ޚަބަރު

ޝިފާން އާއި ޝަރީފް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ކަމަށް


  • ޝިފާން އާއި ޝަރީފް ކުރިން ތިއްބެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގައި

  • ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާ

  • ޝިފާން ހުންނެވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނުގެ މަގާމުގައި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އަހުމަދު ޝިފާން އާއި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓްކޮށްފިއެވެ.

މިބަދަލުތައް ގެނެސްފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ.

ޝިފާން އާއި ޝަރީފް ކުރިން ތިއްބެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގައެވެ. އެ ދެ ބޭފުޅުން އެސިސްޓެންޓް ކޮމިޝަނަރގެ ރޭންކަށް ޕްރޮމޯޓްކޮށްފައިވާއިރު މިއީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ.

ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާއެވެ. ޝަރީފްވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓުތަކުގައި ކޮމާންޑަރުކަން ކުރައްވާފައެވެ.

ޝިފާނަކީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރެވެ. އަދި ޝިފާން ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމާއި އައްޑޫ ޕޮލިސް އެކަޑަމީ ހިންގުމުގައިވެސް އިސްކޮށް މަސައްކަތްކުރައްވާފައެވެ.