އެންމެ ފަހުން ބޭއްވި ބޮޑު ދެ އިންތިޚާބު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ނާކާމިޔާބުވި ސަބަބު ހޯދުމަށް ކުރަމުންދާ ދިރާސާ މަސައްކަތުގެ ބައްދަލުވުންތައް އެ ޕާޓީން ފަށައިފިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ސަބަބުތައް ދިރާސާކޮށް، ޕާޓީއާމެދު ރައްޔިތުން ދެކޭގޮތް ހޯދައި ޕާޓީގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލަން އެޕާޓީގެ ޤައުމީ މަޖިލީހުން ވަނީ މިދިޔަ މަހު ފާސްކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބު ގެއްލުނުގޮތާ ބެހޭ ދިރާސާ ކުރާ ކޮމިޓީން މިހާރު ބައްދަލުވުންތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ 19 ވަނަ މަޖިލީހުގައި މާލޭގެ ދާއިރާތައް ތަމްސީލް ކުރެއްވި މެންބަރުންނާއި، ޕާޓީގެ ޤައުމީ މަޖިލީހުގެ މާލެ ދާއިރާގެ މެންބަރުންނާ ކަމަށް އަނަސް ވިދާޅުވިއެވެ. މިއީ އިންތިޚާބުތަކުގައި ކެމްޕޭނުގެ ކަންކަމުގައި އުޅުއްވި ޕާޓީގެ އިސްފަރާތްތައްކަން އަނަސް ފާހަގަކުރެއްވިއެވެ.
އަނަސް ވިދާޅުވީ މި ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސިލްސިލާކޮށް ކަމަށެވެ. އެގޮތުން، ކުރިއަށް އޮތްތަނުގައި އެކި އަތޮޅުތަކުގައިވެސް މި ދިރާސާގެ ބައްދަލުވުންތައް ކުރިއަށްގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޚާބުތައް ނާކާމިޔާބި ސަބަބު ދެނެގަތުމަށް ހަދާ ދިރާސާއިން، ޕާޓީގެ ކުރިމަގު ބައްޓަން ކުރަން އެނގޭނެކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު މަޖިލީހުގެ ކަންކަން ނިންމުމުގެ ބާރު އެ ޕާޓީއަށް ނެތްނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާނެ ކަމަށް ފައްޔާޟް ވިދާޅުވެފައިވެއެވެ.
ނިމިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވުމަށްފަހު މިއަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ތަމްސީލްކުރި އެމްޑީޕީއަށް މިއަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ކާމިޔާބު ކުރެވުނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑިއެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ވަނީ 75 ގޮނޑިއާއެކު މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ހޯދާފައެވެ.