ސަރުކާރާއެކު މަޖިލީހުގެ ތެރެއިން މަސައްކަތްކުރާނެ މަންދޫބުން ހޮއްވަވައިފިނަމަ ކޮޅުމަޑުލަކީ ކުރިއަށްއޮތްތަނުގައި ތަރައްޤީގެ ރާޑަރުގެ މެދަށް ގެނެވޭ އަތޮޅަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއްގެ ކެމްޕެއިން ޙަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވީ ތ. އަތޮޅުގެ އެކިއެކި ދާއިރާތަކަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށާއި އެއަތޮޅުގައި ފަށައި މިހާރު ހުއްޓިފަހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއްކަމަށެވެ.
އެގޮތުން ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކޮންމެހެން ބޭނުންވެފައިވާ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވަމުން ރައީސް ވަނީ ކިނބިދޫއަށް މިހާރު މިހިއްމުވެފައިވާ ބިންހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި، ހިރިލަންދޫގެ ބިންހިއްކުމުގެ މަޝްޜޫއުގެ ދެން ކުރިއަށްހުރި މަސައްކަތްވެސް ދާދި އަވަހަށް ނިންމާލުމަކީ އަމާޒެއްކަމަށެވެ.
ރައީސް ވިދާޅުވީ ތަރަޢްޤީގެ އެފަދަ މުހިއްމު މަޝްރޫޢޫތައް ކުރިއަށްގެންދިއުމުގައި މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް އިންތިހާއަށް ބޭނުންވާކަމާށާއި ސަރުކާރަށް ތަޢީދުކުރާ ކެނޑިޑޭޓުން ހޮވަންވީ އެފަދަ ކުރިއެރުންތައް ހުރަހެއްނެތި ރައްޔިތުންނާހަމައަށް ގެނައުމަށްކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ނަތީޖާ ސަރުކާރުން ނެރެދިނުމަށް ޚައްސަ އިސްކަމެއް ދެއްވާކަން ވަނީ ފާހަގަކުރައްވާފައެވެ.
"ބޭނުންވާނީ ނަތީޖާ ނެރެދޭން. އިރާދަކުރެއްވިއްޔާ ނަތީޖާއަކަށް ވެގެންދާނީ މާޒީވެދިޔަތަނާ ޚިލާފަށް ކުރިއަށްއޮތްތަނުގައި ކޮޅުމަޑުލު ވެގެންދާނީ ތަރައްޤީގެ ރާޑަރުގައި މެދަށްވާ އަތޮޅަކަށް" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރަށް މިވީ 4 ވަރަކަށް މަސްދުވަހުގެ ތެރޭގައިވެސް ޤައުމީ މަސްލަހަތާއި ޤައުމުގެ މިނިވަންކަމާ ގުޅޭ މުހިއްމު ކަންކަން ކުރެއްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައުމު ވެއްޓިފައިވާ އިޤްތިޞާދީ އަނދަވަޅުން ސަލާމަތްކުރުމަށްވެސް ކުރެވުނު މަސައްކަތަކުގެ ނަތީޖާ ފެންނަމުންދާކަމަށް ވިދާޅުވިއެވެ.
އަދި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ސަރުކާރަށް ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުން ބޭނުންވާ ހެޔޮބަދަލުތަށް ޤައުމަށް ގެނެވި އެދެވޭ ނަތީޖާތައް ނެރެދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.