ޚަބަރު

ބައިނަލްއަޤްވާމީ ނަފްސާނީ ހޮސްޕިޓަލަކާއެކު ސިއްޙީ ދާއިރާގެ ނާރެހަކަށް ލ.ގަން ހަދާނަން: ރައީސް


  • ގަން ރީޖަނަލް ހޮސްޕިޓަލް އަޕްގްރޭޑުކުރައްވާނެކަމަށް ވިދާޅުވި

  • މެންޓަލް ހޮސްޕިޓަލާއެކު ޞިއްޙީ ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް ވިދާޅުވި

  • ހައުސިންގެ އެންމެ ގިނަ މަޝްރޫޢު ހިންގާ އެއް ރަށަކަށް ގަން ހައްދަވާނެކަމަށް

މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ބަލީގެ ފަރުވާއަށް ޚާއްޞަ ބައިނަލްއަޤްވާމީ ހޮސްޕިޓަލަކާއެކު، ޞިއްޙީ ޚިދުމަތުގެ ނާރެހަކަށް ހައްދުންމަތީ ގަން ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހައްދުންމަތީ ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގަމުގެ ތަރައްޤީއަށް ރޭވިފައިވާ ކަންކަމާއެކު ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. ގަމުގެ ތަރައްޤީގައި ރައްޔިތުން ބޭނުންވާ ނަތީޖާ އަމަލީގޮތުން ނެރެދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގައި މުޅި ރާއްޖެ ތަރައްޤީކުރައްވާއިރު ހަންދުންމައްޗަކީ ތަރައްޤީގެ މުހިންމު އަތޮޅެއްކަމަށެވެ.

ރައީސް ވިދާޅުވީ ހައްދުންމައްޗަކީ އެންމެކުރީންސުރެ ތަރައްޤީ ނުވެ އޮތް ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރައްވާނެކަމަށެވެ. އެގޮތުން ގަމަށްވެސް އެންމެ މުހިންމީ ގެދޮރުވެރިކަން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ގަމުގައި ހިންގަމުންދާ 100 ހައުސިން ޔުނިޓަށްވުރެ ގިނަ ހައުސިން ޔުނިޓް އެރަށުގައި ތަރައްޤީކުރައްވާނެކަމަށެވެ. އަދި މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރެއްވުމަށް ކަނޑައަޅުއްވާފައިވާ 40،000 ހައުސިން ޔުނިޓުގެ ތެރެއިން ގިނަ ޢަދަދެއް ގަމަށް ޚާއްޞަ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ މުހިންމީ ގެދޮރުވެރިކަން. މިހާރު ފެށިފައިހުރި 100 ހައުސިންއަކީ ފުދޭނެ މިންވަރެއް ނޫން. އަޅުގަނޑު ވަޢުދުވީގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގެ އަމާޒުގެ ތެރެއިން އެންމެ އިސްކަން ދެނީ ބިންބޮޑު ޖާގަ އޮތްތަނަށް. އެގޮތުން ހައުސިންގެ ބޮޑު ބައެއް މިރަށަށް ޚާއްޞަވާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

2019 ވަނަ އަހަރު ގަމުން ދޫކޮށްފަައިވާ ގޯތިތަކުގެ ޖާގަ ކުޑަވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ރައީސް ދެއްވި ޔަޤީންކަމަކީ އެގޯތިތައް އިތުރަށް ބޮޑުކޮށް ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެއްވާނެކަމެވެ.

ރައީސް ވިދާޅުވީ ގަމުގެ ތަރައްޤީއަށް ބައެއް ކަންކަން މިއަހަރުގެ ބަޖެޓުގައި ނެތްނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ގިނަ މަޝްރޫޢުތަކަށް ޖާގަ ދެއްވާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތުގެ އެންމެ މަތީ ފެންވަރަށް ތަރައްޤީކުރާ 5 ޓާޝަރީ. ހޮސްޕިޓަލުގެ ތެރެއިން 1 ހޮސްޕިޓަލަކީ ގަން ރީޖަނަލް ހޮސްޕިޓަލްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލް ގަމުގައި ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ބަލީގެ މައްސަލަ ރާއްޖޭގައި އިތުރުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ މެޑިކަލް ޓޫރިޒަމް ތަޢާރަފްކުރެއްވުންކަމަށެވެ. ރައީސް ވިދާޅުވީ ގަން ރީޖަނަލް ހޮސްޕިޓަލް އަޕްގްރޭޑުކުރުމާއެކު ގަމަކީ ޞިއްޙީގޮތުން ވަރުގަދަ ނާރެހަކަށް ހައްދަވާނެކަމަށެވެ.

"އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް މިތަނުގައި ޤާއިމްކުރަން ވަޢުދުވީން. ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް މިއީ. ޒުވާނުން ޚާއްޞަކޮށް ހަލާކުވެގެން އެބަދޭ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ އޭގެތެރެއިން މެޑިކަލް ޓޫރިޒަމާ ގުޅުވާލައިގެން، އަޅުގަނޑުމެންގެ ވިސްނުމަކީ މި އަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ގެނެވޭނެ އަތޮޅަކަށްވާތީ މެންޓަލް ހޮސްޕިޓަލާ ގުޅޭގޮތަށް ގެންދަން ގަސްތުކުރަނީ. ޞިއްޙީ ގޮތުން ވަރުގަދަ ނާރެހަކަށް މިރަށް ހަދާނަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ޚިދުމަތާއި ޓޫރިޒަމްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއިންވެސް ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަމަށެވެ. އަދި މިވަގުތު މަޑު ޖެހިފައިވާ މަޝްރޫޢުތައްވެސް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގަން ތަރައްޤީކުރުން އެއީ ދައްކާ ވާހަކައެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށް ޢަމަލީގޮތުން ކަންކަން ހާސިލްވެފައިވާތަނަކަށް ބަދަލުކުރައްވާނެކަަމަށެވެ. މިހުރިހާ ކަމެއް ހާސިލްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން މުހިންމުކަމަށް ވިދާޅުވާ ވިދާޅުވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރު ކުރެއްވިއެވެ.