަތުރާ އޮގަނައިޒޭޝަންތަކާއި އޮތް ގުޅުމާއި، މޫސުމީ ބަދަލުތަކާއެކު ކާރިސާތަކުގެ ޚަބަރުތައް އިތުރުވަމުންދިޔުމާއި، މިފަދަ ކަވަރޭޖްތައް ގެނެސްދިނުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުން މިއަހަރުގެ ފޯރަމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ފޯރަމާއި ގުޅުވައިގެން ކުރިއަށްގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި ފިއުޗަރ އޮފް ނިއުސް ރިޕޯޓު ލޯންޗުކުރުމާއި، އޭޝިއާވިޝަން އެވޯޑްސްގެ ގާލާ ހަފްލާ ބޭއްވުމާއި، އޭބީޔޫ ނިއުސް ގްރޫޕްގެ ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.