ސައިބަރ ކްރައިމާ ގުޅުންހުރި އަމަލުތަކަކީ ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމެވެ.
މި އިސްލާހުގައި ވަނީ ޤާނޫނުލްޢުޤޫބާތަށް ބާބެއް އިތުރު ކުރުމަށެވެ. އެގޮތުން 240 ވަނަ ބާބުގެ ގޮތުގައި ކޮމްޕިއުޓަރު އަދި ކޮމްޕިއުޓަރާ ގުޅުންހުރި ކުށްތައް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގެ ދަށުން ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓް ކުރުމާއި އިންޓަފިއަރ ކުރުމާއި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން ކުށެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ސައިބަރ ވަޔަލަންސްގެ އަމަލުތަކާއި ކޮމިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތަކާއި އޮޅުވާލުމުގެ އަމަލުތަކާއި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ޙައްގުތަކަށް އަރައިގަތުމަކީވެސް ކުށުގެ ގޮތުގައި ބެލެވޭނެއެވެ.
ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން ކުށެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިޢުކުރުން
ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ޝާއިޢުކުރުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން
ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރެޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން
ބިރުދެއްކުން
ގެއްލުމެއް ދިނުމުގެ ނިޔަތުގައި އޮރިޔާންކާޑު އާންމުކުރުން
ސައިބަރ ސްޓޯކްކުރުން
މި ބިލު މަޖިލީހަށް ހުށަޅުއްވާފައިވާއިރު ބިލުގެ ފުރަތަމަ ކިޔުންވަނީ އިއްވާފައެވެ. މަޖިލީހަށް ހުށަހަޅާ ބިލެއް ފާސްވާނީ މަޖިލީހުން ބިލަށް ބަހުސްކޮށް، ބިލު ބަލައިގަތުމަށްފަހު ބިލު ދިރާސާކުރުމަށް ކަމާގުޅުންހުރި ކޮމިޓީއަށް ފޮނުވުމަށްފަހު އެ ކޮމިޓީގެ ރިޕޯޓް ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ބިލެއް ޤާނޫނަށް ވެގެންދާނީ މަޖިލީހުން ބިލު ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރެއްވުމުންނެވެ.