ޚަބަރު

ޝަރީއަތްތައް އަވަސްކުރެވޭނީ ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީގެން: ހުސްނުއްސުއޫދު


  • ގިނަ ދުވަހު ބަންދުގައި ތިބުން ހައްލުވާނީ ޝަރީއަތުގެ މަރުހަލާ އަވަސްކޮށްގެން

  • ޝަރީއަތުގެ މަރުހަލާ އަވަސްވާނީ މުވައްޒަފުންނާއި އެކަށީގެންވާ އިމާރާތްތައް ހަމަޖައްސައިގެން

ޝަރީއަތްތައް އަވަސްކުރެވޭނީ ޝަރުޢީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު މިހެން ވިދާޅުވީ ރާއްޖެ އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ފަރާތް، ޝަރީއަތް ނިމެންދެން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން އިއްވެވި ހުކުމުގައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ހުސްނުއްސުއޫދު ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު މިހާރު އޮތްގޮތުން ބަންދުގައި ގިނަ އަދަދެއްގެ މީހުން ތިބެންޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ މަރުހަލާ އަވަސްކޮށްގެން ކަމަށެވެ. އަދި އެކަން ކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރީއަތް ކުރުމަށް އެކަށީގެންވާވަރަށް އިމާރާތާއި މުވައްޒަފުން ވީހާ އަވަހަށް ހޯދައިދީގެން ކަމަށް ވެސް ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުއްމީދުކުރުމަކީ "ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގު އެޅުން" ނުވަތަ "ބިންމަތީގައި ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން"ފަދަ ކަމެއްގެ ގޮތުގައި ހުސްނުއްސުއޫދު ވަނީ ސިފަ ކުރައްވާފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި އިތުރަށް ވިދާޅުވެފައިވަނީ ބަންދު މުރާޖައާ ކުރުމުގެ މައިގަނޑު ބޭނުމަކީ ބަންދުގައި ދައުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއްވަންދެން ނުތިބޭނެ އުސޫލެއް ގާއިމުކުރުން ކަމަށެވެ. އެކަމަށް އޮތް ހައްލަކީ ބަންދުގައި ދިގުމުއްދަތެއް ހޭދަވެފައިވާ މީސްމީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އަވަހަށް ހުކުމް ކުރުން ކަމަށް ވިދާޅުވިއެވެ

މީގެ އިތުރުން ބަންދުގައި ދިގުމުއްދަތެއް ހޭދަވިނަމަވެސް މުޖުތަމައަށް އެ މީހެއްގެ ސަބަބުން ނުރައްކަލެއް ދިމާވެދާނެ ކަމަށް ބެލެވޭ މީހަކު ދޫކުރުމަކީ ޤާނޫނު އަސާސީން އޮތް ފުރުސަތެއް ނޫން ކަމަށާއި އެފަދަ މީހެއްގެ ބަލި ހާލަތު ހުރިގޮތުން ނުވަތަ އެ ނޫން ސަބަބަކާހުރެވެސް ދޫކުރުމަކީ އޮތް މަގެއް ނޫންކަން ހުސްނުއްސުއޫދު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވެސް ވަނީ ހުސްނުއްސުއޫދުގެ ރައުޔަށް ތާއީދު ކުރައްވާފައެވެ.