ޚަބަރު

ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި


  • ދަތުރުފުޅުގެ ތެރެއިން ކުދި ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި

  • ސިޑްސް ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނާއި އެކު ތިއްބެވުމަށް ގޮވާލެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގެންފިއެވެ.

މި މަހާސިންތާގައި ރިޔާސަތު ބެލެހެއްޓެވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައި ވާއިރު އެމަނިކުފާނު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަޢުދުވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިއްބެވުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހާސިންތާގެ އެކި ބަހުސްތަކާއި ހަވާސާގައި ކުރިއަށްދިޔަ ގިނަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަތީ ފަންތީގެ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި އެޤައުމުތަކުގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް އަލިއަޅުވާލައްވައި އެކަންކަމުން އަރައިގަތުމުގެ ގޮތުން ގެނެވިދާނެ ބައެއް ޙައްލުތަކަށް ވެސް މި މިމަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި އަލިއަޅުވާލެއްވިއެވެ.