ޚަބަރު

ކައުންސިލްތަކުގެ ސިވިލް މުވައްޒަފުންގެ މުސާރަ ރަނގަޅުކޮށްދޭން މަޖިލީހުގެ ތެރެއިން މަސައްކަތްކުރާނަން: ރައީސް


  • ޤާނޫނީ މައްސަލަތަކެއް އެބަހުރި

  • މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި

ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކޮންމެ ދުވަހަކު ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ނ. މަނަދޫ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނ. މަނަދޫ ހޭޅި، ޢައްޒާ ޢަބްދުލްޣަފޫރު ވަނީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން، އެފަދަ މުވައްޒަފުން އިތުރު ތަޢުލީމު ހާސިލް ކުރި ނަމަވެސް މުސާރައިގެ ކުރިއެރުމެއް ނުލިބޭ ކަމަށާއި އެކަން ހައްލު ކުރުމަށް ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ސުވާލު ކުރިއެވެ.

މިސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މަޖިލީހުން ކައުންސިލްތައް ކެޓަގަރައިޒް ކޮށްފައިވަނީ ދަށްފަންތީގައި ކަމަށާއި އޭގެ ސަބަބުން މައްސަލަތައް ދިމާވާ ކަމަށެވެ. އަދި ޤާނޫނީ މައްސަލަތައް ހުރުމުން ސިވިލް ސަރވިސް ކޮމިޝަނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެދުގައިވެސް ޚިޔާލު ތަފާތުވުންތައް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޤާނޫނުގެ ބައެއް މާއްދާތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެކަން ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މަޖިލިސް ތެރެއިން ހައްލު ކުރަން ޖެހޭ ބައެއް ޤާނޫނީ މާއްދާތަކަށް ގެންނަ ޖެހޭ އިސްލާހުވެސް ހުރިކަން އެނގޭ. އެއީ އަޅުގަނޑު މާލޭގެ މޭޔަރަކަށް ހުރި އިރުވެސް އެ މައްސަލަ ހައްލުކުރަން އުޅުނީމަ އަޅުގަނޑަށް އެކްސްޕީރިއަންސް ކުރެވިފައިވަނީ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ ސިވިލް ސަރވިސް މުވައްޒަފުންނަށް ވަޒީފާގަ އުޅޭއިރު ކިޔެވުމަށް ބޭސްޑްކޮށް އަދި އެހެން މިންގަނޑުތަކުގެ ތެރެއިންވެސް ކުރިއެރުންތައް ލިބޭނެ ގޮތް މަގުފަހިކޮށްދޭން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގައި ސިވިލް ވަޒީފާތައް އަދާކުރާ މުވައްޒަފުންނަކީ ރަށްރަށުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުންކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ މުސާރައަށް އެބަދަލު ގެންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށާއި ކުރިއަށް އޮތްތަނުގައި މުސާރައިގެ އޮނިގަނޑުތައް އެކުލަވާލާއިރުވެސް އެ މުވައްޒަފުންގެ މުސާރަ ރަނގަޅު ކުރުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.