ޚަބަރު

ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢާއެކު ރައީސްގެ ތަސައްވުރުގައި ހައްދުންމައްޗަށް ތަރައްޤީގެ ބޮޑު ޕްލޭނެއް


  • ބިން ހިއްކުމާއެކު ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢު ހިންގާނެ

  • 7 އާބަން ސެންޓަރުގެ ތެރެއިން ފޮނަދުއަކީ 1 ސެންޓަރު

  • ހުރިހާ ޚިދުމަތެއް އެންމެ މަތީ ފަންތީގައި ލިބޭނެ

ހައްދުންމައްޗަކީ އެންމެ ބޮޑަށް ތަރައްޤީގެ މިންވަރު ހާސިލްވެފައިވާ އަތޮޅަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު އެކުލަވާލާފައިވާ ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭންގައި 7 އާބަން ސެންޓަރު ޤާއިމްކުރުމަށް ނިންމަވާފައިވާކަމަށާއި، އޭގެތެރެއިން އެއް ސެންޓަރަކީ ހައްދުންމަތީ ފޮނަދޫކަމަށެވެ.

އާބަން ސެންޓަރުތަކުގައި ހުރިހާ ޚިދުމަތްތައް ޤާއިމްކުރެވޭނެކަމަށާއި، ހުރިހާ ކަމެއްވެސް ދަނީ ޕްލޭން ކުރެވިގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާބަން ސެންޓަރުތައް ޤާއިމްކުރަނީ ދުރު ރާސްތާއަށް ޕްލޭން ކުރެވިގެންކަމަށްވެސް ވިދާޅުވިއެވެ.

ހައުސިންގެ ބިޔަ މަޝްރޫޢު ފޮނަދޫގައި

މި ޕްލޭންގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ގެދޮރުވެރިކަމެވެ. އެއީ ކޮންމެ ދިވެއްސަކަށް އޮތް އަސާސީ ޙައްޤެއްކަމަށާއި، ފޮނަދޫގެ ތަރައްޤީއަށް ބިން ހިއްކުމަށް ނިންމެވީ ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

"ގެދޮރުވެރިކަން އެކި ކަންކޮޅުތަކަށް އެކި ސްކޭލްގަ ބެހިގެންދާއިރު އެންމެ ގިނަ ހައުސިން ޔުނިޓްއެޅޭ ރަށަކަށް، 7 އާބަން ސެންޓަރުކަމަށްވާއިރު، މިރަށުގެ މި ބިން ހިއްކުމާ އެކީގަ ހައުސިންގެ ބިޔަ ބޮޑު މަޝްރޫޢެއް ހިންގާނަން އިރާދަކުރެއްވިއްޔާ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ މަޝްރޫޢު ހިންގާނީ ބަޖެޓުގައި ހިމަނުއްވައިގެންނާއި، އެކިކަހަލަ އިންވެސްޓަރުންގެ އެހީގައާއި އެކި ފައިނޭޝަލް މޮޑެލްގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ފައިދާއަކަށްވާނީ އާބާދީއާ ތަރައްޤީ އެއްފަސް ކުރުމުގެ ވިސްނުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ދެމެހެއްޓިނިވި ތަރައްޤީއަށް އާބާދީ އެއްފަސްކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ރައީސް ވިދާޅުވީ، އެކަން ކުރާނީ މަޖުބޫރުން ނޫންކަމަށާއި، އެއީ ދުރުރާސްތާއަށް ވިސްނާ ރައްޔިތުން އަމިއްލަ އިޚްތިޔާރުގައި ކުރާނެ ކަމެއްކަމަށެވެ.

ހައްދުންމައްޗަށް އިޤްތިޞާދީ ފުދުންތެރިކަން

އިޤްތިޞާދީ ފުދުންތެރިކަން ހައްދުންމައްޗަށް މިހާތަނަށް ގެނެވިފައި ނުވާތީ، އެކަމަށްޓަކައި ކައްދޫ އެއަރޕޯޓްގެ ބިޔަ މަޝްރޫޢެއް ހިންގުމަށް ރައީސް ވަނީ ނިންމަވާފައެވެ. ކައްދޫ އެއަރޕޯޓުގެ ބިޔަ މަޝްރޫޢުގައި ސަރުކާރުން މިހާރު ވަނީ ސޮއިކޮށްފައެވެ.

ރައީސްގެ ވިސްނުންފުޅަކީ ކައްދޫ އެއަރޕޯޓާއެކު އެރަށުގައި ޓޫރިޒަމްވެސް ތަރައްޤީކުރުމެވެ. ރައީސް ވިދާޅުވީ ޓޫރިޒަމް ހައްދުންމަތީގައި އިތުރަށް ފުޅާކުރަން ޖެހޭކަމަށާއި، އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް ކައިރީގައި ޓޫރިޒަމް ތަރައްޤީކުރައްވާނެކަމަށެވެ.

"އެކި ކޮންސެޕްޓުގެ ޓޫރިޒަމް. އެއީ އިކޯ ޓޫރިޒަމް، ގާދޫ މިސާލަކަށް އަދި މިއަތޮޅުގެ އެހެން ރަށްތައްވެސް އިކޯ ޓޫރިޒަމަށް ވަރަށް އެކަށޭނަ ތަންތަން އެބަހުރި. އެހެންވީމަ އިކޯ ޓޫރިޒަމާ، ސިޓީ ހޮޓާ އެޅުމާ، ޢާންމުކޮށް މިހުންނަ ޓޫރިސްޓު ރިސޯޓުތަކާ، ގަމުގަ އިޢުލާންކުރިފަދަ އައްސޭރި ޓޫރިޒަމް. މިހެންގޮސް އެކި ކަހަލަ ޓޫރިޒަމް ޕްރޮޑަކްޓްތައް އެބަހުރި ގެނެވެން. މިއީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ގޮތަކީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި މަސައްކަތް ވަރަށް ބުރަކޮށް މިނިސްޓަރ ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނެއް ނުދާނަން މަޑުމަޑުންނެއް. ބާރު ސްޕީޑުގައި ތަރައްޤީ ގެންނަން ބޭނުންވަނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ފޮނަދޫގައި ޤާއިމްކުރާނެ އެހެނިހެން ބައެއް ޚިދުމަތްތައް

* ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސް (ބަޖެޓުގައި ހިމަނާފައި)
* ލެންގުއޭޖް ސްކޫލެއް ޤާއިމްކުރުން
* އޮފީސް ކޮމްޕްލެކްސް ޢިމާރާތް
* ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން
* މުދާއަރުވާ ބޭލޭ ފެންވަރުގެ ސަރަޙައްދީ ބަނދަރު ތަރައްޤީކުރުން

މި ހުރިހާ ކަމެއް ކުރިއަށްދާއިރު ނަތީޖާއަކަށްވާނީ ހައްދުންމައްޗަކީ އެންމެ ބޮޑަށް ތަރައްޤީގެ މިންވަރު ހާސިލްވެފައިވާ އަތޮޅަށްކަމަށް ރައީސް ވިދާޅުވިއެވެ.

މިފެންވަރަށް 7 ސަރަހައްދު ތަރައްޤީކުރައްވާނެކަމަށާއި، ދުރު ރާސްތާގައި ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހިސާބަށް ދަންދެން ހުރިހާ ރަށަކަށްވެސް ބޭނުންވާ ކަންކަން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެންމެ ކުޑަށް ރަށުގެ ތަރައްޤީއަށްވެސް ބޭނުންވާ ކަންކަން ބަޖެޓުގައި ހިމަނައިގެން ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގުމުން ރައްޔިތުން ހިޖުރަކުރާނެ ތަން ކަނޑައަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަން އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކަމަށާއި، ނަމަވެސް ހުރިހާ ރަށެއްގެ ރައްޔިތުން އެމަނިކުފާނަށް ހަމަހަމަކަމަށް ވިދާޅުވިއެވެ.

"އެންމެ ކުޑަ ރަށަށްވެސް ހުރިހާ ޚިދުމަތެއް ލިބޭނެ. އެގޮތަށޭ ބައްޓަން ކުރެވިފަ މިއޮތީ. އެގޮތަށް ކުރިއަށްވެސް މިދަނީ. ދާއިރުގަ ކުރު ރާސްތާ އަދި މެދުރާސްތާއަށް ދެމެހެއްޓެނިވި އެންމެ މަތީ ފެންވަރުގެ ޚިދުމަތްދެވޭނީ މިދެންނެވިގޮތަށް ސަރަހައްދީ ތަރައްޤީ ގެނެސްގެންކަަމށްވާތީ ދެކަންތައް އެއްކޮށް ގެންދާވާހަކަ މި ދަންނަވަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަޝްރޫޢުތަކާއި މަޖިލިސް ގުޅިލާމެހިފައި

ބަޔަކު ސިޔާސީ ވިސްނުމުގައި އޮޅުވާލަން މަސައްކަތް ކުރިނަމަވެސް ތެދު ހަގީގަތަކީ ކޮބައިކަން ރައްޔިތުން ވިސްނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ކޮންމެ ވަޢުދެއްވެސް ވެވަޑައިގަތީ ފުއްދަންވެގެންކަމަށާއި، ފުއްދޭނެކަމުގެ ޔަޤީންކަން އޮތުމުންކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ އެއްބާރުލުން ދެވޭނެގޮތް އެބައޮތްކަމަށާއި، އެއީ ރައްޔިތުންގެ މަޖިލިސްކަމަށް ރައީސް ވިދާޅުވިއެވެ. މަޖިލީހުގެ އެއްބާރުލުމާ ނުލައި ތަރައްޤީގެ މަސައްކަތްތައް ނުކުރެވޭނެކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

އެމަނިކުފާނު ވާހަކަ ދައްކަވަނީ އިޚްލާސްތެރިކަމާއެކު، ރައްޔިތުން އެދޭ ނަތީޖާ ނެރެދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.