ޚަބަރު

އެއްވެސް ބަދަލެއް ނުގެނެސް އިންތިޚާބުތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު އަނެއްކާވެސް ފާސްކޮށްފި


  • ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައިވާ ފޯކަލް ޕޮއިންޓް މާނަކޮށްފައި ނުވޭ

  • މެންބަރުންގެ މަސްލަހަތު އޮތްކަމަށް ބުނެވިދާނެކަން ފާހަގަކުރެއްވި

  • މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހުރަސް އެޅިދާނެ

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހާ މެދު އިތުރަށް ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުއްވެވި ބިލަށް އިތުރު ބަދަލެއް ނުގެނެސް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ބިލް ދެވަނަ ފަހަރަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓު ދެއްވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލަށް އިތުރު ބަދަލެއް ނުގެނެސް ފާސްކުރަން ޖެހޭކަމަށް 47 މެންބަރުން ވޯޓު ދެއްވާފައިވާއިރު ދެކޮޅަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ.

މަޖިލީހުން އިންތިޚާބާ ގުޅޭ ޤާނޫން އިސްލާހު ކުރަން ފުރަތަމަ ފާސްކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ބިލް ތަސްދީގު ކުރެއްވުމަށް މި މަހުގެ 12 ވަނަ ދުވަހު މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާއިރު އެ ބިލުގައި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ތަޢާރުޒުވާ ކަންކަން ހިމެނޭތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބިލާ މެދު އިތުރަށް ވިސްނެވުމަށް މަޖިލީހަށް އަނބުރާ ފޮނުއްވާފައެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އާންމުކުރައްވަން ޖެހޭ ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި އައިޑީކާޑު ނަންބަރުފަދަ ޒާތީ މައުލޫމާތު ހާމަކުރުމަށް ކަނޑައަޅާފައިވާއިރު އެއީ ޤާނޫނު އަސާސީގެ ދަށުން ލިބެން ޖެހޭ ހައްގެއް ހަނިކުރުން ކަމުގައި ވެދާނެ ކަމަށާއި އެ މައުލޫމާތު ނެތްކަމުގައިވީ ނަމަވެސް ވޯޓުލާ މީހުންގެ ރަޖިސްޓްރީ އާންމު ކުރުމަށް ބޭނުންވާ މަޤުޞަދު ހާސިލް ކުރެވޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ފޯކަލް ޕޮއިންޓުތަކަކަށް ބޮޑެތި ޒިންމާތަކެއް ހަވާލުކުރައްވާފައިވާއިރު ފޯކަލް ޕޮއިންޓް މާނަކޮށްދީފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އައު މަޖިލިސް އިންތިޚާބުގެ ހުރިހާ ކަމެއް ނިންމަން ޖެހޭ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އެޤާނޫނަށް ގެނައި އިސްލާހާއެކު އެމުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަމެއް ނިންމާލެވޭނެ ކަމަށް ނުބެލެވޭ ކަމަށް ރައީސްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންނަކީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތައް ކަމަށްވުމުން އެ ފަރާތްތަކުގެ މަސްލަހަތު ކުރިއެރުވުމުގެ ފުރުސަތު އޮތްކަމަށް ބެލެވިދާނެ ކަމަށް ވެސް ރައީސް، މަޖިލީހަށް ފޮނުއްވެވި ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން މުއްދަތުތައް ކަނޑައަޅާގޮތަށް އޮތުމަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހުރަސް އެޅިދާނެ ކަމެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީގައި ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިޚާބުތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި ރޯދަމަހުގެ ދުވަހަކާއި އިންތިޚާބު ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި 10 ދުވަސް ފަހުންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން މަޖިލީހުން ފާސްކުރި ބިލް ރައީސް ތަސްދީގު ކުރެއްވުމުން އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގެ ތާރީޚު ބަދަލުކުރަން ޖެހޭނެއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުން އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާނެއެވެ. ޤާނޫނުގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުވާ ބިލަކަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރެއްވުމަށްފަހު ގެޒެޓު ކުރައްވަން ޖެހޭނެއެވެ.