ޚަބަރު

މަޖިލީހުގެ ގަވާއިދު އެކުލަވައިލަން އިތުރު އެއް މަސް ދޭން ފާސްކޮށްފި


  • އާންމު ކޮމިޓީން ވަނީ އިތުރު މުއްދަތަކަށް އެދިފައި

  • ގަވާއިދު އެކުލަވާލައި ތަޅުމަށް ހުށަހަޅަން ޖެހޭނީ ޖުލައި 26ގައި

20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލުމަށް އިތުރު އެއް މަސްދުވަސް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދު އެކުލަވައިލުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. ގަވާއިދުގެ މަސައްކަތްތައް ނިންމައި މި މަހުގެ 26 ވަނަ ދުވަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އޭރު ފާސްކުރިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލުމަށް ކޮމިޓީން އިތުރު ވަގުތު ބޭނުންވާ ކަމަށް ހާމަކޮށްފައިވާކަމަށެވެ. އެގޮތުން މަޖިލީހުން ކަނޑައެޅުއްވި ސުންގަޑި ހަމަވާން ކައިރިވެފައިވާތީ އިތުރު އެއް މަސް ދުވަހަށް އާންމު ކޮމިޓީން ފޮނުވި ސިޓީއެއްގައި އެދިފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އާންމު ކޮމިޓީން މުއްދަތު އިތުރު ކުރުމަށް އެދުމުން އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދޭން ފާސްކޮށްފައިވަނީ 83 މެންބަރުންގެ ވޯޓުންނެވެ. މިއާއެކު މަޖިލީހުގެ ގަވާއިދު އެކުލަވާލައި ތަޅުމަށް ހުށަހަޅަންޖެހޭ މުއްދަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޖުލައި 26 އެވެ.

20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލެވެންދެން މަޖިލީހުން އަމަލުކުރަމުން ދާނީ 19 ވަނަ މަޖިލީހުގެ ގަވާއިދަށެވެ.