ތުރުކީއާއި ރާއްޖެއާ ދެމެދު ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ބޭރުކުރާ 214 ބާވަތެއްގެ މުދަލުން ޓެރިފް ކަނޑާލުމަށް ދިވެހި ސަރުކާރުން ތުރުކީ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.
މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު އިޤްތިޞާދާއި ވިޔަފާރިއާއި ގުޅުންހުރި ދާއިރާތަކުން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން މިއަދު ބޭއްވި މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމުގައެވެ.
އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި ތުރުކީ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
The ongoing negotiations on a Preferential Trade Agreement with the Government of Türkiye is to help our exporters get preferential access to Türkiye market with concessional import tariffs & reduced non-tariff barriers. https://t.co/lmzpfzQNE3
— Mohamed Saeed (@em_saeed) April 25, 2024
މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި މުހިންމު ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތައް ތުރުކީއަށް އެތެރެކޮށް ވިއްކުމުގައި ލުއިގޮތްތަކެއް ހޯދޭނެ މަގުތަކާ ގުޅޭގޮތުން ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން ތުރުކީއަށް ރާއްޖެއިން މުދާ އެތެރެކުރުމުގެ އިންތިޒާމްތައް ފަސޭހަކޮށް، އެއްވެސް ޓެރިފަކާއި ނުލާ މުދާ އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖެއިން އެދިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއިން އެކްސްޕޯޓްކުރާ 214 ބާވަތަކުން ޓެރިފް ކަނޑާލުމަށް ހުށަހަޅާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޓެރިފް ކަނޑާލުމާއި ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވީ ތުރުކީއަށެވެ. މިދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި އިޖުތިމާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ވަނީ ޤާއިމުކޮށްފައެވެ.