ޚަބަރު

ޤައުމުގެ އަޚްލާގު ހަލާކުކޮށްލީ އެމްޑީޕީން، ތާއީދެއް ނުކުރާނަން: ރައީސް ޔާމީން


  • ޕީއެންއެފުން އެމްޑީޕީއަށް ތާޢީދު ނުކުރާނެ

ޤައުމުގެ އަޚްލާގު ޙަލާކުކޮށްލީ އެމްޑީޕީން ކަމަށާއި، އެ ޕާޓީއަށް ތާއީދު ނުކުރައްވާނެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ އެމަނިކުފާނާއި ޕީއެންއެފަކީ އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ބައެއް ނޫން ކަމަށެވެ. އެހެންވެ، ކުރިއަށް ހުރި އިންތިޚާބުތަކުގައި ޕީއެންއެފުން ވާދަނުކުރިނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ކެލޭ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީއަށް އެޕާޓިން ތާޢީދުކުރުމާއި ގުޅިގެންނެވެ. ނަމަވެސް ރައީސް ޔާމީން ރޭ ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއީދު ކުރީ އެ ކެންޑިޑޭޓުގެ އަސްލު ފިކުރަކީ ޕީޕީއެމްގެ ފިކުރުކަމަށްވާތީކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް މީހުން ވަރަށް ރަނގަޅަށް ދަސްވެފައިވާކަމަށާއި، އެމްޑީޕީއަކީ އެމަނިކުފާނު 5 އަހަރުވަންދެން ބަންދުކޮށްގެން އުޅުނު ޕާޓީ ކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭގޮތް ހެދީވެސް އެމްޑީޕީންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އިންތިޚާބުގައި އަޅުގަނޑުގެ އެލިޖިބިލިޓީ ނަގާލީ އެ މީހުން ވެރިކަމުގައި ތިބެގެން އެމީހުން ދެއްތޯ. އެހެންވީމަ ކީއްކުރަންތޯ އެމީހުންނަށް އަޅުގަނޑު ތާއީދު ކުރަންވީ. އެމްޑީޕީއެއް އެބައޮތްތޯ ރާއްޖޭގައި މިއަދު. ނެތޭ. އެއީ އެކްސްޕަޔަރޑް ފޯސްއެކޭ،" ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަށް ތާއީދު ނުކުރިނަމަވެސް މަޖިލީހުގެ ތެރެއިން އެމްޑީޕީން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތްތަކުގައި އެ މައްސަލަތަކުގެ މަސްދަރަށް ބަލައި ތާއީދު ކުރައްވާނެކަމަށެވެ. އެއީ ރައްޔިތުންގެ ޙައްގުގައި ކުރާކަމެއްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލޤައްޔޫމް ވިދާޅުވިއެވެ.