މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ފުލުހުންގެ ތެރޭގައި ހާއްސަ ބަހާއެއް ޤާއިމްކުރައްވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ޤާނޫނުގައި ޚިދުމަތް ދިނުމަށް ހަމަތަކާއި މިންތަކެއް ގާއިމުކޮށްފައިވާއިރު ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، ރައްޔިތުން ބޭނުންވާގޮތަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް މާލެއިން ކޮންޓްރޯލް ކުރާ ކަންކަން އެކި ރީޖަންތަކުގައި ޤާއިމުކުރާ ކޮމާންޑަރުންނަށް ދޫކުރުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
"އަތޮޅުތެރޭގައި ގާއިމުވެފައިވާ ކައުންސިލްތަކާއި ސިޓީތަކުގެ މޭޔަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން އެ ރީޖަނަކަށް ބޭނުންވާ ގޮތަށް އެ ރީޖަނެއްގެ ފުލުހުންގެ ޚިދުމަތް ބައްޓަން ކުރުމުގެ މަގުސަދުގައި އަޅުގަނޑުމެން ރީޖަންތަކަށް މިހާރު މާލެއިން ކޮންޓްރޯލް ކުރާ ވަރަށް ގިނަ ކަންތަތަކެއް ރީޖަންތަކުގެ ކޮމާންޑަރުންނަށް ދޫކުރެވިގެންދާނެ،" ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރީޖިކް ޕްލޭންގައި ފަސް ކަމަކަށް އިސްކަން ދިނުމަށް ވަނީ ނިންމާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނާއެކު ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުން މަސްތުވާތަކެއްޗާއި ގޭންގް ވައިލެންސްއާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާއި ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ޤާއިމްކުރެވިގެންދާނެކަމަށެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކާ އެންޓި ސްކޭމް ސެންޓަރެއް ގާއިމުކޮށް، ނެއިބަރހުޑް ޕޮލިސިންގ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ލޯކަލް ޕޮލިސިންގ ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން މުސްތަޤްބަލަށް ފޯކަސްކުރާ އަދި އަދި ޑޭޓާ ޑްރައިވަން ޕޮލިސިންގ ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ޤާއިމުކުރެވޭނެ ކަމަށާއި އަރބަން ސެންޓަރުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރެވި ޕޮލިސް ބޭސިކް ސްކިލްސް ތަރައްޤީކުރުމާއި ލީޑަރޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއަރ ތަމްރީނު ޕްރޮގްރާމްތައް ފެށިގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒްކޮށް، މުޅި ޚިދުމަތުގެ ގަވަރނަންސް އަދި ޑިޒިޝަން މޭކިން ނިޒާމުގައި މި ފްރޭމްވޯރކް ބޭނުންކުރެވޭނެ ކަމަށްވެސް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.