ޚަބަރު

ހައްދުންމަތީގެ ތަރައްޤީ ރައްޔިތުންގެ އުންމީދާ އެއްވަރަށް ގެނެސްދޭނަން: ރައީސް


  • އިސްދޫއާއި ދަނބިދޫ ކޯޒްވޭގެ ސްކޯޕް އިތުރު ކުރައްވާނެކަމަށް ވިދާޅުވި

  • އިސްދޫ އަދި ކަލައިދޫގެ ތަރައްްޤީއަށް މުހިންމު މަޝްރޫޢުތަކެއް އިއުލާންކުރެއްވި

  • އެ މަޝްރޫޢުތައް ހިންގުމަށް މަޖިލީހުގެ އެއްބާރުލުމަށް އެދިވަޑައިގެންނެވި

ހައްދުންމަތީގެ ތަރައްޤީ ރައްޔިތުންގެ އުންމީދާ އެއްވަރަށް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދަޅުވީ ހައްދުންމަތީ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިސްދޫއާއި ކަލައިދޫ ހިމެނޭހެން، ހައްދުންމަތީގެ 4 ދާއިރާގެ ހުރިހާ ރަށެއްގެ ތަރައްޤީއަށް އެމަނިުފާނު އިސްކަންދެއްވާނެކަމަށެވެ. މިއަހަރު ބައެއް މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގެ ދަތިތަކެއް އެބަހުރިކަމަށާއި، އެއީ ކުރީ ސަރުކާރުން ބޭނުންވާގޮތަށް ފާސްކޮށްފައިވާ ބަޖެޓެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އިސްދޫ ކަލައިދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް

މިއަހަރުގެ ބަޖެޓުގައި ހިމެނުމަށް ލިބިވަޑައިގަތީ މަދު މަޝްރޫޢުތަކެއްކަމަށާއި، ގިނަ މަޝްރޫޢުތަކަށް ކަނޑައަޅާފައިވަނީ ވަރަށް މަދު ޢަދަދެއްގެ ފައިސާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކި ރަށްރަށުގައި ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތައް ވަކި ތަރުތީބެއްގެ ދަށުން ކުރިއަށް ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހައްދުންމަތީގެ ތަރައްްޤީއަށް ބޭނުންވާ މަޝްރޫޢުތައްކަމަށްވާ ބަނދަރު ހެދުމާއި، ހޮސްޕިޓަލް ތަރައްޤީކުރުމާއި، މަގު ހެދުންފަދަ އެނޫންވެސް މުހިންމު މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށެވެ.

އެކަމުގައި ދެވަނަ ވިސްނުމެއް ނެތްކަމަށާއި، ބާރު ސްޕީޑުގައި ހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭނުންފުޅުވަނީ ކޮންމެ ދުވަހަކީވެސް ބާރު މިނުގައި މަޝްރޫޢުތައް ކުރިއަށްދާ ދުވަހަކަށް ހެދުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަރައްްޤީގެ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ދަނބިދޫއާއި އިސްދޫ ކޯޒްވޭއަކުން ގުޅުވާލުން ހަގީގަތަކަށް ހަދައިދެއްވާނެކަމަށެވެ. އަދި ކުރީ ސަރުކާރުގައި އެ މަޝްރޫޢުގެ ސްކޭލް އޮތީ ވަރަށް ކުޑަކޮށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު އެ މަޝްރޫޢު ފަރުމާކޮށްފައިވަނީ ސްކޭލް ބޮޑުކޮށްކަމަށެވެ. އެހެންކަމުން ކުރީގެ ޑިޒައިނަށް މަސައްކަތް ކުރިއަށް ގެންދެވޭތޯ ބަލަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްދޫއާއި ކަލައިދޫގެ ބަނދަރު ތަރައްޤީކޮށްދެއްވާނެކަމަށާއި، މިހާރު ހުރި ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި އައު ޚިދުމަތްތާއި ޢިމާރާތް ބޭނުންވާކަމަށާއި، ބަޖެޓުގައި އެކަންކަން ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށާ ކައިރިން ޓޫރިޒަމް

ލ. އަތޮޅުގެ ރައްޔިތުންގެ އުންމީދު ހާސިލުވާވަރަށް ޓޫރިޒަމް ގެނައުމަށް ނިންމާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަށްރަށާއި ވީހާވެސް ކައިރީގައި ޓޫރިޒަމް ތަރައްޤީކުރައްވާނެކަމަށެވެ. އެގޮތުން މިއަހަރުވެސް ހައްދުންމައްޗަށް އިތުރު ރިސޯޓުތައް ގެނައުމަށް މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

“ހުރިހާ ރަށަކާ ކައިރިން އައްސޭރި ޓޫރިޒަމް، އައިލެންޓު ޓޫރިޒަމް، މިކަހަލަ ވަކިވަކި މަޝްރޫޢުތައް ރޭވިފައިވަނީ. އެއަރޕޯޓުވެސް. ދެވަނަ އެއަރޕޯޓެއް އަޅާނެތަނެއްވެސް މިދަނީ ބަލަމުން. ހުރިހާ ރަށެއްގެ ރައްޔިތުން އަޑު އަހާ އެންމެ ރަނގަޅަށް އެ މަޝްރޫޢު ހިންގާނީ. އެކަމުގައި ރައްޔިތުންގެ އަޑު އަހައިގެން ގޮތެއް ނިންމާނަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހައްދުންމަތީގެ ރައްޔިތުންގެ އުންމީދާ އެއްވަރަށް ތަރައްގީ ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ. އެހެންކަމުން އެކަމަށް އެއްބާލުން ލިބޭނެ މަޖިލީހެއް ހޮވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.