އަންނަ ރަމަޟާން މަހަށްފަހު ށ. ފުނަދޫގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ވާހަކައިގައިވަނީ މަސްވެރިކަމާ ބެހޭ ވުޒާރާއިން އެ ރަށުގައި އެންމެ އަވަހަށް ކުރިއަށްގެންދަން ހުރި މަސައްކަތްތަކުގެ ތަފްސީލް ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.
ޝިޔާމް ވިދާޅުވީ އެ ސަރަހައްދުގައި އައިސް ޕްލާންޓެއް ބޭނުންވާ ކަމަށް ފުނަދޫ އާއި ށ. އަތޮޅުގެ ވެސް ގިނަ އަދަދެއްގެ މަސްވެރިން އަބަދުވެސް ދަންނަވާ ކަމަށާއި އެމަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ރަމަޟާން މަސް ނިމުމުން އައިސް ޕްލާންޓުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށާއި އުއްމީދަކީ ތިން މަސް ދުވަހުން އެ މަސައްކަތް ނިންމާލުން ކަމަށް ވިދާޅުވިއެވެ.
އައިސް ޕްލާންޓުގެ އިތުރުން ފުނަދޫއަކީ ފަރުމަހުގެ މަސްވެރިކަން ކުރާ ރަށަކަށްވުމުން އެ ރަށާ ކައިރީގައި ވަދު ކަނދުފައްޗެއް ބާއްވަން ރައްޔިތުން ބޭނުންވާ ކަމަށާއި އެކަން ވެސް އަންނަ ހަފުތާގައި ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފުނަދޫއަކީ މެރިކަލްޗަރ ކުރިއެރުވޭނެ ރަށަކަށްވުމުން އެ ފުރުސަތުތައް ފަހި ކުރުމަށް ކުރެވެން ހުރި ކަންކަން ވެސް ދިރާސާ ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންގެ ކުރިއެރުމަށް މުހިންމު ތަސައްވުރަކާއެކުގައި ކަމަށާއި އެކަން ހާސިލް ކުރުމަށް އެމަނިކުފާނަށް އަދި ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް ބޭނުންވާ ކަމަށެވެ. އެގޮތުން، ޤާނޫނުތަކަށް މުހިންމު އިސްލާހުތައް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއްގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސަރުކާރެއް ލިބިފައި ރައްޔިތުންގެ މަޖިލިސް ވަކި ބަޔަކު، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއް ބޭނުންވާ ގޮތަށް މަޖިލިސް ދިޔައީމަ، އެއްކަލަ އަނެއްކާވެސް އެދިޔައީ ގާދޫކޮލުން ބޭރަށް އަޅުގަނޑުމެންގެ މިނިވަންކަން. އަޅުގަނޑުމެންގެ ފުދުންތެރިކަން. އަޅުގަނޑުމެންނަށް ތިބޭފުޅުން އިޚުތިޔާރު ކުރި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ހާސިލްވާތަނެއް ނުފެންނާނެ، އަޅުގަނޑުމެން އަތުން މަޖިލިސް ހިނގައްޖެނަމަ." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބަލާއިރު އެންމެ ބޮޑެތި، އެންމެ ގިނަ އަދި އެންމެ އަވަހަށް ޕްރޮޖެކްޓުތައް ގެންނަވާ ރައީސަކަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ 14 ހަފުތާގައި ފުއްދަވާފައިވާ ވަޢުދުތަކާއި ކުރިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް އަޅާކިޔާލުމުން އެމަނިކުފާނު ވެރިކަން ކުރައްވަނީ ހެޔޮ ނިޔަތެއްގައިކަން ސާބިތުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.