މުނިފޫހިފިލުވުން

ވާހަކަ: ރަންކޮޅާ


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: އިބްރާހީމް އަފްޟަލް/ހ.ޖީރާން

  • ހުށަހެޅުއްވީ: އާމިނަތު ޢަރޫޝާ، މާހި/ގދ.ހޯނޑެއްދޫ

  • އެއަރކުރި ދުވަސް:21.03.2024

"އަހަންނަށް ކިޔަނީ ސަރީޢު. އަހަރެން މިދުނިޔޭގައި އުޅޭތާ ހަތްސަތޭކައަހަރަށްވުރެން ގިނަދުވަސްވެއްޖެ. ތުންއަނބުރާލާފަ ތިދެލޯއަޅާލީ އަހަރެން މީ މޮޔައެއްކަމަށްހީކޮށްތަ، ނޫނީ އަހަރެން ރޯޒްއަށް ޖެއްސުމަށް ކުރަނީއޭހިތާތަ؟ އާން، މަށަށްނަމަވެސް ޤަބޫލެއް ނުކުރެވުނީސް؟ މިޒަމާނުގައި ހަމަބުއްދިހުރި އެކަވެސް ޤަބޫލެއް ނުކުރާނެ. އެކަމަކު މީހަމަ ހަޤީޤަތް. އަހަންނަކީ އިފްރީތެއް. ނުބައި އިފުރީތެއްނޫން. ކަލޭފަދައިން ހަމަ މުސްލިމެއް."

ރޯޒް، ފުރިހަމަނަމުންނަމަ އަފްރޯޒާ، ލޮލުން ނުރުހުމުގެ ކަނިބުރުވާލަމުން އޭނާގެ ކައިރީގައި ހުއްޓިހުރި މުސްކުޅި ބެއްޔާއާދިމާލަށް ބުންޏެވެ. "އޭތް! އަހަރެންމިހުރީ ވަރަށް މޫޑްއޯފްވެވަ. އަދި އަހަންނާ ސަމާސާކުރާކަށް ކަލޭތީ އަހަރެން ދަންނަމީހެއްނޫން. ކަލޭ ތީ މަގޭ ކާފަމެން އުމުރުގެމީހެއް. ދެން ތިއުމުރަށްދިޔައިމަވެސް އަންހެންކިދިންނަށް ތިހެން ފުރައްސާރަކުރުން ދޫކޮށްލާކަށްނުވޭތަ. އެއްފައި މަރުގެތުންފަތްމަތީގައި އަޅާފަހުރިއިރުމެ އަދިވެސް އަންހެންކުދިންފަހަތުން ދުވަނީދޯ؟ ލަދެއްނުގަނޭތަ؟ ކަލެއަކީ އިފުރީތެއްނޫން، އެކަމަކު އަހަރެންމީ އާދައިގެ އަންހެންކުއްޖެއްވެސްނޫން. ކަލޭގެދެލޯ ސަލާމަތުން ހުރިއްޔާ ފެންނާނެ. އަހަރެންގެ މިހިރަ ހަފޫޓު ފަސްއިންޗީގެ އިސްކޮޅު. އަހަރެން އެއްމެއަތަކުން ކަލޭ ކަރުގަހިފާފަ ބިމުންކަޓުވާލާފަ ހިއްލައިލުމަކީ އެއްވެސް އުނދަގޫކަމެއްނޫން. ދެން އިތުރައަށް މަގޭ އަނގަނުގޮއްވާ މިތަނުން ދާންއުޅޭ!"

"އެކްރޯމެގަލީ، މިބުނީ ހަފޫޓު ފަސްއިންޗީގެ ތިއިސްކޮޅުގެ ސަބަބަކީ އެކްރޯމެގަލީއޭ. އާންމުބަހުންނަމަ ޖަޔަންޓިޒަމް." އެ މީހާ ހިނިތުންވެލާފައި ބުންޏެވެ.

ރޯޒް އެމީހާއަށް ފުން ނަޒަރެއްހިންގާލިއެވެ. އެމީހާގެ ބުރުސޫރައިން އެއީ އެހާ ކިޔައިވައިގެން ހުރި މީހެއްގެފާޑެއް ނުޖަހައެވެ. ލައިގެން އެހުރީވެސް ބާ ގަންޖިފަރާސްގަނޑަކާއި މުންޑެކެވެ. ލޯބޯކޮށިކަމުން އެހެރީ ބޯބިއްލޫރީގެ އައިނެއްއަޅައިގެނެވެ. ރޯޒް އޭނަގެ އަނގައިގެ މިޔަކަނުން ފަނޑު ހިނިތުންވުމެއްފާޅުވާހާލު ހިތަށްއެރިއެވެ. މިއީ ހަމައަސްލު އިފުރީތެއްނަމަ މިވާނީ އިފުރީތުންނަށްހުރި ހުތުރަކަށެވެ. އަދި އެމީހާ ހިނިތުންވެލުމުން ފެންނަންއެހެރީ ރީނދޫވެފައިހުރި، އަދި މެދުން އެއް ދަތްމަދު ދަތްޕިލައެކެވެ.

"ރޯޒް މައި ޑިއާ، ޑޯންޓް ޖަޖް އަ ބުކު ބައި އިޓސް ކަވާރ" އެމީހާ އިނގިރޭސިވިލާތުގެ މީހިން ބަސްމޮށޭ ރާގަށް ވަރަށް ފަރިތަކަމާއިއެކު އިނގިރޭސިބަހުން ބުންޏެވެ.

ރޯޒް ހައިރާންވެފައި ހިނދުކޮޅަކަށް ވިސްނަން ހުރެފައި ބުންޏެވެ. "ކަލެއަކީ ކިޔަވައިގެން ހުރި މީހެއްކަން އެބައެނގޭ. އެކަމަކު ކަލޭ ތިފޮނިތައްދައްކަން އެހެންމީހަކު ހޯދާ. އަހަރެން ކަލެއަކާ އަނގަތަޅާހިތެއްނެތް. ޖަސްޓް ލީވް މީ އަލޯން. އޯކޭ. ޕްލީސް."

އެމީހާ ރޯޒްއަށް ދެލޯއަޅާލިއެވެ. ދެން ފެނުނު މަންޒަރުން ރޯޒްގެ މުޅިހަށިގަނޑު ފިނިވިއެވެ. އޭނާގެ އިސްތަށިތަށްކޮޅަށްޖެހުނެވެ. އަދި އޭނާ ހަޅޭއްލަވައިގެންފައި އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ. ދެން ހޭވެރިކަން ވީއރު އޭނާ އޮތީ ގޮނޑުދޮށެއްގައެވެ. އަދި އޭނަކައިރި އެއްކަލަ މުސްކުޅިމީހާ ހުއްޓެވެ. މީގެ ހިނދުކޮޅެއްކުރިން އެމީހާ ފެނުނުއިރު އެމީހާ ހުރީ އިސްކޮޅުން ދިހަވަރަކަށް ފޫޓު ދިގުކޮށް، ކަޅުއެނދެރި ކުލައިގައި، އަދި ބޮލުގެ ނިއްކުރިމަތިން ދެފަރާތުން ދެދަޅުފަޅާފައި އަދި ބުރަކަށިން ބޮޑު ދެފިޔަގަޑު ފަޅާފައިހުރި އެއްޗެއްގެ ސިފައިގައެވެ. މިހާރު އަނެއްކާވެސް އެހެރީ ކުރިންފެނުނު މުސްކުޅިމީހާގެ ސިފައިގައެވެ.

"ބިރުނުގަނޭ ރޯޒް، އަހަރެން ރޯޒްއަކަށް އެއްވެސް ގެއްލުމެއް ދޭކަށްނެތިން. އަހަރެން ހަމައެކަނި ބޭނުންވަނީ ރޯޒްއަށް ވާހަކައެއްކިޔައިދޭން. އެވާހަކަ ކިޔައިދީފައި އަހަރެން ރޯޒް އަނބުރާ މާލެއަށް، ރޯޒްދެންމެ ހުރިތަނަށް ގެންގޮސްދޭނަން." އެމީހާ އަނެއްކާވެސް ހިނިތުންވެލާފައި ބުންޏެވެ.

ރޯޒްއަށް އެމިހާއަށް ނުވަތަ ސައްޙަކޮށްބުނާނަމަ އެ އިފުރީތައް އިތުބާރުކުރާނެ އެއްވެސް ސަބަބެއްނެތްހާލުގައިމެ އެއެއްޗަށް އިތުބާރު ކުރެވުނެވެ. ދެން އޭނަގެ މިޒާޖުގައި އެވާ ލާނެއްކަމެއްގެ ސަބަބުން އޭނާ އޭއްޗާ ސަމާސާކޮށްލަމުން ބުންޏެވެ. "ދެން ތިހާ ވާހަކަކިޔާދޭހިއްވަންޏާ ރޭޑިއޯގެ ކުރުވާހަކަ މުބާތާތުގަ ތިވާހަކަ ކިޔައިދޭންވީނު. ވަނައަކަށްގޮސްފިއްޔާ އިނާމުވެސް ލިބޭނެއެއްނު."

އޭތިވެސް ހިނިތުވްވެލާވައި ބުންޏެވެ. "ހޫނ، ތީ ރަނގަޅު ޚިޔާލެކޭ. އެކަމަކުދެން މިހާރި އެހަށް މިވާހަކަ އަޑުއަހާބަލަ. މީ މީގެ ދުވިސައްތަވަރަކަށް އަހަރު ކުރިން ހަޤީޤަތުގައިމެ ހިނގާދިޔަ ހާދިސާއެއް. މިކަންތައްގަނޑު ފެށުނީ މާލެއިން ފުވައްމުލަކަށް މުނިފޫހިފިލުވުމަށް ގޮސް ތިބި، މާލޭގެ މުއްސަނދި ނަންހުރި ދެތިންޢާއިލާއެއްގެ ޒުވާނުންތަކެއްވެގެން އެއްދުވަހަކު ހިންގި ނުބައި އަނިޔާވެރި އަމަލަކުން. އެމީހުން އެރަށު ފަގީރު ޢާއިލާއެއްގެ ޒުވާން އަންހެންކުއްޖަކު، އެކުއްޖާ ވަލުތެރެއަށް ދަރުހޮވަންގޮސް އުޅެނިކޮށްފެނިގެން، އެކުއްޖާ ހިފަހައްޓާ ނަގައިގަނެގެން، ވަލުތެރޭގެ ޖަންގަލި ބޯ މީހުންނާ ދުރުހިސާބަކަށްގެންގޮސްފައި، ވަރަށްވެސް އަނިޔާވެރިކަމާއެކެ އެނިކަމެތި ކުއްޖާގެ އިތްފަތްތެރިކަން ނިގުޅައިގަތް. ދެން މިކަމުން އަވަދިވުމުން އެމީހުން އެކުއްޖާއަށް އިތުރަށް އެތަކެއް އަނިޔާތަކެއްދިނުމަށްފަހު އެފަކީރު އެތަނަށް މަރުވާން ދޫކޮށްލި. ކަންދިމާކުރިގޮތުން އެވަގުތު އަހަރެން އުޑުމަތިން އިރުވާހުދެއްގެ ސިފައިގައި އުދުހެމުން ދަނިކޮށް އެމީހުން އެޖަނގަލިންލާފައި އެންބުރިދާތަން ފެނުނު. ދެން އެތަނުން އެކަކު އޭނަގެ އަތުގައި ހޭކިފައި ހުރި ލޭތައް ދޮވެލަންވެގެން އަތިރިމައްޗަށްފޭބި. މިފެނުނު މަންޒަރުގެ ސަބަބުން އަހަރެންގެ ހިތުގާ އެއީ ކޮންކަމެއްތޯ ބަލައިލަން ޝައުގުވެރިކަން އުފެދިގެން އެތާކައިރިއަށް ޖައްސާލިން. އެމީހުންގެ ވާހަކަތަކުން އަހަރެންނަށް އެމީހުން އެކުރި ނުބައި އަމަލުގެ ވާހަކަ އެނގުނު. ދެން އަހަރެން އެމީހުން އެބުނި ކުއްޖާ ފެނޭތޯ އެ ބޯވަލުތެރޭގާ ބުޅަލަކަށްވެގެން އެކިކޮޅުކޮޅަށް ދުވުނިން. ނަސީބަކުން އެފަކީރުގެ ފުރާނަހުއްޓާ އަހަންނަށް އެމަންޖެފެނިއްޖެ."

ކުއްލިއަކަށް ރޯޒް ކުލާހެއްގެދަރިވަރެއްފަދައިން އަތް ހިއްލައިލިއެވެ. ސަރީޢު ސުވާލުގެ ނަޒަރަކުން ރޯޒްއާދިމާލަށްބަލައިލުމުން، އެކުއްޖާ ތުހުމަތުކުރާ ރާގަކަށް ބުންޏެވެ. "ކީއެވެ ކަލޭ އެމީހުން މަރާނުލީ؟ ކަލޭތީ ބޮޑު އިފުރީތެއްނު. ކަލޭހުއްޓުވޭނީ ކާކަށް؟"

"އަހަރުމެންނަކަށް އިންސާނުންގެ އެއްވެސް ކަމަކާ ބެހުމުގެ ހުއްދައެއްނޯވެއޭ. އެގޮތަށް ބެހިއުޅޭނީ މުޅިންވެސް ކާފަރު ޖިންނީން. ޝައިތާނުން. އަހަރެން އަދިއެހާތަނަށް ދުވަހަކުވެސް އިންސާނުންގެ އެއްވެސް ކަމެއްގެ އެތެރެއަކަށް ނުވަންނަށް. އެފަހަރުވެސް ވަންނާކަށްގަސްދެއް ނުކުރަން. އެކަމަކު އެކުއްޖާއަށް އެއްވެސް އެހީތެރިކަމެއްދެވޭތޯ ބަލައިނުލާ ހަމަނުހުރެވުނީ."

ދެންއޭނާ އަނެއްކާވެސް ވާހަކައިގެން ކުރިއަށްދިޔައެވެ. "އަހަރެން އެކުއްޖާ ނަގައިގަނެގެން މީހުން އުޅޭ ހިސާބަށް އުދުހިފައި ގެންދަން ވިސްނިން. އެކަމަކު އެކުއްޖާގެ ހާލަތުގެ ނާޒުކުކަމުން އެފަދަކަމެއްކުރާހާ ވަގުތެއްނެތް. ދެން ހާސްވެފައި ހާދާނެގޮތެއްނޭނގިފައިހުއްޓާ އެފަކީރުގެ ހިތްހުއްޓިއްޖެ. ދެން ހަމަ ނުހިރެވިގެން އަހަރެން އަހަރެންގެ ޖިންނިބާރުތައް ބޭނުންކުރަންފަށައިފިން. އެގޮތަށް އިރުގަނޑަކު އެކުއްޖާއަށް ފަރުވާދިނުމަށްފަހު އެކުއްޖާގެ ޒަޚަމުތައް ރަނގަޅުވެ ފާރުތައް ހިކިއްޖެ. ނަމަވެސް މިކަންކުރަން އަހަރެންނަށް ޖެހުނީ އަހަރެންގެ ބާރުތައް ހުސްވާހާ ދަރަޖައަށް ބޭނުންކުރަން." އަނެއްކާވެސް ރޯޒްގެ މޫނުމަތިން ސުވާލެއްގެ އަސަރު ފެންނަންފެށުމުން ސަރީޢު އެއަހަންއުޅޭ ސުވާލު އަންދާޒާކޮށްލާފައި ބުންޏެވެ. "ހޫން، ކަލޭމެންވެސް ބުރަމަސައްކަތެއްކުރުމުން ވަރުބަލިވާފަދައިން އަހަރުމެންވެސް އަހަރުމެންގެ ބާރުތައްބޭނުންކުރުމުން އެބާރުތައް ދެރަވޭ އަދި އެހާމެ ވަރުބަލިވެސްވޭ. ހާއްސަކޮށް އިންސާނެއްގެ ހަށިގަނޑުން ޒަޚަމެއް ރަނގަޅުކުރުމަކީ އަހަރުމެންނަށް ހުއްދަކަމެއްވެސްނޫން. ދެން އެފަދަކަމެއް ކުރުމުން އަހަރެންގެގައިން ބާރުދޫވެގެން ހޭނެތިގެން އެކުއްޖާގެ ކައިރިޔަށް ބިންމައްޗަށްވެއްޓުނު. އޭރު އަހަރެން ހުރީ ބުޅަލެއްގެ ސިފަގައި."

ދެން ހޭލެވުނުއިރު އޮތީ އެކުއްޖާގެ ގޭގެ ގޯތިތެރޭގައި ކަނެއްގާބާއްވާފަ. އޭރު އެކުއްޖާ ބަޔަކުމީހުންނާ ޒުވާބު ކުރަނީ. އަދި އެނތާގައި ވަރަށްގިނަ މީހުން އެއްވެފައިއޮތް. އެމީހުންގެ ހަޅޭއްފަޅޭކުގެއަޑުތަކުން ވެގެން އުޅޭގޮތް ސާފުވެއްޖެ. އެކުއްޖާގެ ހުންނަނީ މުސްކުޅި ކާފައެއް އެކަނި. އެއީ ޔަތީމުކުއްޖެއް. އޭނަ އުޅެނީ ކުޑަކުޑަ ފަން ޖިފުޓިގަނޑެއްގައި. ދެން އެކުއްޖާ އެއްކަލަމީހުންގެމައްޗަށް ވަރަށްކެރިހުރެ އޭނާގެ އިތްފަތްތެރިކަންނަގާލިކަމުގެ ތުހުމަތު ކުރި. ނަމަވެސް މާލޭންއައިސް އެތިބަ އިއްޒަތްތެރިންގެ ކުރިމަތީގައި އެނިކަމެތި ކުއްޖާގެ ބަހެއްނުވިކުނު. ހާއްސަކޮށް އެތާތިބިމީހުން ބުނީ، އެކުއްޖާއަށް އެވަރުބޮޑު ހަމަލާއެއްދިންނަމަ އޭގެ އެއްވެސް އަލާމާތެއް އެކުއްޖާގެ ހަށިގަނޑުގައި ނެތީ ކީއްވެތޯ. މިސުވާލުގެ ޖަވާބުދެވެން އޮތީ ހަމައެކަނި މަށަށް. އެކަމަކު މިހާރުވެސް އަހަރެން އެއޮތީ އަހަރެންގެ މައްޗަށް މަރުގެ ހުކުމެއް އަންނަވަރަށް އިންސާނުންގެ ކަންތައްތަކުތެރެއަށް ވަދެވިފަ. ހާއްސަކޮށް އަހަރެން ބިރުގަތްސަބަބަކީ އެތާގަހެއްގާއިން ކާޅެއް މަށާދިމާއަށް ލޯއަޅައިގަތީމަ. އެއީވެސް އަހަރެން ފަދަ ޖިންނިއަކަށްވެދާނެތީވެ. އެހެންވީނަމަ އޭތި އަހަރެން ބަސްޓުކޮށްލާނެ. އަހަރުމެންގެ ރަސްގެފާނަށް އަންގާނެ. ހޫން، ހޫން، އަހަރުމެންގެވެސް ރަސްކަލުން ތިބެޔޭ. ދެން އެހަށް ވާހަކަ އަޑުއަހާބަލަ. ދެން އަހަރެން އަތްފައި ފިނިވެފާ، އެކާޅަށް ފުރަގަސްދިގެން މަޑުމަޑުން އެމީހުންތައްދައްކާ ވާހަކަތައް އަޑުއަހަން، ދެލޯމަރައިގެން ނިދާކަމަށްހެދިގެން އޮތީ. އެންމެ ފަހުން ކަންތައްތައް ނިމުނުގޮތަކީ އެ ކުއްޖާފަކީރު އެއައި އިއްޒަތްތެރިންނަށް އަމިއްލަ ހަށިވިއްކަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެކުއްޖާ އެކަމުން ބަދަލުހިފުމަށް ހެދި ވާހަކަތަކެއްކަމަށް. ދެން އެރަށު ބޮޑުކަތީބު ފުއްޕާފައިއައިސް އެމަންޖެއަށް ދިން އިނޒާރަކީ، އެހަދާ ދޮގުތައް ނުހުއްޓައިފިނަމަ، އޭނައަށް މީހެއްގެ އަބުރާބެހުމުގެ ހަރުކަށި އަދަބު ދެވޭނެ ވާހަކަ. އެފަކީރު ބިރުން އަދި ރޮމުން ގޭގެތެރެއަށް ދުވެފާހިނގައްޖެ. އަހަރެން މިކަންތައް ކުރިޔަށްދާނެގޮޔް ބަލައިލާހިތްވެގެން އެގޭގައި އެކުއްޖާގެ ބުޅަލެއްގެ ގޮތުގައި މަޑުކުރީ. ދެން ދެތިން މަސްފާއިތުވުމުން އެކުއްޖާ އިނީ ދަރިއަކަށް ބަލިވެކަން އެނގުމުން އެރަށުމީހުން އައިސް ހޯބޯލަވާ، އެގެއަށް ގާއުކާ، އެގޭމީހުންނަށް ވަރަށް އުނދަގޫކުރި."

"ހޫން، ދެންވެސް ކަލޭހަމަ ފިނޑިވެފައި އިނީދޯ." ރޯޒް ރުޅިއައިސްފައިބުންޏެވެ.

"ހޭ، ހޭ، އައިއޭމް ނޮޓްދަ ވިލަން ހިޔާ އޯކޭ. އަހަރެން ހުރީ މަޖުބޫރުވެފަ. އޯކޭ." ސަރީޢު އަމިއްލަ ނަފްސުގެ ދިފާޢުގައި ބުންޏެވެ. ރޯޒް ތުންއަނބުރާލިއެވެ.

"ދެން އެކުއްޖާ ފިރިހެން ކުއްޖެއް ވިހާ އެކުޑަ ދަރިފުޅަށް ދެއަހަރުވުމުން، އެ އަންހެންކުއްޖާގެގައިގައި ޒިނޭކުރުމުގެ އަދަބެއްގެގޮތުން ސަތޭކަފަހަރު ހައްދުޖެހި. އޭރު އެކުއްޖާގެ ކާފަވެސް އެދެމެދުގައި ނިޔާވެއްޖެ."

ރޯޒް ފެންކަޅިވެ އަނގަމަތީއަތްއަޅާފައި ރުޅިއައިސްފައި ބުންޏެވެ. "ކަލޭ ހުރިހާކަމެއް އެނގިހުރެމެ އެހެން ވިޔަދިނީ ކީއްވެ؟ ހާދަ ރަހުމުކުޑަ މީހެކޭ، މިބުނީ އިފުރީތެކޭ ތީ؟"

"އަހަރުމެންނަކަށް އެފަދަ،" މިހިސާބަށްބުނެފާ ސަރީޢު އެބަސްތައް ތަކުރާރު ނުކޮށް ދެއަތް އުކައިގަނެފައި ވާހަކައައިގެން ކުރިޔަށް ދިޔައެވެ. "އެރޭ އެކުއްޖާ އަޅާވޭނުން ނުނިދިފައި ކުކުރަން އޮއްވާ އަހަރެން ޖިންނި ބާރުބޭނުންކޮށްގެން އަނެކާއްވެސް އޭނަގެ ޒަޚަމުތައް ފަސޭހަކުރިން. ދެން އަހަރެން އޭނަ ހައިރާންވެގެން އެނދުންތެދުވީމާ، އަހަރެންގެ އަސްލު ހާމަކޮށްދިނިން. ކަލޭފަދައިން އޭނާވެސް ހަޅޭއްލަވައިގެންފައި ހަބަރުހިސްވެގެން ވެއްޓުނު. އަދި މަޑުމަޑުން އެކުއްޖާއަށް އަހަރެން ދަސްވެ، ދުވަސްކޮޅެއްވީއިރަށް އަހަރުމެން ދެ ރަޙްމަތްތެރިންނަށްވެއްޖެ."

އެދުވަސްކޮޅު މީސްމީހުންގެ އުނދަގޫތައް ވަރަށް ބޮޑުވި. އެރަށު ޒުވާން ފިރިހެނުން ރޭގަނޑު އެގޭތެރެއަށް ވަންނަން މަސައްކަތް ކުރަން ފަށައިފި. ދެން އެގޮތަށް ކުރި މަސައްކަތް ކާމިޔާބު ކުރި މީހަކު، އެކުއްޖާ ނިދަންއޮއްވާ އެތަނަށް ވަދެފި. އަހަރެން ނުބައި ހަޅޭކެއްލަވައިގެންފައި، ފުންމައިގަނެ އެނުލަފާމީހާގެ މުންޑުތެރެއަށް ވަދެ، ދެލޯމަރާލައިގެންހުރެ، ނޭވާ ހިފަހައްޓާލައިގެން ހުރެ، އެތަނުން އަތުޖެހުނު ގުނަވަނެއްގައި ވަކިއަޅާ ސުންނާފަތިކޮށްލައިފިން. އެމީހާ ރޮމުން ހޭރެމުން، މަގޭ މިވެނިއެއްޗެކޭ އެވެނި އެއްޗެކޭ ގޮވަމުން އެގެއިން ދުވަމުން ނުކުމެގެން ރައްކާވެއްޖެ."

ރޯޒް ޕަކަޕަކައަޅާފައިހީގަނެފާ، ކުއްލިއަށް ކަމެއްހަނދައިންވެގެން ސަރީޢުގެ ވާހަކަ މެދުކަނޑާލަމުން އަހާލިއެވެ. "އޭތް! އަދިވެސް އެކުއްޖާގެ ނަމެއް ނުބުނަމެއްނު."

"އާނ ދޮގެއްނޫން، އެ ކުއްޖާއަށް އެންމެންވެސް ކިޔަނީ ބޯޅަސަންޕަ." ސަރީޢު ބުންޏެވެ.

"އައްޗީޑި! މަހީކުރީ ވަރަށް ސްވީޓު ނަމެއްކަމަށް އެކުއްޖާއަށް ކިޔާނީ." ރޯޒް މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.

"ތިބުނީ ހަމަތެދެއް. އެކަމަކު އެއީ ބޯޅަކިންކިރިމާގޭ ސަންޕަ ވިއްޔަ." ސަރީޢުވެސް ރޯޒްއާ އެއްބަސްވެލަމުން ބުންޏެވެ.

"ދެން އަހަރުމެން އެހެން މަޖަލުގައި ދުވަސްތައްހޭދަކުރަމުން ދަނިކޮށް އިވުނު ޚަބަރީ އެއްކަލަ މާލޭންއައި އެނުބައި ޒުވާނުންތައް، އެކިއެކި ހާދިސާތައްދިމާވެ މީހަކަށްފަހު މީހަކު ކޮންމެވެސް ނުބައިގޮތަކަށް މަރުވެއްޖެ ވާހަކަ. އެކަކުފިޔަވާ. އެއީ އެތާ އެމީހުންނާއެކުއުޅުނު އެކަމަކު އެހާދިސާގައި ބައިވެރިނުވާ، އެކަމަކު އެހަޤީޤަތް އެނގިހުރެމެ، އެކަން ފޮރުވި މީހެއް. އެމީހާއަށް ކިޔަނީ ކާސިމުދީދީ."

މިހިސާބަށް ބުނާއިރަށް ރޯޒް ދެލޯ ބޮޑުކޮށްލާފައި އަހާލިއެވެ. "އެމީހުން މަރުވީތަ ނުވަތަ ކަލޭ އެމީހުން މަރާލީތަ؟ މިބުން އެހާފަސޭހައިން އެއެންމެންވެސް ނުބައިގޮތަކަށް މަރުވީއޭ ބުނީމަ. އަޅެ ބުނެ ބަލަ. ޑިޑް ޔޫ؟ އޯ މައި ގޯޑް ޔޫ ޑިޑް!" ރޯޒް އޭނަގެ އަމިއްލަ އަނގަމަތީގައި އަތްއަޅާފައި ބުންޏެވެ.

ސަރީޢު އެއްޗެކޭ ނުބުނެ އިންދެފައި ބުންޏެވެ. "އަހަރެންގެ މައްޗަށް ތުހުމަތެއް ކުރަންބޭނުމީއްޔާ، ޓޯކް ޓުމައި ލޯޔާ. އޯކޭ. ނުވަދިހައިގެ ހިންދީ ލަވައެއްގައި އަޔާޝާ ޖުލްކާވެސް ބުނި ފަދައިން މަވެސް ބުނާނީ. ހަރް ސަވާލް ކާ ޖަވާބް ނެހި މިލްސަކްތާ." ސަރީޢު އެލަވަ ރާގައް ކިޔާލަމުން ބުންޏެވެ.

"ހޭ ޑޫޑް، އައި ވޯޒް ބޯން އިން 2009 އިނގޭ. ނުވަދިހައިގެ ލަވަތަކެއް މަށަކަށް ނޭނގޭނެ." ރޯޒް ސަރީޢުއަށް ބުނެދިނެވެ.

ކުއްލިއަކަށް ސަރީޢު ވާހަކަ ހުއްޓާލާފައި، ރޯޒްއަށް އޭނަގެ ކަނާތު އަތުގެ ކުޑަވައިއިންގިލި ދިއްކޮށްލާފައި، އެތާ ހުރި ގަސްތަކެއްގެ ފަހަތައް ވަދެއްޖެއެވެ.

ރޯޒް ހައިރާންވެ ދެލޯބޮޑުވެ އަނގަހުޅުވިފައި ހުރެފައި، ލާނެއް ހިނތުންވުމަކާއިއެކު އެގަސްތަކާ ދިމާއަށް އެނބުރިލާފައި އަހާލިއެވެ. "ބައެއެފަހަރު ރަށްރަށުގެ ކޯރުތައް ފެންބޮޑުވެ ބަންޑުންވަނީ އެއީ ކަލޭމެންގެ ސަބަބުންދޯ؟"

ގަސްތަކުތެރެއިން ސަރީޢު ޖަވާބުގައި ބުންޏެވެ. "ހައްހާ، ވެރީ ފަނީ."

ދެން ސަރީޢު އެނބުރި އައިސްފައި މޫދުން އަތްދޮވެލައިގެން ވާހަކައާގެން ކުރިޔަށް ދިޔައެވެ. "ކާސިމް ދީދީއަކަށް މާކަބޮޑު ކަމެއްނުވޭ. އޭނަ އެއްދުވަހަކު މަގުމަތިން ދަނިކޮށް ކައްސާލައިގެން ވެއްޓި ދަތްދޮޅި ހުޅުންނެއްޓުންފިޔަވާ މާބޮޑު ކަމެއްނުވޭ."

"އޭގެ ދެމަހެއްހާ ދުވަސްފަހުން އެއްދުވަހެއްގެ ހެނދުނު ވީ އިރު އެގޭބޭރަށް މުޅިރަށުގެ އެންމެން ޖަމާވެއްޖެ. އަހަރެންނާ ސަނޕަ ބިރުގަތްފައި ގޭތެރޭގައި ތިބިން. ދެން އަހަރެން ބުނީ އަހަރެން އަހަރެންގެ ޖިންނި ބާރުތައް ބޭނުންކޮށްގެން ސަނޕަ އެގޭ ބިއްދޮށުންލާފައި ގެންގޮސް ސަލާމަތް ކުރެވިދާނެވާހަކަ. އިރުކޮޅާކު ވިސްނަންއިނދެފައި ސަންޕަ ބޯހޫރާލަމުން ބުނީ، ދެނެއް ފުރަގަސްދީ ފިލާކަށް އޭނާ ނެތީމޭ، ވާނެ އެއްޗެއް ވެދާނެ ނޫންހޭ، މިހެން ބުނެފައި އަހަރެން އޭނަ ހުއްޓުވުމުގެ ކުރިން، އޭނަ ވަރަށް ހަލުވިކޮށް ގޮސް އެގޭ ދޮރުގެ ގޮތުގާޖަހާފައިހުރި ބިއްގަނޑުގާ ފައިންޖަހާ އެ ބިއްގަނޑު ބޭރަށް ވައްޓާލައިފި. ދެން ރުޅިއައިސްރަތްވެފާހުރެ، އެމީހުންގާތު، އޭނަ އެމީހުންދެކެ ބިރެއްނުގަނޭ. އެމީހުން އޭނަ މަރާ ކަތިލިޔަސް ތެދުވާނީ ހަމ ތެދަށޭ ބުނެ ހަޅޭއްލަވައިގަތް. ދެން އެވަރުން ނުފުދިގެންއިތުރަށް ބުނި، އެ މާލެއިން އައި އެ ނުބައިނުލަފާ ޖަނަވާރުންތައް އޭނާއަށް ހަމަލީ އޭނަގެ އިތްފަތްތެރިކަން ނަގާލީކަމަށް. އަދި މިކަމަކީ މިހިރަ އަލިގަދަ އިރުފަދައިން ހަމަ ހަޤީޤަތެއްކަމަށް. އެމީހުންކުރެ އެކަކު ޤަބޫލުނުކުރިޔަސް އޭނައަށް ވަރިހަމަކަމަށް. އަދި އޭނާ މަރާ ސުންނާފަތިކޮށް ކުދިކުދިކޮށްލިޔަސް އެނޫންބަހެއް އޭނާ ނުބުނާނަންކަމަށް. ދެން ހާދާއެއްޗެއް ހަދާބަލާށޭ ބުނެފައިފައި އޭނަގެވާހަކަތައް ނިންމާލި."

"ރަށުގެ ބޮޑުކަތީބު ވަރަށް ދެރަވެފައިވާ ވައްތަރު މޫނުމައްޗަށް ގެނެސްފާ ބުނީ ސަންޕަގެ ބަސް އެމީހުންނަށްވެސް މިހާރު ޤަބޫލުކުރެވިއްޖެ ކަމަށް. އަދި އެތާހުރި ޒުވާނަކަށް އިޝާރާތްކޮށްލާފައި އޭނާބުނީ މިހުންނެވީ ސަންޕައަށް އަނިޔާވެރިވި މީހުންގެ ތެރެއިން އިސްވެ ހުރި އިބްރާހިން ދީދީގެ ކޮއްކޮކަމަށްވާ އަލިދީދީ. ދެން އެއަލިދީދީ އޭނަގެ ބޭބެއާއި އެޢާއިލާގެ ފަރާތުން ވަރަށް މަޢާފަށް އެދުނު. ސަންޕަ ބޯހޫރާލަމުން ދުވަހަކުވެސް މަޢާފެއް ނުދޭނަމޭ ބުނި. ދެން އެއަލިދީދީ އޭނަ އެރަށު ކޯޓުން ގެނައި ދުއްރައެއް ސަންޕައާދިމާއަށް ދިއްކޮށްލާފައި ބުނީ، ސަންޕަ ބޭނުމިއްޔާ ސަންޕައަށް ނުޙައްޤުން އެލިބުނު އަދަބުގެ ކޮންމެ އެތިފަހަރެއްގެ ބަދަލުގައި އޭނާގައިގައި އެތިފަހަރެއް ޖެހިއަސް އޭނާ ހުރީ ހަމަ ތައްޔާރަށްކަމަށް. ސަންޕަ ރުޅިއައިސްގެން ބަލަން ހުރެފައި އައިސް އެ ދުއްރަ އެމީހާ އަތުން އަތުލި. އަދި ހަރުކަށިކަމާއިއެކު އަލިދީދީކައިރި ފުރަގަހަށް އެނބުރޭށޭ ބުނި. ދެން އެ އެތާތިބި އެންމެނާއި އަލިދީދީވެސް ހާސްވެފައި ހުއްޓާ، އެރަށު ކަތީބު ދެލޯބޮޑުވެފައިހުރެ އަވަށް ބުނީ، އަލިދީދީ އެހެން އަދި ބުންޏެއެއްކަމަކު، ދުއްރައަކުން ޖެހޭނީ ޤާޟީއެއްގެ ހުކުމަށް އެކަނިކަމަށް. ދެން ސައްޕަ އެމީހުންނަށް ތީ ހަމަ ކަލޭމެންގެ ފެންވަރޭ ބުނެފައި އެ ދުއްރަ އެތަނަށް އެއްލާލައިފައި އެނބުރި ގޭތެރެއަށް ވަދެއްޖެ."
ސަރީޢު މިހިސާބަށް ބުނެފައި ހުއްޓިލީމާ ރޯޒްއަށް ނުހުރެވިގެން ހިތްއަވަސްވެފާހުރެ އަހާލިއެވެ. "ދެން ކިހިނެއްވީ؟"

"ދެން ފެށިގެންދިޔައީ އަނެއްކާވެސް ދިގު ވާހައެއް. ކުރުގޮތަކަށް ބުނާނަމަ ސަންޕަގެފަރާތުން އެފެނުނު ހިއްވަރުގަދަކަން ފެނިފައި އަލިދީދީއަށް ސަންޕަދެކެ ޙަޤީޤީ ތެދުވެރި ލޯތްބެއްވެވުނު. އެފެށިގެންދިޔައީ އޭނާ ސަންޕަގެ ލޯބި ހާސިލު ކުރެވޭތޯ ކުރި ކެއްތެރިކަމުގެ ދިގު ދަތުރު. އެންމެފަހުން އޭގެ ދެ އަހަރު ފަހުން، ސަންޕަ އެއަލިދީދީގެ ލޯބި ޤަބޫލުކޮށްފި. އެދެމީހުންގެ ކައިވަންޏަކީ އެޒަމާނުގައި އެރަށުގައި ކުރެވުނު އެންމެބޮޑު ކައިވެނި. ކައިވަންޏަށްފަހު އެދެމަފިރިންނާ ސަންޕަގެ އެތުއްތު ކުއްޖާއާ އެންމެން، އެމީހުންގެ ދިރިއުޅުން މާލެއަށް ބަދަލުކޮށްފި. އަދިއަދަށްދާންދެންވެސް އެ ޢާއިލާއަކީ މާލޭގާ ނަންހުރި މަޝްހޫރު ޢާއިލާއެއް. ރޯޒް އަކީ އެޢާއިލާގެ ކުއްޖެއް." ފަނޑު ހިނިތުންވެލަމަކުން ސަރީޢު އޭނަގެ ވާހަކަ ނިންމާލިއެވެ.

އިރުކޮޅަކު ސަރީޢުގެ އެ އާދަޔާޚިލާފު ވާހަކައިގެ މަސްތުގައިޖެހިފައި ރޯޒް އިންދެފައި، ކަމެއްހިތަށް އަރައިގެން، ޖެހިލުންވެހުރެ އަހާލިއެވެ. "ދެން މިހާދުވަސްކޮށްފައި ސަރީޢު އަނެއްކާ ސަނޕަ ޢާއިލާ މީހަކަށް ތިފެނިލީ ކީއްވެ؟ އަނެއްކާ ކަމެއް ގޯސްވާން އުޅެނީތަ؟"

"އަހަރެން ދުވަހަކުވެސް ތިޢާއިލާއަކާ ވަތްކެއްނުވަމޭ." ސަރީޢު މިހެން ބުނެލާފާ އޭނަގެ ސިފަ ބަދަލުކޮށްލީ ވަރަށް ދުވަސްވީ ހިކިހިކި ދޮން ބުޅަލަކަށެވެ.

"އޯ މައި ގޯޑް. ރަންކޮޅާ! ޔޫ ތަ؟ އަޅޭ! ސަރީޢުތަ ތިއުޅުނީ މަންމަގެ ބުޅާގެ ސިފައިގާ މިއޮތް ހުރިހާ ދުވަހު؟ ހަމަ އަސްލުތަ؟ ޔޫ ތަ މަންމަގެ ބުޅާ ރަންކޮޅާއަކީ؟" ރޯޒް ހައިރާންވެ އަންތަރީސްވެފަ އަދި ލޮލުން ފެންކަޅިވެފަހުރެ އަހާލިއެވެ. ދެން އަނެއްކާވެސް ސަރީޢު އިންސާނަކަށް ބަދަލުވިއެވެ.

"އަހަރެން ތިޢާއިލާގެ ކޮންމެ ޖީލަކުންވެސް އެކަކަށް އަހަރެންގެ އަސްލު އަނގައިދެން. މިހާތަނަށް އެމީހަކީ ރޯޒްގެ މަންމަ. ދެން މިދިޔަ މަހު އޭނާ ނިޔާވުމަށްފަހުން، ރޯޒް ތިހުރީ ވަރަށް ދެރަވެފައި. ދުނިޔެމަތިން ފޫހިވެފާ. އަހަރެން ހިތުން ރޯޒްއަށް އަހަރެންގެ ބޭނުންޖެހިއްޖެ." ސާރިޢު މިހެން ބުނެ ރޯޒްއާދިމާއަށް އަތްދިއްކޮށްލިއެވެ، ރޯޒް ސަރީޢުގެ އަތުގާ ހިފާފައި ހެވިދިލިފާހުރެ ބުންޏެވެ. "އާން، އަހަރެން މިހުރީ ސަރީޢުފަދަ ރައްޓެއްސެއްގެ އޯގާތެރިކަމަށް ބޭނުންވެފައި. ރަންކޮޅާ، ދެން ހިނގާ ގެއަށްދާން."
- ނިމުނީ -