ޚަބަރު

އާއިލާތަކުގެ ހާލު ބެލުމަށް "ހާލު ކިހިނެތް؟" ޕްރޮގްރާމެއް ފަށަނީ


  • މިނިސްޓްރީގެ ފަރާތުން ގޭގެއަށް ގޮސްގެން އާއިލާތަކުގެ ހާލު ބަލާނެ

  • އަމާޒަކީ އަހަރެއްތެރޭ ހުރިހާ ގެއަކަށް ޒިޔާރަތްކުރުން

ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ އާއިލާތަކުގެ ޙާލަތު ދެނެގަތުމަށް، އިޖުތިމާއީ އަދި އާއިލީ ތަރައްޤިއާ ބެހޭ ވުޒާރާއިން، ޤައުމީ ޕްރޮގްރާމެއް ފެއްޓެވުމަށް ނިންމަވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އިޖުތިމާއީ އަދި އާއިލީ ތަރައްޤިއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމު ވިދާޅުވީ "ހާލު ކިހިނެތް؟" ނަމުގައި ފައްޓަވާ އެ ޕްރޮގްރާމަކީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން، ހިންގާ ޕްރޮގްރާމެއްކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ އާއިލާތަކަށް ވުޒާރާގެ ފަރާތުން ޒިޔާރަތްކޮށް ޙާލު ބަލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އާއިލާތަކަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، އެ ފަރާތްތަކުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެހެން މަސައްކަތް ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް ބޮޑު ނުރައްކަލެއްގަ އެހެންނޫނީ ހިއްދަތިކަމެއްގަ އުޅޭ ކުދިން ކުއްލި ކުއްލިއަށް ފެންނާކަށް ނުޖެހޭނެ ދެއްތޯ، އިރާދަކުރެއްވިއްޔާ މި އަންނަ ހަފުތާ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެ." ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މުޖުތަމަޢުގެ ހާލަތު ގާތުން ބަލާ މުޖުތަމަޢުގެ ފަރުދުންނާއި، ކަމާބެހޭ އިދާރާތަކާއި ވުޒާރާއާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެން ކުޑަކުދިންނަށް ނުރައްކާތައް ކުރިމަތިވާ ހާލަތައްތައް މަދުކުރެވޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

މިހާރު އެންމެ ބޮޑު ފޯކަސްއެއް އޮތީ ކަންކަން ދިމާވުމުގެ ކުރިން ރައްކާތެރި ފިވަޅު އެޅުމަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ހާލު ކިހިނެތް؟" ޕްރޮގްރާމަކީ، ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުންމުގެ އަމާޒުގެ ދަށުން، ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ ސިޔާސަތުތައް ބައްޓަންކުރުމަށްޓަކާ ސަރުކާރުންކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފައްޓަވާ ޕްރޮގްރާމެކެވެ. މިއީ މިގޮތަށް، ރާއްޖޭގެ ހުރިހާ އާއިލާތަކަށް، ވުޒާރާއިން ޒިޔާތަރްކޮށް، ހާލުބެލުމުގެ ޕްރޮގްރާމެއް ހިންގާ ފުރަތަމަ ފަހަރެވެ.