ޚަބަރު

ވެރިކަން ބަދަލުވިއިރު ރަށްރަށުގެ 60 އިންސައްތަ ޖަނަރޭޓަރުތައް ހުރީ ހަލާކުވެފައި: މުޢާޒު


  • އޭރު ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ޔަޤީނެއް ނޫން

ފެނަކަ ކޯޕަރެޝަން ހިންގެވުމާއި ހަވާލުވެވަޑައިގެންނެވިއިރު އެކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ 60 އިންސައްތަ ޖަނަރޭޓަރުތައް ހުރީ ހަލާކުވެފައި ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ 5 އަހަރު ފެނަކަ ކޯޕަރޭޝަން ހިންގާފައިވާ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނާއި، މެނޭޖްމަންޓުގެ ބައެއް ނިންމުން ތަކުގެ ސަބަބުން އެކުންފުނީގެ މާލީ ހާލަތުވަނީ މިއިން ދުވަހަކު ނުދާހާ ދަށަށް ގޮސްފައިކަމަށް މުޢާޒްވަނީ ކުރިންވެސް ވިދާޅުވެފައެވެ.

ޕީއެންސީގެ ޖަލްސާއެއްގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވިއިރު ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ޔަޤީން ނޫން ކަމަށާއި ރަށްރަށަށް ކަރަންޓް ފޯރުކޮށްދޭން ބޭނުންކުރާ ގިނަ ޖެނެރޭޓަރުތަކެއް ހުރީ ހަލާކުވެފައި ކަމަށް މުޢާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިހާތަނަށް 39 ޖަނޭޓަރު ސެޓްތައް ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދީފިން. ދަރަންޏަކަށް ނޫން އަޅުގަނޑުމެން އެކަން މި ކުރީ، ސަޕްލަޔަރުންނަށް ބަރާބަރަށް ފައިސާ ދީގެން މި އެއްޗެހި ގަތީ" މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ރައްޔިތުންނަށް ނުދީ ހުރި ފައިސާގެ ތެރެއިން 300 މިލިއަން ރުފިޔާދީ ޚަލާސްކޮށްފައިވާ ކަމަށާއި އެ ފައިސާ ދެއްކީ މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކަށާއި ގަންނަމުންދާ ހުރިހާ މުދަލަކަށް ފައިސާ ދެމުން ކަމަށެވެ. އެގޮތުން މިހާތަނަށް 278 ވެންޑަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު ނާލު ބޯޓަށް އެއްޗެއް އަރުވަން ދިޔަޔަސް މީހުން ހަވާލެއް ނުވޭ. ފައިސާ ނުދައްކާތީ، ފުރަތަމަ މި ދެއްކީ ނާލުބޯޓުތަކުގެ ފައިސާއާ އާންމު ރައްޔިތުން ލައްވާ ކުރުވާފައި ހުރި ކުދި ކުދި މަސައްކަތްތަކުގެ ފައިސާ. ކޮންމެ މަހަކު ވެސް މިދަނީ ލިބޭ އެއްޗެއްކުން ޚަރަދު ކުޑަކޮށްގެން، ފައިސާތައް ދައްކަމުން" މުޢާޒް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން މި ޤައުމަށް ދިން ގެއްލުމުގެ ވާހަކަ އަބަދު ވެސް ދައްކަވާނެ ކަމަށް މުޢާޒް ވިދާޅުވިއެވެ.