ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ތިލަދުންމަތީގައި ބަންކަރިންގެ ޚިދުމަތް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި ބޭއްވި އެޕާޓީގެ ޖަލްސާގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ސިންދަފާތުކުރުމުގެ ވާހަކަތަކަކީ އެކި ސަރުކާރުތަކުން ދެއްކި ވާހަކަތަކެއް ނަމަވެސް މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށެވެ. އެގޮތުން، މިހާތަނަށް އައު ސިނާއަތެއް ރާއްޖެއަށް ގެނައުމަށްޓަކައި ޢަމަލީގޮތުން މަސައްކަތްތަކެއް ކުރެވިފައިނުވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ އައު ސިނާއަތެއް ރާއްޖޭގައި ތައާރަފުކުރުމުގެ ގޮތުން، ތިލަދުންމަތީގައި ބަންކަރިންގެ ޚިދުމަތް ފެށުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން، ސަރުކާރަށް ހަ މަސްދުވަހުގެ ތެރޭގައި އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ފެށުމަށް ދެ ޓޭންކަރުން ގަނެފައިވާ ކަމަށާއި، އެމްއެންޑީއެފާ ގުޅިގެން ޗާޓު އަޕްޑޭޓްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަސީލަތްތައް ހޯދުމާއި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް ސަޢީދު ވިދާޅުވިއެވެ. މި މަސައްކަތްތައް ނިމި، އެއްމަސް ދުވަހުގެ ތެރޭގައި ޚިދުމަތް ފެށޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ އުފެއްދުންތެރިކަމަށް އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް 400 މިލިއަން ޑޮލަރު ވަންނަން ފަށާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ ޖީޑީޕީއަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު. އޭގެ ތެރެއަށް އިރާދަކުރެއްވިއްޔާ މުޅިން އައު 400 މިލިއަން ޑޮލަރު ވަދެގެންދާނެ. މިއީ އިކޮނޮމީ ޑައިވާސްކުރާ ގޮތަކީ. މުޅިން އަލަށް 400 ބިލިއަން ޑޮލަރު ނުވަތަ ރައުންޑް އޮފް ކޮށްލާ ހަ ބިލިއަން ދިވެހި ރުފިޔާ މުޅިން އައު ސިނާއަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖީޑީޕީގެ ތެރޭގައި އެނބުރެން ފަށާނެ." އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފެށުމަށް މިހާތަނަށް 40 ވަޒީފާއަށް ހުޅުވާލާފައިވާއިރު، މި ޚިދުމަތް ފެށުމާއެކު ކުދި ވިޔަފާރިތަކާއި ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުވެގެންދާނެކަމަށެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާއިރު، ސަރުކާރުން ވަނީ ލ. ގާދޫގައިވެސް ބަންކަރިންގެ ޚިދުމަތާއެކު ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް ކޮމާޝަލް ހާބަރެއް ހެދުމަށް ނިންމާފައެވެ. އެކަމަށްޓަކައި ހިންގާ ލ. އިންޓަގްރޭޓެޑް މެރިޓައިމް ހަބް މަޝްރޫޢު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން މިހާރު ވަނީ ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފައެވެ.