ޚަބަރު

މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ޕީސީބީން އިޢުލާންކޮށްފި


  • މިފްކޯއަށް ހޯދަނީ ބައިނަލްއަޤްވާމީ މަސްކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތެއް

  • މިފްކޯގެ ކުރީގެ ސީއީއޯ މަޤާމުން ވަކިކުރީ މިދިޔަ މޭއި މަހު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް(މިފްކޯ) އަށް ބޭރުގެ ސީއީއޯއެއް ހޯދަން ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން އިޢުލާންކޮށްފިއެވެ.

މިމަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 15 ވަނަ ދުވަހު 14:00 އާއި ހަމައަށް ޕީސީބީންވަނީ ފުރުސަތު ހުޅުވާލާފައެވެ.

މިފްކޯގެ ސީއީއޯގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މަދުވެގެން 8 އަހަރު މަސްވެރިކަމާއި ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހެއެވެ. އަދި އެފަރާތަކީ މަދުވެގެން 4 އަހަރު މަސްވެރިކަމާއި ގުޅުން ހުރި ބައިނައަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާވެސް ހުރި ފަރާތަކަށް ވާން ޖެހޭ ކަމަށް ޕީސީބީގެ އިޢުލާންގައިވަނީ ބަޔާންކޮށްފައެވެ.

ޕީސީބީން މިފްކޯއަށް އައު ސީއީއޯއެއް ހޯދަން އިޢުލާންކޮށްފައި މިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހް ރަޝީދު އެމަޤާމުން މިދިޔަ މޭއި މަހު ވަކިކުރުމަށް ފަހުއެވެ. މަގާމުން ވަކިކުރުމުގެ ކުރިން ޝަމާހްވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. އޭނާ މަޤާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ޤައުމީ މަސްކުންފުނި، މިފްކޯއަކީ ފައިދާއެއް ނުލިބި ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެކެވެ. މިފްކޯއަކީ ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ހަމައެކަނި ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނަފާ ހޯދައިދިނުމެވެ.