އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތަރައްގީ އާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ ފިކުރަށް ވޯޓު ދީ، މާލެއިން ތާރީޚު ބަދަލުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ސިޔާސީ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވައިގެން ހައްލުކޮށްދެއްވާނެ އެއް މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަކަމަށެވެ. އަދި މާލޭގައި އެ މައްސަލަ ހައްލުކުރާނަމަ ދުނިޔޭގެ ތަރައްގީވެފައިވާ އެހެނިހެން ސިޓީތަކުގައި ހެދިފައިވާފަދަ ޤާނޫނުތައް ހަދަން ޖެހޭ ކަމަށާއި އެކަން ކުރެއްވުމަށް ސަރުކާރަށް އެއްބާރުލުން ދެއްވާނެ މެންބަރުންތަކެއް މަޖިލީހަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން އަމިއްލަ ސިޔާސަތުތަކެއް ގެންގުޅޭއިރު، ތަފާތު ޚިޔާލުގެ މެންބަރުން އިންތިޚާބުކޮށްފިނަމަ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް މަޖިލީހުގެ ތެރެއިން ހުރަސްއެޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންވާ ދުވެލީގައި ރައްޔިތުންނަށް ތަރައްގީ ގެނެވޭނީވެސް ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެގެންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ މިފަހަރަކީ މި މާލޭގެ ތާރީޚު ބަދަލުކޮށްލައި، މާލެ ސިޓީ ކައުންސިލްގައި އަޅުގަނޑުމެންގެ ޕާޓީއަށް އޭރު ދެއްވި ތާއީދު އަދި އެއަށްވުރެވެސް ބޮޑަށް ދެއްވަވައި، މި ތަރައްގީގެ ފިކުރަށް. މިހަމަޖެހުމާއި ރައްކާތެރިކަމުގެ ފިކުރަށް. މާލޭގެ ރައްޔިތުންނަށް ބޭނުންވެފައި މިއޮތް ގޯތިގެދޮރު ޔަގީންވާނެ ފިކުރަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާނެ ފަހަރަކަށް ހައްދަވާ،" ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ އިތުރުން ޒުވާނުން ފުދުންތެރިކުރުވުމަށް ވެސް ޤާނޫނުތައް ހަދައި، ބައެއް ޤާނޫނުތައް އިސްލާހު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްރަށްވެހިންނަށްވެސް ބޭނުންވާ ކަންކަމާއި ޕްރޮގްރާމުތައް އެކި ވުޒާރާތަކުގެ ތެރެއިން މިހާރު ފަށާފައިވާއިރު ސަރުކާރާ ދެކޮޅު ފިކުރުގެ މެންބަރުން އިންތިޚާބުކޮށްގެން އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ނުފުއްދޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.