ޚަބަރު

ދިރިއުޅުމުގެ ކޮންމެ ކަމެއްގައި "ފުރަތަމަ އާއިލާ"ގެ ސިޔާސަތު އިސްކުރޭ: ވަޒީރު


  • އޯގާތެރި މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި ޢާއިލާއެއް

  • އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުޖުތަމަޢުގެ ކުރިއެރުން

  • ކޮންމެ ދުވަހަކީވެސް، ޢާއިލާއަށް އިސްކަންދޭ ދުވަހަކަށް ހެދުމަށް ވަޒީރު އެދިވަޑައިގެންނެވި

ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް "ފުރަތަމަ އާއިލާ"ގެ ސިޔާސަތު އިސްކުރުމަށް އިޖުތިމާއީ އަދި އާއިލި ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު ކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އޯގާތެރި މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި ޢާއިލާއެއް ކަމަށެވެ. އެހެންކަމުން ޢާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓައި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި، ކުލުނުވެރި، އަދި އެންމެން އެކުގައި ގުޅިގެން އުޅޭ ޢާއިލާތަކަކަށް ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޢާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުޖުތަމަޢުގެ ކުރިއެރުންކަމަށާ އެއީ ޤައުމުގެ ތަރައްޤީގެ އަސްލު ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ އިތުރުން ކޮންމެ ދުވަހަކީވެސް، ޢާއިލާއަށް އިސްކަންދޭ ދުވަހަކަށް ހެދުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ. އަދި 'ފުރަތަމަ ޢާއިލާ' އަކީ ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އިސްކުރާ ސިޔާސަތަށް ހެދުމަށް އިލްތުމާސްކުރެއްވިއެވެ.

ކޮންމެ މީހަކީވެސް މައިންބަފައިންނަށް އަޅާލުމާއި އާއިލީ މީހުންގެ ހާލުބެލުމާއި ދަރިންނާއި، އަނބިން އަދި ފިރިންނަށް ވަގުތުދިނުމަށް އިސްކަންދޭ ބަޔަކަށްވުމަށް ވެސް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އެކި ސަބަބުތަކާހުރެ ޢާއިލާ ރޫޅި، ދެމަފިރިން ވަކިވާން ޖެހޭ ޙާލަތު ދިމާވެފައިވާ ޢާއިލާތަކަށް އިޝާރާތް ކުރައްވާ ވަޒީރު ވަނީ އެ އެޢާއިލާތަކުގެ ކުދިންނާ އެކުދިންގެ މައިންބަފައިންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ކޮންމެ ޢާއިލާއަކީވެސް އެކުގައި އުޅުނަސް، ނުވަތަ ދުރުގައި އުޅެންޖެހިފައި ވީނަމަވެސް ޢާއިލީ ގުޅުން ދަމަހައްޓާ، އިޙްތިރާމާއި ލޯތްބާއެކު އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައިވުމަށް އިލްތިމާސްކުރެއްވިއެވެ.