ޚަބަރު

ލާމަރުކަޒީ ނިޒާމަށް ދުވަހަކު ނާންނަ ކުރިއެރުން މި ދައުރުގައި އަންނާނެ: އާދަމް ޝަރީފް


  • ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ރައީސް ދަނީ މަސައްކަތް ކުރައްވަމުން

  • ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖައްސަވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވި

  • ސަރުކާރަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމުގައި އެހީވުމަށް އެދިވަޑައިގެންނެވި

ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިހާތަނަށް ނާންނަވަރުގެ ކުރިއެރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އަންނާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ ރަށުން ވަޠަނީ ރޫހެއް ފެނިގެންދިޔަކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވަނީ އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވެރިންގެ ތެރެއިން ރައްޔިތުންނާއި ޤައުމާއި ޤައުމުގެ އިސްތިޤުލާލާއި މިނިވަންކަން ދެކެ ލޯބިވާ ވެރިއަކީ ރައީސް ޑރ. މުޢިއްޒު ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ. އެކަން އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން ހާމާވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށްވެސް މުހިންމު މަސައްކަތްތަކެއް އެމަނިކުފާނު ކުރައްވާކަން ފާހަގަކުރެއްވިއެވެ.

"ހަޤީޤީ ބާރުވެރިކަމަކީ މާލީ ބާރުވެރިކަން. ކައުންސިލްތަކަށް އެ ބާރުވެރިކަން ހޯއްދަވައިދެއްވުމަށް ގާނޫނީ ތަރަހައިގެ ތެރެއިން މިހާރު އެއޮތީ ކޮންމެ ކައުންސިލަކަށް ވެސް ފަޅުރަށެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައި. މިއީ ނޫންތޯ ހަގީގީ ބާރުވެރިކަން ކައުންސިލްތަކަށް ހޯދައިދިނުމަށް މަސައްކަތް ކުރަންވީ ގޮތަކީ. އެ ނަމޫނާ ރައީސް އެގެންދަވަނީ ދައްކަވަމުން. ލާމަރުކަޒީ ނިޒާމަށް ލިބޭ ކޮންމެ ކުރިއެރުމަކީ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް،" އާދަމް ޝާރީފް އުމަރު ވިދާޅުވިއެވެ.

ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް ވާ ވައުދުތައް ވަރަށް ފަސޭހައިން ހަނދާންނެތޭކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވިދާޅުވީ ރައީސް ކަންކަން ކުރައްވަނީ ތަފާތުކޮށް ކަމަށެވެ. އެމަނިކުފާނުގެ ވައުދުފުޅުތައް ރައްޔިތުންނަށް ލިޔުންތަކުގެ ޒަރީއާއިން ފަސޭހައިން ބަލައިލެވޭ ގޮތް ހައްދަވައިދެއްވުމަކީ އެމަނިކުފާނު އެ ވައުދުފުޅުތައް ފުއްދަވައިދެއްވާނެކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ނާޒުކު ހާލަތަކެއްގައި ކަމަށާއި، ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުން އިޤްތިޞާދު ކޮޅަށް ޖެހޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

ޤައުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ރައީސް މަސައްކަތް ކުރައްވަނީ މަޖިލީހުގެ ތެރެއިން ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ފިއްތުންތަކާއެކުގައިކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވަނީ ޤައުމަށް ބޭނުންވާ އިންޤިލާބީ ބަދަލު ގެނައުމަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރަށް ކާމިޔާބުވުން މުހިންމު ކަމަށެވެ.