މި ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި 19 ޕޮލިސް ސްޓޭޝަން ޤާއިމްކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
100 ދުވަހުގެ ތެރޭގައި މިސަރުކާރުން 19 ޕޮލިސް ސްޓޭޝަން ގާއިމް ކޮށްފައި ވާކަމަށާއި އަދި މިއަހަރުގެ ތެރޭގައި އިތުރު 18 ރަށެއްގައި ޕޮލިސް ސްޓޭޝަން ޤާއިމް ކުރުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތް ކުރިއަރާފައިވާ މިންވަރާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ގެންގުޅުއްވާ ތަޞައްވުރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ ވަޢުދެއް ކަމުގައެވެ.
މިކަމަކީ ކުރިންވެސް ކުރުމަށް މަސައްކަތް ކުރަމުން އައި ކަމެއްކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، މިސަރުކާރުން ހަފްތާ 14ގެ މަގު ޗާޓުގައި 19 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމް ކުރުމަށް ނިންމެވި ކަމުގައެވެ. އަދި 14 ހަފްތާ ނިމުމުގެ ކުރިން އެވަޢުދު ފުއްދާފައިވާކަން ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި އިތުރު 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މިވަގުތު ރާޢްޖޭގެ 134 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެމުންދާކަމަށާއި އިތުރު 53 ރަށެއްގައި ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތް ކުރައްވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މި 53 ރަށާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވުނީކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެ އަހަރު ދުވަހުގެ ތެރޭގައި ޤާއިމްކުރެއްވުމަށް މަސައްކަތްކުރައްވާކަމަށްވެސް ކޮމިޝަނަރ ޝުޖާޢު ވިދާޅުވިއެވެ.
"އުންމީދަކީ 2025 ނިމެންވާއިރު މުޅި ރާޢްޖޭގަ ފުލުހުންގެ ޚިދުމަތް ގާއިމްކުރުން. މިކަމަކީ އެހާ ފަސޭހައިން ނިންމޭނެ ކަމެއް ނޫން. ކޮންމެ ރަށެއްގަ ފުލުހުންގެ ޚިދުމަތް ގާއިމްކުރެވޭއިރު އެރަށަކަށް ބޭނުންވާނެ ފުލުހުންގެ އަދަދާ، ބޭނުންވާނެ ވަސީލަތްތަކާ، ދެވޭ ހިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކަކަށް ވާންޖެހޭ. ޚިދުމަތެއް ފަށްޓާފަ ދެން ރައްޔިތުންގެ އެކްސެޕްޓޭޝަނާއި އެއްވަރަށް ނުދާނަމަ ދެން އަނެއްކާވެސް ޚިދުމަތާއި ދޭތެރޭ ރައްޔިތުން ދެކޭ ގޮތް ބަދަލްވާނެ." ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ޕޮލިސް ސްޓޭޝަންތައް ހުޅުވަނީ ހަމައެކަނި ތަނެއް ހުޅުވުމުގެ މަޤްޞަދުގައި ނޫންކަމުގައެވެ. ސްޓޭޝަނެއް ހުޅުވާއިރު އެތަނުގެ އެންމެ މަދު މިންވަރަށް ފުލުހުންގެ ޢަދަދު ބަލާކަމަށާއި އަދި ސްޓޭޝަން ހުޅުވަނީ އެހެން ތަނެއްގައި ދެވޭ ޚިދުމަތް ޑައުންގްރޭޑް ކޮށްފައި ނުވަތަ ދަށްކޮށްފައި ނޫންކަމަށްވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
ޢަލީ ޝުޖާޢު ވިދާޅުވީ ފުލުހުންގެ ޚިދުމަތް އިތުރަށް ރަނގަޅުކުރަން އަދިވެސް ޖެހޭކަމަށާއިި އެކަމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.