ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި އެމްޑީޕީގެ މެންބަރުން ފަސްނުޖެހި ކުރިއަށްދާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައިމިވަނީ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއާއި ގުޅިގެންނެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަށް މަރުޙަބާ ކިޔާފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންގެ އިތުރަށް އިންތިޙާބު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ވެސް އެ ޕާޓީން މަރުޙަބާ ދެންނެވިއެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށާއި ރާއްޖޭގެ ތަރައްޤީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމަށް އެދިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުންކަން ފާހަގަކޮށް އެ ޕާޓީން ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެކަމަށް ޔަޤީން ކުރާކަމަށް ބުނެފައެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެޕާޓީން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް އެމްޑީޕީން ބުންޏެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަހަރުތަކެއްވަންދެން އެމްޑީޕީން ދިފާޢުކުރަމުން އައި ގިނަ ދާއިރާތަކުގެ ގޮނޑި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑިޕީން ކާމިޔާބުކޮށްފައިވަނީ މަޖިލީހުގެ 12 ގޮނޑިއެވެ.