ޚަބަރު

މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާ ގޮތަށް ގެނައި ބަދަލު ގޯސް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި


  • މިއީ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލައިގައި ކުރި ހުކުމެއް

  • މަޖިލީހުގެ މެންބަރުން ގުނުމުގައި ހުސް ގޮނޑިތައް ނުހިމެނުމަށް ގަވާއިދަށް އިސްލާހުގެނައި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާ ގޮތަށް ގެނައި އިސްލާހު ގޯސްކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ.

އެކޯޓުން މިގޮތަށް ހުކުމް ކުރެއްވީ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅުއްވާފައި މައްސަލައާ ގުޅިގެންނެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގައި ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު މިހާރު ޖުމްލަ މެންބަރުން ގުނަނީ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން 80 މެންބަރުންގެ ގޮތުގައެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވިދާޅުވީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށާއި އެގޮތަށް އޮންނަނީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްކުރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއްގޮނޑި ތަމްސީލް ކުރައްވާ މެންބަރަކީ އެތައް ހާސް ރައްޔިތުންގެ މަސްލަހަތު ތަމްސީލްކުރާ މަންދޫބެއް ކަމަށާއި ޖަލްސާއަށް އެ މެންބަރަކު ހާޒިރުވިޔަސް އަދި ނުވިޔަސް އެ ރައްޔިތުންގެ މަސްލަހަތު އޮންނާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ އެ ދާއިރާއެއް މަޖިލީހުގައި ތަމްސީލުކުރުން ހުއްޓޭނެކަމެއް ނޫންކަން ވެސް ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުން ގަވާއިދަށް ބަދަލު ގެންނަން މަޖިލީހުން ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ވެސް ގާނޫނު އަސާސީގައި ބުނާ އަޣުލަބިއްޔަތަށް ވުރެ ގިނަ މެންބަރުން މިހާރުވެސް އެބަ ތިބިކަން ވެސް ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މެންބަރުންގެ އަދަދާ މެދު ގެނައި އިސްލާހުން މަޖިލީހުގައި މެޖޯރިޓީ އޮތް ސިޔާސީ ފިކުރުގެ ވޯޓުތައް ވަރުގަދަވެގެން ދިޔުން ނޫން އިތުރު ނަތީޖާއެއް ނެތް ކަމަށް އެހުކުމުގައިވެއެވެ. އެހެންވެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ނިންމި ނިންމުމަކީ ހެޔޮ ނިޔަތުގައި ނިންމި ނިންމުމެއް ކަމަށް ކަނޑައަޅަން ދަތިކަމަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އިއްވެވި ހުކުމުގައި ވަނީ ބަޔާން ކުރައްވާފައެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއްވެސް ނެރުނެވެ. ނަމަވެސް އެ އަމުރަށް އަމަލު ނުކުރަން މަޖިލީހުން ވަނީ ނިންމާފައެވެ.

މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދު ގުނުމުގައި ގަވާއިދަށް ގެނައި އިސްލާހުގައި ހިމެނޭ ތިން އަކުރު އުވާލުމަށްފަހު އިތުރު މާއްދާއެއްގައި މިހާރު ވަނީ އެކަންކަން ހިމަނާފައެވެ.