ޚަބަރު

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު އައްޔަންކުރަން ފާސްކޮށްފި


  • - ޒަރީރު އައްޔަން ކުރައްވަން ފެންނަ ކަމަށް 45 މެންބަރުން ވޯޓު ދެއްވި

  • - ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރެއްވި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގައި ނެގި ވޯޓުގައި ޓެކްސް ކޮމިޝަނަރަކަށް ޒަރީރު އައްޔަން ކުރެއްވުމަށް ފާސްވީ 45 މެންބަރުންގެ ވޯޓުންނެވެ. ޒަރީރު އައްޔަން ކުރެއްވުމަށް މަޖިލީހުގައި ވޯޓަށް އަހާފައިވަނީ އިގްތިސާދީ ކޮމިޓީން އެގޮތަށް ނިންމައި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށްފަހުއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ނަމެއް މަޖިލީހަށް ފޮނުއްވެވިއެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުޙައްމަދުގެ ނަންފުޅާއި ޒަރީރުގެ ނަންފުޅެވެ.

އިގްތިސާދީ ކޮމިޓީން ދެ ބޭފުޅުންނާ އިންޓަވިއުކުރެއްވުމަށްފަހު ވަކިވަކިން ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ވޯޓު ނެގިއެވެ. ކޮމިޓީގެ 10 މެންބަރުންގެ ވޯޓާއެކު ޒަރީރަށް ރުހުން ދިނުމަށް ފާސްކުރިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.