މުނިފޫހިފިލުވުން

ވާހަކަ: ކަރުނަ


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުނީ: އާތިކާ އިބްރާހީމް، ހުޅުމާލެ ހިޔާ 15.01.18

  • ހުށަހެޅީ: އާމިނަތު ޝިފާޒާ، ހދ. ހިރިމަރަދޫ/ޝިފާޒާ މަންޒިލް

  • އޮންއެއަރކުރި ދުވަސް: 13.03.2024

މައިރާ އަކީ އަނީސާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަނީސާ ކައިވެނި ކުރީ ރަށަށް އަރުވާލާފައިހުރި މީހަކާއެވެ. އަނީސާ މައިރާއަށް ބަލިވެއިނދެ މާގިނަ ދުވަހެއް ނުވަނީސް ފިރިމީހާ އަނީސާ ދޫކޮށް ދިޔަގޮތަށް އަދި އަދަށްދަންދެންވެސް ޙަބަރެއް ނުވެއެވެ. އަނީސާ މައިރާ ބަލަމުން ދިޔައީ ގޭގެއަށް ގުލާމް ކޮށްދީގެންނެވެ.

އަނީސާގެ މައިންބަފައިންގެ ގޭގައި ދެމީހުން އުޅެމުންދިޔައީ ނުހަނު ހިތްދަތި ދިރިއުޅުމެކެވެ. މައިރާގެ އެކުވެރިންނަށް ލިބޭ ރީތި ހެދުމާ ކުޅޭ އެއްޗެހިފަދަ އެއްޗެހި އަނީސާއަކަށް ހޯދަ ނުދެވެއެވެ. އެކަމާ މައިރާ ކުޑައިރު ޝަކުވާ ކުރެއެވެ. އެހެނަސް ފަހުންފަހުން މައިރާއަށް މަންމަގެ ހާލަތު ވިސްނި އެ ޝަކުވާތަށް ކުރުން ހުއްޓާލިއެވެ. ގުރޭޑް 7 އާއި ހަމައަށް ރަށުން ކިޔެވޭ ވަރަށް ކިޔެވުމަށްފަހު މައިރާއަށް ޖެހުނީ ކިޔެވުން ހުއްޓާލާށެވެ. ރަށުން ބޭރަށް ފޮނުވައިގެން ކިޔަވަދޭނެ ފައިސާއެއް އަނީސާ އަތަކު ނެތެވެ. އެކަމާވެސް މައިރާ ޝަކުވާއެއް ނުކުރެއެވެ. އެހެނަސް ދެރަވެގެން ރޮއި ހެދިއެވެ. އެކުއުޅުން ހުރިހާ ކުދިން މަތީ ތަޢުލީމަށް ދިޔައިރު މައިރާ އެ ފުރުސަތުން މަޙްރޫމް ވުމުންނެވެ. އެހެނަސް ކެތްތެރިވިއެވެ. މައިރާވެސް މަންމައަށް ލުއި ކޮށްދިނުމަށް ގޭގައި ޓުއިޝަން ދީގެން ފުދޭ ވަރެއްގެ އާމްދަނީއެއް ހޯދަމުން ދިޔައެވެ.

އަހަރުތަށް ފާއިތުވަމުން ދިއައެވެ. މައިރާ އޮތީ ގޭގެ ފޫޓްތެރެ ކުނި ކަހާށެވެ. މައިރާ ސިހުނީ ކޮންމެވެސް މީހަކު މައިރާއަށް ގޮވާލުމުންނެވެ. ތެދުވެ ބަލާލިއިރު ކުރިމަތީ ހުރީ ނާއިމްއެވެ. ކުރިން ސުކޫލްގައި އެއްކޮށް އުޅުނު އެކުވެރިއެކެވެ. ކިޔެވުން ނިންމާ ދެތިން ކޯހެއްވެސް ހަދައި އަދި ރަށު އޮފީހުން ވަޒީފާ ހަމަޖެހުމުން ރަށަށް ބަދަލްވީ ކަމަށް ނާއިމް ކިޔައިދެމުން ދިޔައެވެ. މައިރާ ހުރީ ނާއިމް ފެނުމުން ވަރަށް އުފާވެފައެވެ. ކުރީގެ އެއްވެސް އެކުވެރިއެއް ކިޔަވާ ނިންމާ ރަށަށް އައުމަށްފަހު މައިރާއާއި ވާހަކަ ނުދައްކާތީ ވަރަށް ދެރަވެފައި ހުއްޓާ ނާއިމް މައިރާ ހޯދަން އެގެއަށް އައިސް ވާހަކަ ދެއްކުމުންނެވެ. ނާއިމް ގޮވައިގެން ގޭތެރެއަށްވަދެ ޖޫސްތައްޓެއް ދިނެވެ. ދެމީހުން އެކި ވާހަކައިގައި ތިއްބާ އަނީސާއަށް އާދެވުނެވެ. ނާއިމް އަނީސާއާއި ސަލާމް ކޮށްލަމުން އަދި ފަހުން އަންނާނަން ކަމަށްބުނެ ދިޔައީއެވެ. އޭގެ ފަހުން މައިރާއާއި ނާއިމް ވަރަށް ގިނައިން ބައްދަލްވެއެވެ. ނާއިމް މައިރާއަށް ލޯބި ހުށައެޅިއެވެ.

މައިރާ ފަސް ޖެހުމެއްނެތި ގަބޫލްވިއެވެ. އެހެނަސް ކައިވެންޔާ ހަމައަށް އެގުޅުން ދިޔުމުގެ ކުރިން ނާއިމްގެ މަންމައަށް އެކަންއެގި ދެމީހުން ވަކިވާން ޖެހުނެވެ. މައިރާ އާއިލާއަކީ ފޯރުންތެރި ބަޔަކަށް ނުވުމުން ހާޖަރާ އެކަމާ ދެކޮޅުވީއެވެ. ނުކިޔަވާ ހުރި ކުއްޖަކާ ނާއިމް އިންނަންވެސް ހާޖަރާ ބޭނުމެއް ނުވިއެވެ. ނާއިމްގެ ބޭބެ ނާޒިމްވެސް ކައިވެނި ކުރީ ކިޔަވައިގެން ހުރި ކުއްޖަކާއެވެ. ނިހާއަކީ ރަށު ސުކޫލް މުދައްރިސެކެވެ. ނިހާގެ އާއިލާއަކީވެސް ރަށުގައި ވިޔަފާރި ހިންގާ ބައެކެވެ. މައިރާއާއި ނާއިމް ވަކިވިއެވެ. ހާޖަރާގެ ނުރުހުމާއެކު ކައިވެނި ކުރަން މައިރާ ބޭނުންނުވީއެވެ. އަނީސާ މައިރާއަށް ނަސޭހަތްތެރިވަމުން ދިޔައީ ކެތްތެރިވުމަށްށެވެ. މާގިނަ ދުވަހެއް ނުވެ އަނީސާ ވަރަށް ބަލިވެ އުޅެ މިދުނިޔެއާއި އަލްވަދާއު ކިޔެވެ. މައިރާ މުޅިން އެކަނިވީއެވެ. ނާއިމްއަކަށް މައިރާއުޅޭ އެކަނިވެރިކަން ބަލާކަށް ކެތެއްނުވިއެވެ. ނާއިމް ހާޖަރާގެ ނުރުހުމުގައި މައިރާއާއި ކައިވެނި ކޮށްގެން އެގެޔަށް ގެންދިޔައެވެ.

ދުވަސްތަސް ފާއިތުވަމުން ދެއެވެ. މައިރާއަށް ވީވަރަކުން ހާޖަރާ ހިތްހަމަ ޖެހޭގޮތަށް ގޭތެރޭގެ މަސައްކަތްތަށް ކުރަމުން ދިޔައެވެ. އެހެނަސް ބުނެލާ ބަސްތަކުން މައިރާގެ ހިތް ވިރެމުން ދެއެވެ. މައިރާގެ ނިކަމެތިކަން ހަނދާން ނުކޮށްދޭ ދުވަހެއް ނުދެއެވެ. ނުކިޔަވާ ހުރުމުން އެވާހަކަ ގޮވައެވެ. މި ނޫންވެސް އެތަށް ޖެއްސުމެއް މައިރާއަށް ކުރަމުން ދިޔައެވެ. އެހެނަސް މީގެން އެއްވެސް ކަމެއް މައިރާ ނާއިމްއަށް އެގުނަކަ ނުދެއެވެ. ނާއިމްގެ ކުރިމަތީ އުފާވެފައިވާ މޫނު މައިރާ ދައްކަމުން ދިޔައެވެ.
މައިރާ ހުރީ ބަދިގޭގައި ފިޔާ ނޮޅާށެވެ. މެންދުރު ބުރޭކްގަޑިއަށް ނާއިމް ގެއަށް އައުމުގެ ކުރިން ލައިގެން ކާނެ އެއްޗެއް ތައްޔާރު ކުރާށެވެ. ފިޔާތޮށިތަށް މޭޒުމަތީ ބެހެއްޓުމަށްފަހު މައިރާ ފިޔާ ކޮށަން ފެށިއެވެ. މައިރާގެ މޫނުމަތިން ފެންނަނީ މާޔޫސީ ކަމެވެ. ފިޔާގެ ދިލައިން ލޮލުން ފޭބި ކަރުނައަށްވުރެ ހިތުގައި ޖެހިގެން ފޭބި ކަރުނަ މާގިނައެވެ. މައިރާ ސިހުނީ މައިދައިތަ ހާޖަރާގެ ބަރު އަޑަށްށެވެ.

ހާޖަރާ ދެއުކުޅުގައި އަތްވިއްދައިގެންހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ކުރިންވެސް ކައި އުޅުނީ މައިރާ ކެއްކީމަ ނޫންކަމާއި ހާޖަރާ ނުބައިކުރަން ރޯނު ކަމެއްނެތޭ ބުނެލިއެވެ. ކޮންމެހެން ދެއްކެން ވައްތަރު ނުޖެއްސިޔަސް މަސައްކަތް ނުކުރަންޔާ ނުކުމެގެން ދާށޭ ބުނެލީ ދެލޯ އަޅާލަމުންނެވެ. މައިރާ އަގަޔަކުން ނުބުނެއެވެ. އިސްއުފުލާ ހާޖަރާއާއި ދިމާއަށް ބަލާވެސް ނުލިއެވެ. މައިރާއަދިވެސް މަސައްކަތް ހުއްޓާކަށް ނޫޅެއެވެ. އެވަގުތު ނާއިމްގެ ދޮންބެގެ އަންހެނުން ނިހާވެސް އައިސް ބަދިގެއަށް ވަންނަނީއެވެ. ނިހާ ފެނުމާއެކު ހާޖަރާ ލޯބިން ނިހާއަށް ގޮވާލުމަށްފަހު ނުކުމެގެން ދިޔައީއެވެ. ނިހާގެ މޫނުމަތީވެސް ވަނީ ލާނެތް ހިނިތުންވުމެކެވެ. ހާޖަރާ މައިރާއާއި ދިމާއަށް ދެލޯއަޅާލަމުން ކުދިކިޔަމުން ނުކުމެގެން ހިގައްޖެއެވެ. ނިހާ ބަދިގެ ތެރެއަށްވަދެ ކޮފީއެއް ހަދައިގެން ނުކުތީއެވެ.

ހާޖަރާ ނިހާ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވައެވެ. ގޭތެރޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ދިޔައީ މައިރާއެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. މާގިނަ ދުވަހެއް ނުވެ މައިރާ ބަލިވެ އިނެވެ. އެ އުފާވެރި ޙަބަރު ނާއިމް ހާޖަރާއަށް ދިނެވެ. އެހެނަސް އެކަމާ ހާޖަރާ އުފަލެއް ނުވިއެވެ. ނިހާވެސް އެކަމާ އައީ ރުޅިއެވެ. ނިހާގެ ކައިވެންޔަށް މިހާރު 4 އަހަރުވީއެވެ. ނިހާއަށް ދަރިއެއް ނުލިބި އުޅެނިކޮށް މައިރާ ބަލިވެ އިނުމުން އެކަން ނިހާއަށް ހަޖަމެއް ނުކުރެވުނެވެ.

ނިހާގެ ހިތުގައި މައިރާއާއިމެދު އޮތް ނަފްރަތު ހައްތަހާ ވީ އިތުރެވެ. ނިހާއަށްވުރެ ކުރިން މައިރާ އަށް ކުއްޖަކު ލިބިގެން ނުވާނެ ކަމަށް ހިތާހިތާ ބުނަމުން ދިޔައެވެ. މައިރާ ބަލިވެ އިނުމުންވެސް ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތްތަށް ކުރަމުން ދިޔައެވެ. އެއްވެސް ލުޔެއް ނުލިބެއެވެ. ލުއި ކޮށްދޭން ނިހާވެސް އެއްވެސް ކަމެއް ނުކުރެއެވެ. ހާޖަރާވެސް ރުހިފައި އަގައިން ނުބުނެއެވެ. ލިބެންއުޅޭ ފުރަތަމަ މާމަ ދަރިއަށް ވިޔަސް ހާޖަރާގެ މޫނުމަތިން އުފާވެރި ކަމެއް ނުފެނެއެވެ. މައިރާއާއި ވާހަކަ ދައްކާއިރު ރުޅި މޫނު ހަދާފައި ހުއްޓަސް ނިހާ ފެނުމާއެކު މޫނުގެ ކުލަވަރާއެކު އަޑުވެސް ބަދަލްވެ ލޯބިން ނިހާއާއި ވާހަކަ ދައްކައެވެ.

އެއްރޭ މައިރާއަށް ހޭލެވުނީ ވަރަށްބޮޑަށް ފެންބޮވައިގަނެގެންނެވެ. އެވަގުތަކީ ނިހާވެސް ކޮޓަރިން ނުކުތް ވަގުތެވެ. މައިރާއަށް ނިހާއެއް ނުފެންނާނެއެވެ. މައިރާގޮސް ބަދިގެބަޔަށް ވަނުމާއެކު ނިހާ އެނބުރި ކޮޓަރިއަށްވަދެ ބޮލުގަލާ ތެޔޮފުޅި ނަގައިގެން ނުކުމެ މައިރާމެން ކޮޓަރީ ދޮރުކައިރި މުށިގަނޑުމައްޗަށް އެޅިއެވެ. މައިރާ އެނބުރި އައުމުގެ ކުރިން އަވަހަށް ކޮޓަރިއަށް ވަނެވެ. ދޮރުގައި ކަންފަތް ޖަހައިގެން ނިހާ ހުރީ ހެވި ދިލިފައެވެ. މައިރާ ކޮޓަރި ކައިރިއަށް ދާންއުޅެފައި އަނެއްކާވެސް ޖޫސްފޮދެއް ބޯލަން މަޑުކޮށްލިއެވެ. އެވަގުތު ހާޖަރާ ކޮޓަރިން ނުކުތެވެ. ހާޖަރާއަށް ބަދިގެއާއި ހަމައަށް ދެވޭނީ މައިރާ ކޮޓަރި ހުރަސްކޮށެވެ. ލޯއުގުޅަމުން ހާޖަރާ ހިނގައިގަތުމާއެކު ކަހާލާފަ ވެއްޓިއްޖެއެވެ. އުނަގަޑަށް ވީތަދުން ހާޖަރާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ސިހިފައި މައިރާ ބޯންއިން ޖޫސްތަށިވެސް ނުވެއްޓުނީ ކިރިޔާއެވެ.

އަވަސް އަވަހަށް ޖޫސްތަށި ބަހައްޓާފައި މައިރާ އެދިމާއަށް ހިނގައިގަތެވެ. ނިހާވެސް ޙައިރާންވެފައި ނުކުތީ ހާޖަރާގެ އަޑު އިވުމުންނެވެ. "މަންމަތަ؟" ނިހާއަށް ބުނެލުވުނީ މިހެންނެވެ. ހާޖަރާއަކަށް ނިހާ ބުނި އެއްޗެއް އަޑެއް ނީވެއެވެ. މައިރާވެސް އެތަނަށް އައިސް މަންމާއޭ ކިޔާ ހާޖަރާއަށް ގޮވާލިއެވެ. އަދި މައިރާގެ ކޮޓަރީ ދޮރު ހުޅުވާ ނާއިމްއަށް ގޮވަންފެށިއެވެ. ނިހާވެސް ކޮޓަރިއަށްވަދެ ނާޒިމް ގޮވައިގެން ނުކުތެވެ. ނާއިމްއާއި ނާޒިމް ހާޖަރާ ނަގައި އަތުލަފި ކޮށްގެން ގޮސް ސިޓިންގްރޫމް ސޯފާގައި ބޭންދިއެވެ. ނިހާބެލީ އެންމެން ސިޓިންރޫމަށް ދިޔުމުން މުށިގަޑުމައްޗަށްއެޅި ތެޔޮތަށް ސާފްކޮށްލެވޭތޯއެވެ. މައިރާ ފެންތަށްޓެއް ގެނެސް ނާއިމް އަތަށް ދިނެވެ. އުނަގަޑަށް ވަމުންދިޔަ ތަދަށް ކެތް ނުވެގެން ހާޖަރާއަށް ރޮވެމުން ދިޔައެވެ. މައިރާ ކޮޓަރިއަށްވަދެ ޒައިތޫނިތެޔޮފުޅި ހިފައިގެން ނުކުމެ ހާޖަރާގެ އުނނަގަޑުގައި ތެޔޮ ދަމަން ފެށިއެވެ.

ނިހާ ދެއަތް އުރަށް ޖަހައިގެން ބަލަން ހުރީ ކުރަން އުޅުނު ކަންތަށް ނާކާމިޔާބު ވުމުން އެކަމާ ރުޅިއައިސްއެވެ. ކުޑަކޮށް ރިހުން ކެނޑުމުން ނާއިމްއާއި ނާޒިމްވެގެން ހާޖަރާ އަތުލަފިކޮށްގެން ކޮޓަރިއަށް ގެންދިޔައެވެ. ނާއިމްގެ ބައްޕަވެސް ރަށުގައި ނެތް ދުވަހަކަށް ވުމުން ހާޖަރާ ކައިރީ އެ ކޮޓަރީގައި މައިރާ ނިދިއެވެ. ކަމަކަށް ބޭނުން ވެއްޖެނަމަ އެހީތެރިވުމަށްށެވެ.

ހެނދުނު ވުމުން މައިރާ އާއި ހާޖަރާ ފިޔަވައި އެންމެން ހެނދުނގެ ނާސްތާ ނިންމާލުމަށްފަހު އޮފީހަށްދާން ނުކުތެވެ. ނިހާ ދިޔައީ ސުކޫލަށްށެވެ. މިއަދު ހާޖަރާ ކޮޓަރިންވެސް ނުނުކުމެއެވެ. ފަތިސް ނަމާދު ކުރަންވެސް ޖެހުނީ އިނށީދެ އިދެއެވެ. ނަމާދު ކޮށްގެން ނިދިގޮތަށް ހެނދުނު ވުމުން ހޭލާފަވެސް ތެދުވާނެ ހިތްވަރު ނެތުމުން އެނދުގައި އޮތީއެވެ. އެންމެން ސައިބޮއެގެން އޮފީހަށް ދިޔުމުން މައިރާ ސައިތައްޔާރު ކޮށްގެންގޮސް ހާޖަރާ ކޮޓަރިއަށް ވަނެވެ. މަޑުމަޑުން ހާޖަރާގެ ކޮޑުގައި ކޮއްޓާލަމުން ސައިބޯން ތެދުވުމަށް ބުނެލިއެވެ. ހާޖަރާ ދެލޯ ހުޅުވާލަމުން މަޑުމަޑު ތެދުވަން މަސައްކަތް ކުރިއެވެ.

އެހެނަސް ތެދުވެވޭ ގޮތެއް ނުވިއެވެ. މައިރާ ގުދުވެލަމުން ހާޖަރާއަށް ތެދުވަން އެހީތެރިވެ ދިނެވެ. މައިރާ ތައްޔާރުކޮށްފައި ހުރީ ހާޖަރާއަށް މީރު ހުނިރޮއްޓާއި މަސްހުންޔެވެ. އަނގައިން ބަހެއް ނުބުނެ އިދެ ހާޖަރާ ކައި ނިންމާލިއެވެ. ކަނި ނިމުމުން ފެންތަށި ބޯންދިނީ މައިރާގެ އަތުންނެވެ. އެވަގުތު ހާޖަރާ ފުރަތަމަ ފަހަރަށް މައިރާއަށް ހިނިތުން ވެލިއެވެ. މައިރާ ވީއުފަލުން ރޮވުނެވެ. ހާޖަރާއަށް އެމަންޒަރު ފެނުމުގެ ކުރިން ތަށިތަށް ހިފައިގެން މައިރާ އެކޮޓަރިން ނުކުތެވެ. މައިރާ ބަދިގެއަށްވަދެ ވަރަށް ރުއިއެވެ. ރޮއެވުނީ އުފަލުން ކަމެއް ނޫނީ ދެރަވެގެން ކަމެއް މައިރާއަށް ބުނެދޭކަށް ނޭގެއެވެ. މެންދުރު ނާއިމް ގެއަށް އައުމުން އެވާހަކަ ބުނަން ކެތްމަދުވެފައިވާ މައިރާ ނާއިމް ގޮވައިގެން ކޮޓަރިއަށްވަދެ އެވާހަކަ ނާއިމްއާއި ހިއްސާކުރިއެވެ. ނާއިމްވެސް ހުރީ ނުހަނު އުފަލުންވެ.

ނާއިމް އޭނަގެ ދޮންބެއާއި އެވާހަކަ ހިއްސާކުރިއެވެ. ނާޒިމްވެސް އެކަމާ އުފާވިއެވެ. ހާޖަރާއާއި ނިހާ މައިރާދެކެ ކިތަންމެ ނުރުހުނަސް ނާޒިމް ދެކެނީ މައިރާއަކީ ކޮއްކޮއެއްގެ ގޮތުގައެވެ. ނާއިމްދެކެވާ ލޯބި މައިރާދެކެވެސް ނާޒިމްވެއެވެ. ހާޖަރާ ރީތިކޮށް ވާހަކަ ނުދައްކާތީވެސް އެކަމާ ދެރަވެގެން އެވާހަކަ ދައްކައެވެ. ނިހާއަށްވެސް އެތަށް ނަސޭހަތެއް އެކަމުގައި ދިނެވެ. އެހެނަސް ބަދަލެއް ނައުމުން ނާޒިމްވެސް އެކަމާ އަޅައެއް ނުލައެވެ. މިއަދު މި ލިބުނު ޙަބަރުން ދެން ހާޖަރާއެކޭ އެއްގޮތަށް ނިހާވެސް ބަދަލްވެދާނެ ކަމަށް ނާޒިމް އުއްމީދު ކުރިއެވެ.

ދުވަސްތަށް ފާއިތުވަމުން ދެއެވެ. ހާޖަރާގެ އުނަގަޑުގެ ރިހުމަށް ބަދަލެއް ނައެވެ. ހިނގައިއުޅެވެނީ ތަންތަނުގައި އަތް ޖައްސައިގެން މަޑުމަޑުންނެވެ. ހާޖަރާގެ ހުރިހާ ކަމެއްވެސް ކޮށްދެމުން ދިޔައީ މައިރާއެވެ. ހާޖަރާއަށް ކާންދީ ގައިގައި ތެޔޮދަމައި ދެނީ މައިރާއެވެ. ނިހާ ހަމައެކަނި ހާލް ބަލާލަން ހާޖަރާއަށް ގޮވާލާ ކަމެވެ. ނާއިމް ނިންމީ މައިރާގެ ސްކޭންތަށް ކުރުމަށް މާލެ ދާއިރު ހާޖަރާވެސް ޑޮކްޓަރަށް ދައްކާލުމަށް ގެންދާށެވެ. އިތުރަށް ހާޖަރާއާއި މައިރާގެ ދެމެދުގައިވާ ދުރުމިން ކައިރިވެސް ވެދާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. ނިހާހުރީ ނާއިމްގެ ރޭވުން ނާޒިމްގެ ފަރާތުން އެނގުމުން އެކަމާ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހެނަސް އެކަން ހުއްޓުވަން ވަކި ކުރެވޭނެ ކަމެއްވެސް ނެތެވެ.

ނާއިމް އުއްމީދު ކުރިގޮތަށް މާލެއިން އެނބުރި ރަށަށް އައިއިރު ހާޖަރާ ހުރީ މުޅިން ބަދަލްވެފައެވެ. މައިރާއާއި ހިނިތުންވެފަ ވާހަކަ ދައްކާ އުޅެންފެށިއެވެ. މައިރާ ހުންނަނީ ހާޖަރާއަށް މިއައި ބަދަލްފެނި ވަރަށް އުފާވެފައެވެ. ގޭތެރޭގެ މަސައްކަތުގައިވެސް މައިރާއަށް ހާޖަރާގެ ފަރާތުން އެހީތެރިކަން ލިބެމުން ދިޔައެވެ. މި މަންޒަރު ބަލައިގަންނަން ނިހާއަށް އުނދަގޫވިއެވެ. ކޮންމެވެސް ގޮތަކުން އެދެމެދުގައި އަލިފާންގަޑެއް ރޯކުރަން ނިހާ ނިންމިއެވެ.

ނާއިމް އޮފިސް ދަތުރެއްގައި ރަށުން ބޭރަށް ދޭތޯ ނިހާހުރީ ބަލަބަލައެވެ. އޭރު މައިރާގެ ބަނޑަށް 6 މަހެވެ. ބަނޑާއެކު މައިރާގެ ރޫފަވެސް ރަނގަޅުވެލިއެވެ. މައިރާގެ ހާލު ބަލާލަން ކަމަށްބުނެ އެކޮޓަރިއަށްވަދެ މައިރާއާއި ވާހަކަދައްކާލަން ނިހާ މަޑުކޮށްލިއެވެ. މައިރާ ފާހަނައަށް ވަނުމާއެކު ނިހާ މައިރާ ކޮޓަރީގެ ކުޑަދޮރު ހުޅުވިއެވެ. މައިރާ ފާހަނައިން ނުކުތުމުގެ ކުރިން ވިހަ ހިނިތުންވުމަކާއެކު ނިހާ އެކޮޓަރިން ނުކުތެވެ. ނިހާ ކޮޓަރިއަށްވަދެ ރަނގަޅަށް ހަމަ ޖެހިލަމުން ފޯނު ނަގާ ނަމްބަރަކަށް ގުޅިއެވެ. އަދި ބައިގަޑިއެއްހާއިރުފަހުން ވަންނާށޭބުނެ ނިހާ ގޮސް ހާޖަރާ ކޮޓަރިއަށް ވަނެވެ. ހާޖަރާއާއި އެކި ވާހަކައިގައި ނިހާ އިނެވެ.

އިރުއިރުކޮޅުން ނިހާއަށް ގަޑިއަށް ބަލާލެވެއެވެ. ނިހާގެ ފޯނަށް މެސެޖެއް ލިބުމާއެކު ނިހާ ހާޖަރާ ކައިރީ މައިރާ ކައިރިއަށް ވަދެލަން ހިގާށޭ ބުނެލިއެވެ. ދެމީހުން އެކުގައި ކޮޓަރިން ނުކުތެވެ. ހާޖަރާ މައިރާގެ ކޮޓަރީދޮރުގައި ޓަކި ޖަހަން ފެށިއެވެ. އެއާއެކު ކޮޓަރި ދޮރު ހުޅުވާފައި ނުކުތީ ފިރެހެނެކެވެ. މޫނު ނުފެންނަހެން ބޮލުގައި ތޮއްޕެއް އަޅާފައި އޮތެވެ. އެ ނުކުތްގޮތަށް އެމީހަކު ދުވެ ފިލައިފިއެވެ. ހާޖަރާގެ ހަޅޭކުގެ އަޑަށް މައިރާއަށް ހޭލެވުނެވެ. ވެގެން އުޅޭގޮތެއް ނޭގި އުޅެނިކޮށް ހާޖަރާ މައިރާ ކޮޓަރިއަށްވަދެ މައިރާގެ މޫނުމަތީ އެތިފަހަރެއް ޖެހިއެވެ. ޖެހިލެއް ބާރުކަމުން މައިރާ އެނދުމައްޗަށް ވެއްޓުނެވެ. ކޯމަތީ އަތްއުނގުޅާލަމުން މައިރާ ރޮމުން ގިސްލަމުން ކިހިނެއްވީތޯ ސުވާލް ކުރަން ފެށިއެވެ. ނިހާ ގޮސް މައިރާގެ މަގަތުގައި އިށީދެ މައިރާ ގައިގައި ހިފެހެއްޓިއެވެ.

ނިހާ ހާޖަރާއާއި ދިމާއަށް އެނބުރެމުން މަންމައަށް މައިރާއިން ހާލް ނޭގޭހޭ އަހާލިއެވެ. "ކިހިނެއް އެނގެނީ މައިރާ ބަނޑުގައި އެއޮތީ ނާއިމްގެ ދަރިއެއް ކަމެއް" ހާޖަރާ ރުޅިއައިސް އެބުނި އެއްޗަކުން މައިރާގެ ދުނިޔެ އެނބުރުން ކަހަލައެވެ. ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަތަށް ފައިބަން ފެށިއެވެ. މައިރާ އަތުގައި ހިފައިގެން ދަމަމުން ހާޖަރާ ސިޓިންގ ރޫމަށް ނުކުތެވެ. އަދި މައިރާގެ ފޯނުވެސް އަތުލާ މައިރާގެ ގެއަށް ދާށޭ ބުނެ ކޮއްޕާލިއެވެ. ނިހާގޮސް މައިރާ ހިފަހައްޓާ މައިރާއަށް އެހެން ނުހުދުމަށް އާދޭސް ކުރަމުން ދިޔައެވެ. އެވަގުތަކީ ނާޒިމް ގެއަށް އައި ވަގުތެވެ. ވެގެންއުޅޭ ގޮތެއް ނޭގި ނާޒިމް ސުވާލު ކުރަން ފެށިއެވެ. ހާޖަރާ ވީގޮތް ކިޔައިދެމުން ދިޔައިރު މައިރާ ހުރީ ޙައިރާންވެފައެވެ.

މައިރާ އިރުއޮއްސުނު އިރު ކުޑަދޮރުތަށް ތަޅުލި ހަނދާން ރަނގަޅަށް އެބަހުއްޓެވެ. ނިހާ ނުކުތުމުން ކޮޓަރިދޮރުވެސް ތަޅުލި ހަނދާންއެބަވެއެވެ. މައިރާ ސުވާލުން ފުރިގެންވާ ނަޒަރަކުން ހާޖަރާއަށް ބަލާލިއެވެ. "މަށަށް ބަލާނެ ކަމެއްނެތް.. މާ ރަނގަޅުވެގެން މިހުރިހާ ދުވަހު މިއުޅުނީ މިހެންވެ... ނުކުމޭ މިގެއިން.. ފިރިމީހާ ރަށުން ބޭރަށް ނުގޮސްގެން ދޯ ތިހުރީ ހިލޭ ފިރެހެނުން ކޮޓަރިއަށް ވައްދަން.. ކަލޭގެ މަންމަވެސް ތެޅުނީ ތިހެން.. ރަށަށް އަރާ ފައިބާ މީހަކާ ހިތާވަމުންގޮސް އިނީވެސް ރަށަށް އަރުވާލި މީހަކާ" ހާޖަރާގެ އެ ލަފްޒްތަކުން މައިރާގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. އިތުރަށް ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. ނާޒިމް މައިރާ މަޑުކުރުވަން އުޅުނެވެ. އެހެނަސް މައިރާ ބޭނުމެއް ނުވިއެވެ. މަޑު ހިގުމުގައި މައިރާ ގެއާދިމައަށް ހިނގައިގަތެވެ. ނާޒިމް ފޯނު ނަގާ ނާއިމްއަށް ގުޅިއެވެ. އެހެނަސް ގުޅޭ ގޮތެއް ނުވިއެވެ. ނާއިމްގެ ފޯނު އޮތީ ނިއްވާލާފައެވެ. ނިހާގެ މޫނުމަތިން ފެންނަނީ ހިތާމަވެރިކަމެވެ. އެ ހިތާމަ ވެރިކަން ފެނުނީ ނިހާއަށް ފާހަނައަށް ވަދެވެންދެނެވެ. ފާހާނައަށްވަދެ ނިޙާ ހެމުން ދިޔައެވެ. ކުރަން ބޭނުންވި ކަންތަށް ކާމިޔާބު ވުމުންނެވެ. ނާޒިމް ނިދުމުގެ ކުރިންވެސް ނާއިމްއަށް ގުޅޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް އެކަންވީ ނާކާމިޔާބެވެ.


މައިރާ މަންމަގެ ގެއަށްވަދެ ގޭގެ މެދުގޭގައި އެލުވާފައިވާ އުނދޯލީގައި އިށީނެވެ. އެއާއެކު ހާޖަރާ މައިރާގެ މަންމައޭ ކިޔައިގެން ދެއްކި ވާހަކަތަށް ކަންފަތުގައި ގުގުމަމުން ދިޔައެވެ. މައިރާ ދެކަންފަތުގައި އަތްއަޅަމުން ބާރަށް ރޯން ފެށިއެވެ. މައިރާއަށް ނިދުނީވެސް ރޮއެރޮއެ އޮއްވައެވެ.
ހެނދުނު ހޭލާ ބަދިގެއަށްވަނީ ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްލާށެވެ. އެހެނަސް ބަދިގޭގައި އެއްވެސް އެއްޗެއްނެތެވެ. މައިރާގެ މަންމަ ގޭގައި ހައްދާފައިވާ އަނބު ގަހުން ދެތިން އަނބު ބިދިގެން ޖޯލީގައި އޮށޯތެވެ. އޭރުވެސް ދެލޮލުން ކަރުނަ ނުހިކެއެވެ. ރޭގެ ހާދިސާ ހަނދާންވެ ރޮވެނީއެވެ. މައިރާ ސިހުނީ ގެކައިރި ހައްވައްތަ ގޮވާލުމުންނެވެ. މަންމަގެ ވަރަށް ގާތް ރައްޓެއްސެކެވެ. ގޭގައި ކީއްކުރަނީތޯ ސުވާލް ކުރުމުން މައިރާ ހިނިތުންވެލަމުން މަންމަ މަތިން ހަނދާންވާތީ އައީކަމަށް ބުނެލިއެވެ. ހައްވައްތަ ސައިބޮއިފިންހޭ އަހާލުމާއެކު މައިރާއަށް ރޮވިއްޖެއެވެ. މައިރާގެ ދުލުން ކިޔައިނުދިނަސް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ހައްވައްތައަށް އެގުނެވެ. އިތުރު ސުވާލެއް ނުކޮށް އެގެޔަށް މައިރާ ގެންގޮސް ސައިދިނެވެ.

މައިރާ ހައްވައްތަ ގޭގެ ބޭރު ޖޯލީގައި އިންދައި ނާއިމް މައިރާގެ ގެއަށް ވަންނާތީ ފެނުނެވެ. ރަށަށް އެރުމާއެކު ލިބުނު ޙަބަރުން އެންމެ ހިދުކޮޅަކުވެސް މަޑުކުރުމެއްނެތި މައިރާ ހޯދުމަށް މައިރާގެ ގެއަށް ނާއިމް އައީއެވެ. މައިރާ އަވަސް އަވަހަށް ޖޯލިން ތެދުވަމުން ނާއިމް ފަހަތުން ގޮސް ގެއަށްވަނެވެ. ނާއިމް ސަލާން ގޮވާލުމުން މައިރާ ނާއިމްގެ ފަހަތުގައިހުރެ ސަލާން ބަލައިގަތެވެ. ނާއިމް އެނބުރުމާއެކު މައިރާ ދުވެފަގޮސް ނާއިމްގެ ގައިގައި ބައްދާލިއެވެ. ނާއިމް މައިރާގެ ބޮލަށް ބޮސްދެމުން މަންމަގެ ވާހަކަތަށް ނާއިމް ގަބޫލް ނުކުރާ ކަމަށާއި މައިރާއަށް އިތުބާރު އެބައޮތް ކަމަށް ބުނަމުންދިޔައެވެ. އަދި ނާއިމް އާދޭސް ކުރަމުން ދިޔައީ އެނބުރި ނާއިމްގެ ގެއަށްދާށެވެ. އެހެނަސް މައިރާ އެއްބަހެއް ނުވިއެވެ. ކޮންމެ ހާލެއްގަ އުޅެން ޖެހުނަސް ދެން އެނބުރި ގޮސް ނާއިމް މަންމަގެ ކައިރީ އުޅޭނެ ހިތްވަރެއް ނެތް ކަމަށް ބުނަމުން ދިޔައެވެ. އެތަށް އާދޭހެއް ކޮށްވެސް މައިރާ ނުދިޔުމުން ނާއިމް މައިރާ ގެއަށް ބަދަލްވިއެވެ. އެކަމާ ހާޖަރާ ނާއިމްދެކެ ވަރަށް ރުޅިއައެވެ.

ނިހާ ހުންނަނީ މައިރާ ފޮނުވާލެވުމުން ވަރަށް އުފާވެފައެވެ. އެހެނަސް ނިހާއާއި ކުރިމަތިލާން ޖެހުނީ ބޮޑު ކަމަކާއެވެ. އެރޭ މައިރާގެ ކޮޓަރިއަށް ވަންނަން އެއްބަސް ކުރުވި މީހާ ނިހާ ކިބައިން އިތުރަށް ރުފިޔާ ހޯދަން މެސެޖް ކުރަން ފެށިއެވެ. ނިހާއަށް މިކަންވީ ހައްލު ނުކުރެވުނު މައްސަލައަކަށްށެވެ. ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް އެމީހާގެ ފަރާތުން ނިހާއަށް އިތުރު އުނދަގޫތަށް ކުރަމުން ދިޔައެވެ. ރުފިޔާއަށް އިތުރަށް ކިޔަން ފެށިއެވެ. ނުދީފިނަމަ އެކަންތަށް ފަޅާއަރުވާލާނެ ކަމުގެ ބިރު ދައްކަމުން ދިޔައެވެ. ނިހާއަށް ގޮތް ހުސްވިއެވެ. ލިބެމުންދިޔަ މުސާރަ އެމީހައަށް ދީ ހުސްވާން ފެށިއެވެ. އެއްރޭ ދަންވަރެވެ. ނާޒިމްއަށް ހޭލެވުނުއިރު ނިހާއެއް ނެތެވެ. ނާޒިމް ތެދުވެ ދެލޯއުނގުޅަމުން ނިހާ ކޮބާތޯ ހޯދާލިއެވެ.

ފާހާނާގަ ހުރެ ނިހާ ވާހަކަ ދައްކާއަޑު އިވިގެން ނާޒިމް ތެދުވެ ފާހާނާ ދޮރާ ކައިރިވިއެވެ. ނިހާ ދައްކާ ވާހަކަ ނުހަނު ސާފްކޮށް ނާޒިމްއަށް އިވުނެވެ. ދެންއިތުރަށް ރުފިޔާ ދެވެން ނެތް ކަމުގަޔާއި ބުނިވަރަކަށް ރުފިޔާ ދީފާއިވާނެ ކަމަށާއި ދެން ނުގުޅުމަށް ނިހާ އާދޭސް ކުރަމުން ދިޔައެވެ. ނިހާ ނުކުންނަން އުޅޭކަން އެނގުމުން ނާޒިމް އަވަސް އަވަހަށް ގޮސް އޮށޯތެވެ. ނިހާވެސް ފާހާނައިން ނުކުމެ ނާޒިމްއަށް ބަލާލަމުން އޮށޯތެވެ. ނިހާއަށް ނިދޭހާ އިރުކޮށްފައި ނާޒިމް ތެދުވެ ނިހާގެ ފޯނު ހުޅުވާ ބަލަންފެށިއެވެ. ގުޅާފައިނީ ކާކުތޯ ބަލާލިއެވެ. ނަމްބަރުގައި ޖަހާފައިނީ ވަގު އެވެ. ނާޒިމް އެނަމްބަރު ނާޒިމްގެ ފޯނުގައި ސޭވްކުރިއެވެ. އަދި މެސެޖެއް ކޮށްފަ އިންތޯ ބަލާ ކޮށްފަހުރި މެސެޖްތަށް ފޮޓޯ ނެގިއެވެ.

ހެނދުނު ހޭލައި ފުރަތަމަވެސް ނާޒިމްބެލީ އެމީހަކަށްގުޅާ ބައްދަލް ކުރާށެވެ. އެއީ ރަށުގައި ގުރޫޕް ހަދާފައި އުޅޭ ކުދިން ތެރެއިން ކުއްޖެކެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ދެތިންފަހަރު ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެކެވެ. އޭނަ ކައިރިން ނިހާ އޭނަ ލައްވާ ކުރުވި ކަންތަށް އޭނަ ނާޒިމްއަށް ކިޔައިދިނެވެ. ބަދަލުގައި ފޮނުވި ރުފިޔާގެ އަދަދުވެސް ބުނެދިނެވެ. ނާޒިމް އެމީހަޔާއި ބައްދަލްކޮށް ނިމިގެން ނާއިމް ކައިރިއަށްގޮސް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ނާއިމްއަށް އެހުރިހާ ވާހަކައެއް އިވުމާއެކު މައިރާ ގޮވައިގެން ގެއަށްދިޔައެވެ. ނިހާވެސް ބޮލުގަ ރިއްސާތީ ސުކޫލަށް ނުދާ ދުވަހެކެވެ. ދުވަސްކޮޅަކަށްފަހު މައިރާ ފެނުމުން ނިހާ އޯގާތެރިކަމާއެކު ގޮސް މައިރާގެ ބަނޑުގައި ފިރުމާލަމުން ހާލް އަހާލިއެވެ. އެއާއެކު ނާޒިމްގެ އަތުގެ ހޫނުކަން ނިހާގެ މޫނު މައްޗަށް އެރިއެވެ. ވީތަދުން ތަދުވެއްޖޭ ބުނެ ކޮލުގައި އަތްލިއެވެ. ހާޖަރާއަށް މިމަންޒަރު ފެނި ބާރު ހިގުމުގައިގޮސް ނިހާއާއި ކައިރިވެލަމުން ނާޒިމްއާއި ދިމަޔަށް ތިއުޅެނީ މޮޔަވެގެންހޭ ބުނެ ހަޅޭއްލަވައިގަތެވެ. އަދި މައިރާ ފެނުމާއެކު ރުޅިއައިސް މި މައިރާގެ ނުބައި ރޭވުމޭބުނެ މައިރާއާއި ދިމައަށް ހާޖަރާ ހިނގައިގަތެވެ. ނާޒިމް ހާޖަރާ ހުއްޓުވިއެވެ. އަދި އެރޭގެ ހާދިސާއެއީ ނިހާ ރާވައިގެން ކުރި ކަމެއް ކަމަށް ބުނެ ހުރިހާ ކަމެއް ހާޖަރާއަށް ސާފް ކޮށްދިނެވެ.

ނިހާ ފޯނަށް އައިސްފައިވާ މެސެޖްތަށް ކިޔައިދިނެވެ. ހާޖަރާ ސުވާލުން ފުރިގެންވާ ނަޒަރަކުން ނިހާއަށް ބަލާލިއެވެ. ސުވާލް ކުރަން ފެށިއެވެ. ތެދެއްތޯ އަހަމުން ދިޔައެވެ. ނިހާއަށް އިތުރު ގޮތެއް ނެތެމުން އެއްބަސްވިއެވެ. މައިރާ ބަނޑުގައިވާ ދަރިފުޅަށް ގެއްލުން ދިނުމަށް އުޅުމުގެ ތެރޭގައި މަންމަ ވެއްޓުނު ވާހަކަވެސް ނިހާ ކިޔައިދިނެވެ. ހާޖަރާ އަށް ލިބުނީ ޝޮކެކެވެ. މައިރާއާއިމެދު އެގޮތަށް ކަންތަށް ކުރެވުމުން ދެރަވެ މައިރާ ކިބައިން މާފަށް އެދުނެވެ. ނާޒިމް ރުޅިއައިސް ތިކަހަލަ ވިޔާނުދާ މީހަކާއެކު އުޅެން ބޭނުން ނޫން ކަމަށްބުނެ ނިހާ ކައިރިއަށް ޖެހި އަތްއުފުލާ ނިހާގެ މޫނުގައި ޖަހަން އުޅުނެވެ. އެހެނަސް މައިރާ އެކަން ހުއްޓުވައި މައިރާ ނާޒިމް ކިބައިން އެދުނީ ނިހާއަށް މާފްކޮށް ދިނުމަށްށެވެ. މައިރާ ބަނޑުގައިވާ ދަރިފުޅަށްޓަކައިވެސް މާފްކޮށް ދިނުމަށްށެވެ.

ނިހާވެސް ނާޒިމްގެ ފައިބުޑަށް ތިރިވެ މާފަށް އެދެމުންދިޔައީ ވަރި ނުކުރުމަށެވެ. ދުވަހަކުވެސް ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށް ރޮމުން ބުނަމުން ދިޔައެވެ. ނާޒިމް ނިހާ ނަގާ މައިރާގެ ކުރިމަތީ ބަހައްޓާ މައިރާގެ ކިބައިން މާފަށް އެދޭށޭ ބުނެލިއެވެ. ނިހާ ފަސް ޖެހުމެއްނެތި ރޮމުން ގިސްލަމުން ކުރެވުނު ކަންތަކާ ދެރަވާ ކަމަށްބުނެ މާފަށް އެދެމުން ދިޔައެވެ. މައިރާ ނިހާ ގައިގައި ބައްދާލަމުން މާފް ކުރިއެވެ. ހާޖަރާވެސް މައިރާ ގައިގައި ބައްދާލިއެވެ. އެވަގުތު މައިރާގެ ލޮލުން އުފާވެރި ކަމުގެ ކަރުނަތަށް ފައިބަމުން ދިޔައެވެ.