މި ފެށޭ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ދައްކާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ދެކުނަށް ވަނީ ހުޅަނގު މޫސުން ފެށިފައެވެ. އަދި މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ފަށާފައިވާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ދައްކާއިރު އެންމެ ބޮޑަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރަނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށެވެ. އަދި ހުރިހާ ސަރަހައްދަކަށް ވެސް ވައި ބާރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރާއްޖޭގެ ދެކުނަށް ކުރާއިރު އޭގެ ފަހުން މެދުރާއްޖެތެރެއާއި އުތުރަށް އެ މޫސުމުގެ އަސަރު ކުރާ ކަމަށް މުސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން މި ދުވަސްވަރު ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ދިމާވެއެވެ. މިކަންކަމަށް ރިއާޔަތްކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އަންނަނީ އެކި ސަރަހައްދުތަކަށް ސަމާލުތައްވެސް ނެރެމުންނެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ.
މި މުއްދަތުގައި ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުން ގޯސްވެ، ކަނޑުގަދަވާ ދުވަސްތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދޭނެއެވެ. އާންމުކޮށް އިރުވައި މޫސުން އޮންނަނީ ޖެނުއަރީމަހުން މާރިޗު މަހަށެވެ.