ކޮންމެ ކުއްޖަކީ ވެސް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތުވާ ކުއްޖަކަށް ހަދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ޗައިމްސް ޕްރީ-ސްކޫލުގެ ދަރިވަރުން ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޗައިމްސް ޕްރީ-ސްކޫލްގެ ދަސްވެނިވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހުރިހާ ދަރިވަރުންވެސް މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ދަރިވަރުން ވީހާވެސް 'ސްކްރީން ޓައިމް' މަދުކުރުމަށްވެސް އެކަމަނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
އެކަމަނާ ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށް ބެލެނިވެރިންނަށް ބާރުއަޅުއްވާފައެވެ. އަދި ދަރިންނަކީ އިސްލާމީ ރިވެތި އުސޫލުތައް އަށަގެންފައިވާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްތިމާސްކުރެއްވިއެވެ.
"އަޅުގަނޑު އިލްތިމާސެއް އެބައޮތް ބެލެނިވެރިންނަށް. މިފަދަ ކުދިންތަކެއް އަޅުގަނޑުމެން މުޖުތަމައަށް ނެރެން މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެން އެބަޖެހޭ އެކުދިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެންދާ ކުދިން ކަމުގައި ބަލަން،" ސާޖިދާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިންކަން ފާހަގަކުރައްވައި މުދައްރިސުން ކުރާ ބުރަ މަސައްކަތްތަކަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
ޗައިމްސް ޕްރީ-ސްކޫލުން ދަސްވެނިވި 23 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވިއެވެ. މި ޖަލްސާގައި ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ޚާއްޞަ ކުރެހުމެއް އެކަމަނާއަށް އެރުވިއެވެ.
ޗައިމްސް ޕްރީ ސްކޫލްގައި މިހާރު 117 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ.