ޚަބަރު

ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ދައްކަން އަންގައިފި


  • 10619 ވަޒީފާދޭ ފަރާތަކުން ފީ ނުދައްކާ

  • 18 ޖޫންގެ ކުރިން ފީ އާއި ޖޫރިމަނާ ދެއްކުމަށް ވަނީ އަންގަވާފައި

  • ފީ އާއި ޖޫރިމަނާ ނުދައްކާނަމަ ނަން އާންމުކުރުމަށްފަހު، އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ

ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބޭ 1.7 ބިލިއަން ރުފިޔާ ދެއްކުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މުއްދަތު ދީފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް 10619 ފަރާތަކުން ނުދައްކާ އެބައޮތް ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ 102807 ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭކަމަށް ބެލެވޭ (1،765،704،400) 1.7 ބިލިއަން ރުފިޔާ ނުދައްކާ އެބައޮތްކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން މަސައްކަތްތެރިންގެ ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ފައިސާ ދައްކާ ޚަލާސްކުރުމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވަނީ އަންގަވާފައެވެ.

ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވީ އެ މުއްދަތުގެ ނިޔަލަށް ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާން ކުރާނެކަމަށެވެ. މީގެ އިތުރުން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ސަސްޕެންޑުކޮށް، އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށްވެސް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމާއި ގުޅޭ އުސޫލުތައް މުރަޖަޢާކުރުމާއެކު މިހާރު އަމަލުކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ، ޚިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ސަބަބުން ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރާ، ކޯޓާ އާއި ވަރކް ޕަރމިޓާއި ޑިޕޮޒިޓް ރީފަންޑުފަދަ ޚިދުމަތްތައް ލަސްވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.