ޚަބަރު

ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި


  • މެންބަރު ވަކި ކުރުމުގެ ބާރު ދާއިރާގެ ރައްޔިތުންނަށް ލިބޭ ގޮތަށް އިސްލާހު ހުށަހެޅުއްވި

  • ގޮނޑި ގެއްލޭނެ ހާލަތްތައް ޤާނޫނުއަސާސީގައި ހިމެނުމަށް ހުށަހެޅުއްވި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު އަނބުރާ ގެންގޮސްފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.

ވަކި ޕާޓީއެއްގައި އިންތިޚާބުވާ މެންބަރުން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރައްވައިފިނަމަ އެ މެންބަރަކު އިސްތިއުފާ ދޭންޖެހޭ ގޮތަށް، އެންޓި-ޑިފެކްޝަން ޤާނޫނެއް ފާސްކޮށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. ނަމަވެސް ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި ބިލަކީ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ބައިތަކެއް އިތުރުކޮށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ.

އެ ބިލުގައިވާ ގޮތުން ޕާޓީ ބަދަލުކުރުމުން ނުވަތަ މިނިވަން މެންބަރަކު ޕާޓީއަށް ސޮއި ކުރެއްވުމުން އިސްތިއުފާ ނުދިން ނަމަވެސް ގޮނޑި ގެއްލޭނެއެވެ. އަދި ޕާޓީގެ ނިންމުމާ ޚިލާފަށް ވޯޓުދީގެން އެ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ވެސް އޮތީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އެއްވެސް މެންބަރެއް ތަމްސީލް ކުރާ ދާއިރާގެ ވޯޓުލުމުގެ ޙައްގު ލިބިފައިވާ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިނަމަ އެ ޕެޓިޝަން ދިރާސާކޮށް، އޭނާ މަގާމުގައި ބެހެއްޓުމާ ގުޅޭގޮތުން އާންމު ވޯޓެއް ނަގަން ޖެހޭނެކަމަށް ވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެ މެންބަރަކު މަގާމުން ވަކިވާނީ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން ކަމަށް ވެސް ބަޔާންކުރިއެވެ.

ހަސަން ލަތީފު ހުށަހެޅުއްވި މި ބިލު އަނބުރާ ގެންދަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ އިއުލާން ކުރައްވާފައެވެ.

މި ބިލުގެ އިތުރުން އިތުރު ދެ ބިލެއް އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް ރިޔާސަތުން އިއުލާން ކުރެއްވިއެވެ. އެއީ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާހާއި އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހުށަހެޅި އިސްލާހެވެ.