ޚަބަރު

މަޖިލީހުގެ މެމްބަރުން ގުނަން ޤަވާޢިދަށް އިތުރު މާއްދާއެއް


  • ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އުނިކުރަންވަނީ ފާސްކޮށްފައި

  • 242 ވަނަ މާއްދާއަށް ވަނީ ބައެއް އިތުރުކޮށްފައި

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ އަދަދު ގުނުމާ ގުޅޭ މާއްދާގެ ތިން އަކުރެއް ބާޠިލް ކުރުމަށްފަހު މަޖިލީހުގެ ގަވާއިދަށް މާއްދާއެއް އިތުރު ކުރަން މިއަދު ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ވޯޓު ދެއްވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ހަފުތާގައި ނިންމާފައިވަނީ މެންބަރުންގެ ޖުމްލަ އަދަދު ގުނުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އުނިކުރުމަށް ފާސްކޮށްފައެވެ. އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގައި ތިބި މެންބަރުންނަށެވެ.

އައު ސަރުކާރާއެކު ރައްޔިތުންގެ މަޖިލީހުގެ 7 މެންބަރަކު މަޖިލީހުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިތައް ވަނީ ހުސްވެފައެވެ. އަދި މަޖިލީހުގެ އާންމު އިންތިޚާބު ބޭއްވުމާ ހަމައަށް ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ނެތުމުން އެ ގޮނޑިތަކުގެ ބައި އިލެކްޝަން ނުބޭއްވެއެވެ. މިއާއި ގުޅިގެން މަޖިލީހުގައި ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ ޖުމްލަ މެންބަރުންގެ އަދަދު ގުނާނީ ގަވާޢިދުގެ 49 ވަނަ މާއްދާގެ އެ އަކުރުތަކަށް ރިޢާޔަތްކޮށް ކަމަށް ފާސްކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އުނިކުރަން ފާސްކޮށްފައިވާއިރު އެ މާއްދާތައް އުނިކުރުމަށް ބަންޑާރަ ނައިބުވެސް ވަނީ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. މި މައްސަލައާ ގުޅިގެން މެންބަރުންގެ އަދަދު ގުނުމުގައި އެ 3 އަކުރަށް ރިޢާޔަތް ކުރުން މަޑު ޖައްސާލުމަށް ކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ. ނަމަވެސް މަޖިލީހުން ވަނީ އެ އަމުރަށް އަމަލު ނުކުރަން ފާސްކޮށްފައެވެ.

މަޖިލީހުގެ ގަވާޢިދުގެ 49 ވަނަ މާއްދާގެ ތިން އަކުރެއް އުވާލާފައިވާއިރު އެ ގަވާޢިދުގެ 242 ވަނަ މާއްދާއަށް ބައެއް އިތުރު ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. އެ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިޚާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެއެވެ.