ކުޅިވަރު

ހަންގޭރީ ބަލިވީ އުއްމީދުތައް މަތިވެރިކަމުން، ސްކޮޓްލަންޑް ބޭނުމީ ހަތަރު ޕޮއިންޓް


ސްކޮޓްލޭންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ މެކްގިން އަކީ އަންނަ ސީޒަނުގައި އެސްޓަންވިލާ އަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިދިނުމުގައި ބައިވެރިވި މުހިންމު ކުޅުންތެރިއެކެވެ. މާގިނަ ބަޔަކު އުއްމީދު ނުކުރާ މި ޓާގެޓަށް ވާސިލްވެވުމަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީއާ ދެކޮޅަށް ގައުމީ ޖާޒީގައި ނުކުންނައިރު އޭނާ އަށް ލިބޭ އިތުރު ބާރަކަށްވާނެ އެވެ.

މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅުނުއިރު ސްކޮޓްލޭންޑް ވަނީ ފުރަތަމަ މެޗުގައި ޖަރުމަނު އަތުން 5-1އިން ބަލިވެ، ދެ ވަނަ މެޗުގައި ސްވިޒަލޭންޑާ ވާޑަކޮށް 1-1އިން އެއްވަރުކޮށްފަ އެވެ. މިހެންވެ އަތުގައި އޮތް ހަމައެކަނި ޕޮއިންޓާއެކު ހަންގޭރީ ބަލިކޮށްފިނަމަ އެ މީހުންނަށް ހަތަރު ޕޮއިންޓް ހަމަކުރެވޭނެ އެވެ. ކޯޗު ސްޓީވް ކްލާކް ގަބޫލުކުރާ ގޮތުގައި މި އަދަދަކީ މުބާރާތުގެ ގަދަ 16ގެ ތެރޭގައި ހިމެނުމަށް ފުނި އިތުރުވެގެންވާ އަދަދެކެވެ.

ނަމަވެސް ހަންދާން ކުރަންވީ ކަމަކީ ކަރުދާހުގައި ހަންގޭރީ އަކީ މުބާރާތުން ކަޓާފައިވާ ޓީމެއްނޫންކަމެވެ. ފުރަތަމަ މެޗުގައި ސްވިޒަލޭންޑް އަތުން ބަލިވެ، ދެ ވަނަ މެޗުގައި ޖަރުމަނު އަތުން ބަލިވިޔަސް ސްކޮޓްލޭންޑް ބަލިކޮށްފިނަމަ ހަންގޭރީ އަށް ވެސް ތިން ޕޮއިންޓް ހަމަކުރެވޭނެ އެވެ. މުބާރާތުގެ ކޮންމެ ގްރޫޕަކުން ވެސް ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމު ދެ ވަނަ ބުރަށް ކޮލިފައިވާތީވެ މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ހަންގޭރީ އަށް ޖެހޭނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމެންދެން އިންތިޒާރުގައި ތިބޭށެވެ.

ކޯޗު މާކޯ ރޮސީ ގަބޫލުކުރާ ގޮތުގައި މިއީ ގޯސް ގޮތެއްނޫނެވެ. އޭނާ ބުނީ މެޗަށް ނުކުންނައިރު ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށާއި މޮޅުވެގެން ނޫނީ އެއްވެސް ބަޔަކަށް ކުރިއެރުމެއްނެތުމަކީ މެޗުގެ ވާދަވެރިކަމާއި ފޯރު އިތުރުވެ، އޭނާގެ ޓީމަށް ލިބޭ ހަމަޖެހުމުގެ ނޭވާއެއް ކަމަށެވެ.

ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އެންދާ ބޮޓްކާ ދެކޭ ގޮތުގައި ހަންގޭރީ ކުޅުނު ދެ މެޗުންވެސް ބަލިވެ، މިރޭގެ މެޗުގެ ކުރިން ޕްރެޝަރަށް ދިޔައީ ޓީމުގެ އުއްމީދުތައް މާމަތިވެރިވުމުން ކަމަށެވެ. އޭނާ ބުނީ ޔޫރޯގެ ކުރިން ބަލިނުވެ 14 މެޗު ހަމަކުރެވުމުން ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ހީވީ މިތިބެވެނީ ވަރަށް އުހުގައި ކަމަށާއި އެފަދަ މަތިވެރި އުއްމީދެއްގައި ތިއްބައި އެންމެ މުހިންމު ދެ މެޗަކުން ބަލިވުމުން ނަފްސާނީ ގޮތުން މުޅި ޓީމަށް މޯޅިކަން ވެރިވެފައިވާ ކަމަށެވެ.

އަނެއްކޮޅުން ކޯޗާއި ޓީމަށް އޮތް އަނެއް ނުތަނަވަސް ކަމަކީ ކެޕްޓަން ޑޮލެމިކް ޒޮބޮސްލާއީގެ ހާނިއްކަ އިތުރަށް ގޯސްވެފައިވާތީ އެވެ. ޔޫރޯގައި ބޭންޑްއެޅި އެންމެ ޒުވާން ކެޕްޓަނަށް މިރޭ ނުކުޅެވޭނަމަ އެ ފުރުސަތު ދޭން ކޯޗު ރޮސީ ނިންމާފައިވަނީ އިނގިރޭސިވިލާތަށް އުފަން ކަލުމް ސްޓައިލަށެވެ.

ހަންގޭރީއާ ހިލާފަށް ސްކޮޓްލޭންޑުގައި އަނިޔާގެ މައްސަލަތައް ގިނަ އެވެ. ޑިފެންޑަރު ކީރެން ޓިއާނޭ ވަނީ އެނބުރި ގެއަށް ގޮސްފަ އެވެ. އެނާގެ ބަދަލުގައި ފުރަތަމަ 11ގައި ކުޅޭނީ ކުރީ ދެ މެޗުގައި ބެންޗުގައި އިން ސްކޮޓް މެކްކެނާ. އެއީ އޭނާގެ ފަޔަށް ވެފައިވާ ތަދު އެއްކޮށް ރަނގަޅުނުވާތީ އެވެ. ޔަރަން ޕޯޓެއުސް އަށް މި މެޗުގައި ނުކުޅެވޭނީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ.

އަނިޔާ އާއި ކާޑުގެ ހިޔަނި އެޅިފައި އޮތަސް އެހުރިހާ ކަމެއް އެއް ފަރާތްކުރުމަށްފަހު ސްކޮޓްލޭންޑް މިރޭ ނުކުންނާނީ މިއީ ބައެއް ކުޅުންތެރިންނަށް އެމީހުންގެ ތާރީހް ބަދަލުކޮށްލަން ލިބޭ ފަހު ފުރުސަރުކަމަށް ދެކިގެންނެވެ. މި މެޗަކީ ހަންގޭރީ އާއި ސްކޮޓްލޭންޑް ބައިނަލް އަގްވާމީ ބޮޑު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ މެޗެވެ. ނަމަވެސް އެހެނިހެން ގޮތްގޮތުން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައިވަނީ ސްކޮޓްލޭންޑެވެ.