ޚަބަރު

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ދަތުރުކުރުން މަނާކުރަން ސަރުކާރުން ނިންމަވައިފި


އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ކެބިނެޓު ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު، ޔަހޫދީ ދައުލަތުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކުރިން ނުނަގާ ސްޓޭޑުތައް ނަންގަވަމުންދާ ކަމަށާއި އެކި ޕްލެޓްފޯމުތަކުގައި ޚިޔާލުފާޅުކުރައްވާކަމަށެވެ. އަދި ރާއްޖޭން އެ މައްސަލައިގައި ކުރެވޭނެ ކަންކަން ކަނޑައަޅައި ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން މަސައްކަތް ކުރައްވަމުން އަންނަކަން ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭގޮތަށް ޤާނޫނުތައް އިސްލާހު ކުރުމަށް ނިންމަވާފައިވާ ކަމަށާއި އެކަމަށް ޚާއްސަކޮށްގެން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު
ޚާރިޖީ ވަޒީރު
ބަންޑާރަ ނައިބު
އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު
ފަތުރުވެރިކަމާ ބެހޭ ވަޒީރު
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު

ވަޒީރު ވިދާޅުވީ ރާއްޖެއަށް ވަނުން މަނާކުރެވޭނީ ޤާނޫނަށް ބަދަލުގެނެސްގެން ކަމަށާއި އެ ބަދަލުތައް ގެނައުމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.

މީގެ ކުރިން ފަލަސްތީނުން ރާއްޖޭގެ ފަރާތުން އެދޭ ކަންކަން ދެނެގަނެވިފައިނުވާކަން ފާހަގަކުރައްވައި ވަޒީރު އިޙްސާން ވިދާޅުވީ އެކަންކަން ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެންވޯއީއެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ. އަދި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުޅި ރާއްޖޭގައި ފަންޑްރައިޒްކުރުމުގެ ހަރަކާތްތައް ހިންގުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށާއި ރާއްޖޭން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައިގައި އަވަސް ހައްލެއް ގެނައުމަށް އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތައް ބޭއްވެވުމަށް ނިންމަވާފައިވާ ކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.