ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ކުޅިވަރު ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ރާފިޢު ވިދާޅުވީ އެސޯސިއޭޝަންތައް ހަރުދަނާކުރުމުގެ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތާއެކު އެޓަރނީ ޖެނެރަލްގެ އޮފީހަށް ގާނޫނުގެ މަސައްކަތް ނިންމާ، އަންނަ މަހު ފޮނުވާލެވޭވަރު ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މައިގަނޑު ގޮތެއްގައި އެސޯސިއޭޝަންތަކުގައި މައްސަލަތައް ފާހަގަވަނީ އެ ތަނެއްގެ އިންތިޚާބު އޮންނަ ދުވަސްކޮޅުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ހުރިހާ މައްސަލަތަކަށް ވެސް އޮތް ހައްލަކީ އިދާރީ ގޮތުން އެސޯސިއޭޝަންތައް ހަރުދަނާވުން ކަމުގައެވެ.
އެސޯސިއޭޝަންތަކުން ބަލަހައްޓަން ޖެހޭ މުހިންމު ލިޔެކިޔުންތައް މިހާރުވެސް ކަރުދާހާ ހަމައަށް ގެނައިކަމުގައި ވިޔަސް އަމަލީގޮތުން ލިޔެކިޔުން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެސޯސިއޭޝަންތަކުގައި ނެތްކަމަށް ރާފިޢު ވިދާޅުވިއެވެ. މިހާރަށް ވުރެން ބޮޑަށް ސްޕޯޓްސް ކޮމިޝަނަރުގެ އިތުރުން ކުޅިވަރު އިދާރާއިން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ ކަންކަން ހައްލުވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އެސޯސިއޭޝަންތައް ހިންގުމުގައި، ބައެއްކަންކަން އެބަހުރި ވަރަށް ހީނަރުކޮށް، މިސާލަކަށް އޮޑިޓް ކުރުމުގެ މައްސަލަ، ވަރަށް ގިނަ ފަހަރު އެބޭފުޅުންނަށް ދަތިފުޅުވޭ އޮޑިޓްކުރަން، އަޅުގަނޑުމެން މި އޮފާކުރަނީ އަޅުގަނޑުމެން އޮޑިޓް ފާމެއްގެ އެހީތެރިކަން ފޯރުކޮއްދީފާނަމަޭ އަޅުގަނޑުމެން މެދުވެރިވެގެން އެކަން ކުރެވޭ ގޮތަށްޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު